މި އަހަރަކީ ސުޕްރީމް ކޯޓަށް ކުރީ އަހަރަށްވުރެ ކާމިޔާބު އަހަރެއްކަމަށް ބުނެފި

މިއަދަށް 13 އަހަރު ފުރިފައިވާއިރު މިއަހަރަކީ 2020 ވަނަ އަހަރަށްވުރެ ކާމިޔާބު އަހަރެއްކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމުގެ މުނާސަބަތަކުގައި އެކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.
މާލީ ގޮތުންނާއި އިންސާނީ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، ލިބެންހުރި މަދު ވަސީލަތްތަކުގެ އެހީގައި މި ދާއިރާ އިސްލާހުކުރުމަށާއި ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގައި ހީވާގިކަމާއެކު މަގު ދެއްކުމުގައި ސުޕްރީމް ކޯޓު ދެމިއޮންނާނެއެވެ.
އެކޯޓުގެ ބަޔާނުަގއި ބުނީ ފާއިތުވެ ދިޔަ ދެ އަހަރަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާގުޅިގެން މުޅި ދުނިޔެއަށް ބަދަލުތަކެއް ގެނުވި ދެ އަހަރު ކަމަށާއި އިޤުތިޞާދީ ޙަރަކާތްތަކާއި އިދާރީ އިންތިޒާމުތަކަށް ލޮޅުންއަރައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ދެ އަހަރު ކަމަށެވެ.އަދި އެ ގޮންޖެހުންތަކާ އެކުވެސް، ސުޕްރީމް ކޯޓުގެ އަމާޒަކީ މެދުކެނޑުމެއް ނެތި އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު، ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވެ ކާމިޔާބު އަހަރެކެވެ. 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 18 އިން މި އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި 121 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ޙުކުމްކުރެވިފައިވެއެވެ.އެއީ އޭގެ ކުރީ އަހަރު ޙުކުމްކުރެވުނު އަދަދަށްވުރެ %29 ގެ ކުރިއެރުމެކެވެ.
ފާއިތުވެގެން މިދިޔަ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްޤީކޮށް، ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަންއަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ޢާލަމީ ވަބާގެ މި ދަތި ދަނޑިވަޅުގައިވެސް، ސުޕްރީމް ކޯޓަކީ، ފަސޭހަކަމާއެކު އަދުލު އިންސާފަށް ވާޞިލުވެވޭނެ މަގުފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިގެންވާ ތަނެއްގެގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވި، މިހާ ފުރިހަމަ ނަތީޖާއެއް ޙާޞިލުވެގެން މި ދިޔައީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ހުއްޓުމެއްނެތި ކުރެއްވި މިންނެތް މަސައްކަތާއި ހިތްވަރުން ކަމަށް އެކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމާޒަކީ، ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް، އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާނެރޭ ޒިންމާދާރު މުއައްސަސާއެއްގެގޮތުގައި ސުޕްރީމް ކޯޓު ހަރުދަނާކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ