ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އޮލިމްޕިކްސްގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރުގައި ބައިވެރިވާ ދިވެހި ވަފުދާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައި އެތުލީޓުންނަށް ހިތްވަރުދެއްވައިފިއެވެ.
އޮލިމްޕިކްސްގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް އެމަނިކުފާނު މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިވެހި އެތުލީޓުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައިފައެވެ.
މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރެވެ.
ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލާނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ