ސިފައިންގެ އާއިލީ ހަވީރު ވަރަށް ތަފާތު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން އަހަރީ ދުވަހާއި ދިމާކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާއިލީ ހަވީރު ފަށައިފިއެވެ.
ދިވެހިންގެ ޝަގާފަތާއި ދިވެހި ސިފައިން ފޯރުކޮށްދޭ ހިދުމަތްތަށް ދައްކުވައިދޭ ސްޓޯލްތަކާއި މުނިފޫހިފިލުވުމުގެ އެކި އެކި ހަރަކާތްތަކާއި އެކު މިއަދު ރަސްފަންނުގައި ފެށިގެން ދިޔަ އާއިލީ ހަވީރު ޝަރަފްވެރިކޮށްދެއްވީ އެމްއެންޑީއެފްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝިޔާމްގެ އަނބިކަބަލުންނެވެ.
ދިވެހި ސިފައިންގެ އާއިލީ ހަވީރާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޯރމޭޓިވް އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިފަހަރުގެ އާއިލީ ހަވީރު ހާއްސަކޮށްފައިވަނީ ސިފައިންގެ އާއިލާތަކަށް ނިސްބަތްވާ ކުދަކުދިންނަށާއި އެހެނިހެން އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިންނަށް އެއް މާހައުލަކުން ބައްދަލުކޮށްލާ ތަފާތު ކުޅިވަރުތަށް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމުގައެވެ.
" އަޅުގަނޑުމެން ބާއްވަމުން އަންނަ އާއިލީ ހަވީރަކީ ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ބާއްވަމުން އަންނަ އާއިލީ ހަވީރެއް، މިއަހަރުގެ އާއިލީ ހަވީރުގެ މައިގަނޑު އަމާޒަކީ ސިފައިންގެ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިންނާއި އެހެނިހެން އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން އެއް މާހައުލަކުން ބައްދަލުކޮށްލާ ތަފާތު ކުޅިވަރުތަށް ކުޅުމުގެ މަގު ފަހިކޮށްދިނުން" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.
އަދި ރާއްޖެއިން ކުރިން ނުފެންނަ އެތަކެއް ކުޅިވަރެއް މިފަހަރުގެ އާއިލާއިން ފެނިގެންދާނެ ކަމަށާއި މިފަހަރުގެ އާއިލީ ހަވީރުގައި ދިވެހި ސިފައިން ދެމުންގެންދާ ހުރިހާ ހިދުމަތެއްް ދައްކުވާދޭ ސްޓޯލްތަށް ހުންނާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
" މިފަހަރުގެ އާއިލީ ހަވީރުގައި އެކިއެކި ހަރަކާތްތަށް ކުރިއަށް ގެންދާ 19 ސްޓޯލްއެއް ހުންނާނެ. އަދި މިފަހަރު މުޅިން އާ ކުޅިވަރުތަށްވެސް އާއިލީ ހަވީރުގެ ތެރެއިން ފެނިގެންދާނެ" އާއިލީ ހަވީރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކެޕްޓަން އާޒިމް ވިދާޅުވިއެވެ.
އަދި އާއިލީ ހަވީރުގެ ތެރެއިން ދިވެހިންގެ ކާބަފައިން އުޅުނު ގޮތް ރަމްޒުކޮށްދޭ އެތަކެއް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މޫދުގައި ރައްކާތެރިކަމާއެކު ކުޑަކުދިންނަށް މަޖާކޮށް އެކި ކަހަލަގެ މޫދު ކުޅިވަރު ކުޅެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަދި މިފަހަރުގެ އާއިލީ ހަވީރަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.
" މިފަހަރުގެ އާއިލީ ހަވީރަށް އާންމުންގެ ފަރާތުން ލިބުން އެއްބާރުލުން ވަރަށް ބޮޑު. އަދި އާއިލީ ހަވީރު ފެށުނުތާ މާގިނައިރެއް ނުވެ މި ތަން މިވަނީ ތޮށްޖެހިފަ"  އާޒިމް ވިދާޅުވިއެވެ.
މިއަދުން ފެށިގެންދިޔަ ސިފައިންގެ އާއިލީ ހަވީރު މާދަމާވެސް ރަސްފަންނުގައި ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ