ރޮޒެއިނާގެ ރައްދު: ގޮތް ނިންމާނީ މީދޫ ރައްޔިތުން، މިއީ ސިޔާސީ ކަމެއް ނޫން

އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިކުރުމާއި މެދު ގޮތެއް ނިންމަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުން އެދޭނަމަ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށް ރޮޒެއިނާ މިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިއްޔެ ބޭއްވި އައްޑޫ ކައުންސިލުގެ ރަސްމީ ޖަލްސާގައި ބައެއް ކައުންސިލަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އޭގެތެރޭގައި މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ ފެނަކަ އިން ހުޅުމީދޫގައި އަޅަން އުޅޭ އާ އިންޖީނުގެ އެޅުމަށް ބޭނުންވާ ބިމުގެ ރަޖިސްޓްރީ ކައުންސިލުން ފެނަކައާ ހަވާލުނުކުރާ މައްސަލާގައި ކައުންސިލަރު ސާލިހާއާ ވާހަކަދެއްކުމުން ކައުންސިލުގައި ހުރި އުނދަގޫތަކާ ހުރެ އެކަން ނުވެގެން އުޅޭ ކަމަށް ވިދާޅުވި ކަމަށެވެ.
"ބުނީމަ އަޅުގަނޑު ބުނިން އެހެންވީއިރު ދެން ހުޅުމީދޫ ތި ކައުންސިލުން ވަކިވާން ވީހެންނޭ ހީވަނީ. ބުނީމަ ސާލިހާ އަޅުގަނޑު ކައިރީ ބުނީ ތިއީ ވަރަށް ރަނގަޅު ކަމެކޭ. ސާލިހާ ވެސް ވަރަށް ބޭނުން ކަމެކޭ. ރޮޒޭ ތިކަމާ އުޅެބަލާށޭ. ތިގޮތް މި ދެ ރަށަށް މާ ރަނގަޅު ވާނެއޭ" ރޮޒެއިނާ ވިދާޅުވި އެވެ.
ސާލިހާ އެގޮތަށް ވިދާޅުވުމުން ހުޅުދޫ ކައުންސިލަރު ފައިޒްއަށް ގުޅައި އޭނާގެ ހިޔާލު ވެސް ހޯދި ކަމަށާއި އެގޮތުން ފައިޒު ވެސް ބޭނުންވީ އެގޮތް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. ފޭސްބުކްގައި އެ ވާހަކަ ލިޔުނީ އެއަށްފަހު ކަމަށާއި އެއާއެކު ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕްގައި މިކަމާ ވާހަކަ ދެކެވެން ފެށި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"އެތަނުގައި ސާލިހާއަކަށް ނުކުރެނު އަޅުގަނޑު ކައިރީ ބުނިގޮތަށް ބުނާކަށް. އެތާނގަ ވެސް ފައިޒު ހަމަ އެހެން ވިދާޅުވި" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މީދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ލަސްވެގެން ދިޔުމާއި އަދި މިފަހަރު އިންޖީނުގޭ ކަންތަކުގައި ވެސް ކައުންސިލުން ދައްކަމުން އަންނަ ވާހަކަތައް ސާލިހާ ވެސް އަދި އޭނާ ވެސް ގަބޫލުނުކުރާ ކަމަށެވެ. އަދި މިހާރު އޮތް ކަންބޮޑުވުމަކީ މީދޫ އަށް ފަސް ކައުންސިލަރުން އަތުވެއްޖެނަމަ ކައުންސިލުގައި މިހާރު ހުރި ހަމައެކަނި ބޭފުޅާ އަށް މީދޫގެ މައްޗަށް އޮތް ފުރިހަމަ ބާރު ނެތިދާނެތީތޯ ވެސް ރޮޒެއިނާ ސުވާލުކުރެއްވި އެވެ.
"ގޮތް ނިންމާނީ މީދޫ ރައްޔިތުން. އެ ފުރުސަތު ހޯދާދޭން އަޅުގަނޑު މަސައްކަތް ކުރާނަން. އަދި މިއީ އަޅުގަނޑު ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ވެސް ނޫން. ލައްކަ ދުވަހު މީދޫ ރައްޔިތުން ކައުންސިލު ދަށުގައި އޮވެގެން ކުރަމުންދާ އިހުސާސްތައް ފެނުމަށްފަހު، އެމީހުންނަށް މީގަ ގޮތެއް ނިންމުމުގެ ފުރުސަތު ލިބުމަކީ އެމީހުންގެ ހައްގެއް ކަމަށް ދެކޭތީ ކުރާ ކަމެއް" އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވަނީ ސިޔާސީ ބޭނުމެއްގައި ނޫން ގޮތަކަށް ކަމެއް ނުކުރާ މީހުންނަށް މިކަން "ގެޓު" ނުވެދާނެ ކަމަށާއި އެއީ އޭނާގެ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ