މާލޭގެ އިންޖީނުގެ ވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް މުސީބާތަކަށްވެފައި: ރައީސް ނަޝީދު

މާލޭގެ އިންޖީނުގެ ކައިރީގައި އުޅޭ ބައެއް މީހުންނަށް، އެ ސަރަހައްދުގައި ހުންނަ އިންޖީނުތަކުގެ ސަބަބުން އުނދަގޫވާ މައްސަލަ ހައްލުކުރަމުން ދަނިކޮށް އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވައިފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ އިންޖީނުގެ މިހާރު އެވަނީ މާލޭގައި ދިރިއުޅޭ މީހުންނަށް ސިއްހީގޮތުންނާއި އެހެން ގޮތްގޮތުން މުސީބާތަކަށްވެފައި ކަމަށެވެ. އަދި ސްޓެލްކޯއިން އިންޖީނުގެ ބޮޑުކުރަމުންދަނީ ގާނޫނާއި ގަވާއިދާއި ޚިލާފަށްކަމަށާއި، މިކަމަށް ހައްލެއް ނުގެނެސް އެ ކުންފުނިން އެހެން ކަންކަން ކުރުމަކީ ގާނޫނީ ކުށެއްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
(ސްޓެލްކޯއިން ބަހައްޓާފައި ހުރި އިންޖީނުތަކެއްގެ ސަބަބުން، ގ.ފެހިހިރި އަދި އެގޭގެ ކައިރި އެހެން ގެތަކުގެ އުޅޭ މީހުންނަށް ދިމާވާ އެކި އުނދަގޫތައް ދިމާވާކަމަށްބުނެ، އެގޭގައި އުޅޭ މީހުންގެ ފަރާތުން ވަނީ އެކި ފަހަރުގެ މަތިން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއީ ސިއްހީގޮތުންވެސް ނުރައްކާތަކެއް ހުރިކަމެއް ކަމުގައި އެ އާއިލާތަކުން ދަނީ ބުނަމުންނެވެ.
ސްޓެލްކޯގެ މައި އިންޖީނުގެއިން ބޭރުގައި އެކި ފަހަރުމަތިން ބަހައްޓާފައިވާ އިންޖީނުތަކުގެ ސަބަބުން އެ އާއިލާއަށް އުނދަގޫވަމުންދާކަމަށް އެ މީހުން ބުނަމުންދާއިރު، ވަރަށް އަވަހަށް މި އިންޖީނުތައް ނަގާނެކަމަށް ވަނީ އެނގިފައެވެ.
އިތުބާރުހުރި ގޮތަކަށް "ވޮއިސް"އަށް އެނގިފައިވާ ގޮތުގައި، މާލެ-ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު ނިމުމާއެކު މި އިންޖީނުތައް ބޭނުންކުރުން ހުއްޓާލެވޭނެއެވެ. ސްޓެލްކޯ ފިފްތު ޕަވަރ ޕްރޮޖެކްޓްގެ ނަމުގައި ކުރިއަށް ހިންގާ މި މަޝްރޫއުގެ ކަންކަން މި ހިނގާ ޖުލައިމަހުގެ 31ވަނަ ދުވަހަށް ނިންމާލަން ސްޓެލްކޯއިން ވަނީ އަމާޒުހިފާފައެވެ. މީގެ އިތުރުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީންވެސް ވަނީ އެފަދައިން އަމަލުކުރުމަށް ސްޓެލްކޯއަށް އަންގައި، 15 އޮގަސްޓްގެ ކުރިން އެ 4 އިންޖީނު ބޭނުންކުރުން ހުއްޓާލަންވެސް އަންގާފައެވެޱ
އަދި ކޮންމެހެން ހިންގަންޖެހޭ ހާލަތުގައި މެނުވީ ވަގުތީގޮތުން ބަހައްޓާފައިވާ ޕީކިންގ ޖެނެރޭޓަރުތައް ނުހިންގަން ސްޓެލްކޯއަށް ވަނީ އަންގާފައެވެ. އެކަމަށް އެފަދައިން އަމަލުކުރަމުންދާކަމަށް ސްޓެލްކޯއިން އެންވާރަމެންޓް މިނިސްޓްރީއަށް އެންގިކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައުލޫމާތުތައް، ގ.ފެހިހިރިގޭ މީހުންނަށްވެސް އެނގޭކަމަށް "ވޮއިސް"އަށް ވަނީ އެނގިފައެވެ.
ނަމަވެސް އެ ފަރާތްތަކަކުން ވަނީ ސްޓެލްކޯއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ. މި މައްސަލައިގައި އެދިފައިވަނީ އެ އިންޖީނުތައް އެހެން ތަނަކަށް ބަދަލުކޮށްދިނުމަށާއި، ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދޭން ދައުވާކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކަނޑައަޅައިދޭށެވެ.
އަޑެއް އިވުމުގެ ސަބަބުން އޭގެ ނުރައްކާތެރިކަން ހުންނަ މިންވަރު ދެނެގަތުމަށް އޭގެ ޑެސިބަލް ރޭޓަށް ބެލުމަކީ މުހިންމު ކަމެކެވެ. އެމެރިކާގެ ސީޑީސީން ބުނެފައިވާ ގޮތުގައި 70 ޑީބީއޭއަށްވުރެ މަތީގެ އަޑެއް ގިނަވަގުތު ވަންދެން އިވޭނަމަ އޭގެ ސަބަބުން ގެއްލުންވުމުގެ ފުރުސަތު އެބައޮތެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެގި ރީޑިންގތަކުން ދައްކާ ގޮތުގައި ފެހިހިރި އަދި އެގޭ ކައިރީގައި ހުރި އެހެން ގެއެއްގެ ކައިރީ ދެ ޕޮއިންޓަކުން މި ލެވެލް ހުރީ 71ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ