ލޭންޑް ޔޫސް ޕްލޭން ފާސްކުރިނަމަވެސް ގޯތި ދޫކުރުމުގަ ދަތިތަކެއް އެބަހުރި: މެމްބަރު ނިޔާޒް

ލޭންޑް ޔޫސް ޕްލޭން ފާސްކުރިނަމަވެސް ގޯތި ދޫކުރުމުގަ އަދިވެސް ދަތިތަކެއް އެބަހުރި ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހައްޅުވާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ދައުލަތުގެ ބިމާބެހޭ ގާނޫނަކީ އިސްލާޙު ކުރަންޖެހޭ ގާނޫނެއް ކަމަށާއި ބިމާބެހޭ ގާނޫނަށް ވަރަށް ގިނަ މުއާމަލާތްތައް ކުރެވިދާނެ ކަމަށް ލާމަރުކަޒީ ގާނޫނުގަ ބުނެފަވާ ކަމަށެވެ.
އެހެންނަމަވެސް ބިމާބެހޭ ގާނޫނުގަ ބައެއް ހުރަސްތައް އެބަހުރިކަމަށާއި ލޭންޑް ޔޫސް ޕްލޭން ފާސްކުރިނަމަވެސް ގޯތި ދިނުމުގައާ ބިންތައް އެކިގޮތްގޮތައް ރައްޔިތުންގެ ބޭނުމަށްޓަކައި ހޯދުމަށް ނުވަތަ ކައުންސިލްތަކުން ފާސްކުރާ ފާސްކުރުމުގެ މައްޗަށް އެ ބިންތަކާ ގުޅޭގޮތުން މުއާމަލާތް ކުރުމަށް އަދިވެސް ދަތިތަކެއް ހުރިކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ތަރައްގީގެ ޕްލޭނަށް އެކުލަވާލުމުގައި ކައުންސިލްތަކަށް މިހާރު ދިމާވެފަ އޮތް ދަތިތަކަށް ވަނީ ހައްލުގެނެވިފައި ކަމަށާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ އުޒުރެއް ކަމަށް ނުދެކި ލޭންޑް ޔޫސް ޕްލޭނާއި އަދި ކައުންސިލްތަކުގެ ޕްލޭން އެކުލަވާލުމަށް މެމްބަރު ނިޔާޒް ވަނީ ކައުންސިލްތަކަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރަށް ރަށްރަށުގެ ކައުންސިލްތަކަށް ހިންގަމުން މިހާތަނަށް އައިއިރު އެންމެ ބޮޑު ޝަކުވާއަކަށްވެފަ އޮތީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެފައި ނެތްކަން ކަމަށާއި 11 އަހަރުގެ ތަޖުރިބާގަވެސް އޮތީ ހަމައެގޮަތަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
އަމިއްލަ އެކައުންޓެއް ހުޅުވަންޖެހޭ ކަމަށް ލާމަރުކަޒީ ގާނޫނުގަ ބަޔާންކޮށްފައި ވީނަމަވެސް މާލިއްޔާތު ގާނޫނަށް އެ އިސްލާހު ގެނެސްފައި ނުވުމުގެ ސަބަބުން އެ ބާރު އަބަދުވެސް ހިފެހެއްޓިފައޮތީ މައި ސަރުކާރު ނުވަތަ ފިނޭންސް މިނިސްޓްރީ ތެރޭގައި ކަމަށާއި ނަމަވެސް ގާނޫނަށް ގެނެވުނު ބަދަލާއެކު އެ ބާރުވެރިކަން ކައުންސިލްތަކަށް ފުރޮޅިގެންދާތަން ފެންނަ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އަދިވެސް ފުށުއަރާ ބޮޑެތި ގާނޫނުތަކެއް ހުރިކަން ލޯކަލް ގަވަމަންޓް އޮތޯރިޓީއާ އެހެނިހެން ކަމާ ގުޅޭ އިދާރާތަކާއެކު ބޭއްވުނު ކޯޑިނޭޝަން ބައްދަލުވުމެއްގައި ވެސް ފާހަގަކުރައްވާފައިވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އެ ގާނޫނުތައް އިސްލާހުކޮށްގެން ނޫނީ ތަރައްގީގެ ޕްލޭންގައި ކޮންމެ ވާހަކައެއް އޮތްނަމަވެސް ގާނޫނީ ގޮތުން ހުރަސް އެބައޮތްކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މި ބިލުގެ ފުރަތަ ކިޔުން އިއްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ