ޢިބްރަތްތެރި ވާހަކަ: ހެޔޮލަފާ ބައިވެރިޔާއަށް ޚިޔާނާތްތެރިވީމާ ހުރިހާ ކަމަކުން ކޮޅުކެހިލިބި ބާކީވެ މަގުމަތިވި ފިރިއެއްގެ ވާހަކަ-

ކައިވެނީގެ ޚުޠުބާގައި ކިޔައިދެނީ ދެމީހުން އެކަކު އަނެކަކަށް ވަފާތެރިވުމަށެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަށެވެ. އެހެނަސް ޙަޤީޤަތުގައި މިކިޔެނީ އެއްވާހަކައެކެވެ. އެއްކަމެއްގެ ވާހަކައެވެ. ތެދުވެރިވުމުގެ ވާހަކައެވެ. ޙަޤީޤަތަށް ބަލައިފިނަމަ ތެދުވެރިޥާންވީ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް ތެދުވެރިވާނަމަ ބޭވަފާތެރިވުމުގެ މައްސަލަ ކުރިމައްޗެއް ނުވާނެއެވެ. 
އެދެމަފިރިންގެ ކައިވެންޏަށް 12 އަހަރުވީއިރު 4 ދަރިންވެސް ވަނީ ލިބިފައެވެ. ދިރިއުޅެމުން އައީ ހަމަ ވަރަށް އުފަލުގައެވެ. ނަމަވެސް ފިރިމީހާގެ ކަންކަން ބަދަލުވަމުން އަންނަކަން އަނބިމީހާއަށް ފާހަގަކުރެވެން ފެށިއެވެ. އެހެންކަމާއިއެކުވެސް އެއްވެސް ސުވާލެއްވެސް ނުކުރެއެވެ. އޭނާއަށް ކުރެވުނުހައި ރަނގަޅަކަށް ކަންކަންކޮށްދީގެން އެކުގައި އުޅެން މަސައްކަތްކުރީއެވެ. 
ފިރިމީހާ ބުނީ އޮފީހުގެ ރަސްމީ ދަތުރަކު 3 ހަފްތާއަށް ރަށުންބޭރަށް ދާންޖެހިއްޖެ ކަމަށެވެ. އަނބިމީހާ ފިރިމީހާގެ ދަތުރުހަދައިދީ ފުރަން ނުކުންނަން އުޅުނުއިރު ހެޔޮދުޢާކޮށްދިނެވެ. އަދި ރައްކައުތެރިވެގެން އުޅުމަށް ނަޞޭޙަތްދިނެވެ. ދަތުރުގައިވެސް ނަމާދެއް ނުއަޅައި ވީހާ ރަނގަޅަށް ޢަމަލުތައް ބަހައްޓަންވެސް ނަޞޭޙަތްދިނެވެ. 
ދަތުރުފުރިތާ 3 ވަނަދުވަހު ފިރިމީހާ އާއިއެކު އޮފީހުގައި މަސައްކަތްކުރާ މުވައްޒިފެއްގެ ކިބައިން އެނގުނީ ފިރިމީހާ ދިއައީ އޮފީހުގެ ދަތުރަކު ނޫންކަމާއި ޗުއްޓީ ނަގައިގެންކަމެވެ. ވީމާ ދަތުރުގެ ޙަޤީޤަތް އޮޅުވައިލި ސަބަބު އޮޅުންފިލުވަން އެކި ގޮތްގޮތުން މަސައްކަތްކުރަމުން ގޮސް އެއްރޭ ވަޓްސްއަޕުން ވީޑިއޯކޮށްކުރި ކޯލެއް ފިރިމީހާ ނެގުމުން ފެނުނު މަންޒަރުން ދަތުރުގެ ޙަޤީޤަތް އެނގުނެވެ. ފިރިމީހާއަށް ވިސްނާނުލައި ކޯލު ނެގުނީ ލޯބިވެރިޔާ އާއި ދެމީހުން އެކުގައި އެނދުގައި ތިބެގެންނެވެ. ފިރިމީހާއަށް ވިސްނުމުން މަންޒަރު ބަދަލުކޮށްލިއެވެ. ނަމަވެސް އެއިރު އަނބިމީހާއަށް ވަނީ މަންޒަރު ވަރަށްރީތިކޮށް ފެނިފައެވެ. 
އަނބިމީހާއަކީ ވަރަށް ތެދުވެރި އަޅުވެރިއެކެވެ. އެހެންކަމުން ޙަޤީޤަތް ދެއްކެވީއެވެ. އަނބިމީހާ ކަމެއް ފެނުނު ކަމަކަށްވެސް ނުހަދައި ވާހަކަދައްކާލާފައި ފޯނު ބޭއްވީއެވެ. އެއިގެ ފަހުންވެސް 2،3 ދުވަހުން ދިއައީ ގުޅަމުންނެވެ. އެފަދަ ކަމެއް އެނގުނުކަމަށްވެސް ނުހަދާތީ ފިރިމީހާ ހީކުރީ އަނބިމީހާއަށް ލޯބިވެރިޔާ ނުފެންނަނީ ކަމަށެވެ. 
ފިރިމީހާ ދަތުރު ނިންމާލާފައި އެނބުރި ގެއަށް އައިސް ދޮރުހުޅުވަން ބެލިއިރު ތަޅުވަނީ ބަދަލުކޮށްފައެވެ. ބެލްޖެހުމުން ދޮރުހުޅުވީ ނުވެސް ދަންނަ މީހެކެވެ. އޭނާ ގާތު އަނބިމީހާ ކޮބައިތޯ އާއި އޭނާއަކީ ކާކުތޯ ސުވާލުކުރުމުން ދިނީ އަނބިމީހާގެ ނޯޓެކެވެ. 
"12 އަހަރަށްފަހު ދިން ހަދިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! ގެ ވިއްކާލައިފީމެވެ. އެނބުރި މިދަނީ މައިންބަފައިންގެ ގާތަށް ފައިޞަލް އާބާދަށެވެ. ހޯދަން އަންނާނެ ކަމެއް ނެތެވެ. ކަމެއް ކޮށްދޭނެނަމަ މިނޯޓު ކިޔާފައި އަވަހަށް ވަރިކޮށްލައިދީފައި އެކަން މެސެޖުކޮށްލާށެވެ. އަހަރެންނަށްވުރެ ރަނގަޅު ބައިވެރިއަކު ލިބުނީތީ އުފާކުރަމެވެ. ދެމީހުންނަށް އުފާވެރިކަމަށް އެދެމެވެ. އަނބިމީހާ." 
ފިރިމީހާއަށް ގޮތްހުސްވިއެވެ. ގޮސްވަންނާނެ ތަނެއް ނެތެވެ. ކަންބޮޑުވެގެން ހުރެ ލޯބިވެރިޔާއަށް ގުޅުމުން ބުނީ ލޯބިވެގެން އުޅުނީވެސް ދަތުރު ދިއައީވެސް އަންތބަކު ނެތްކަމަށް ބުނެފައި އޮތުމުން ކަމަށެވެ. ދަތުރުގައި ހުރިހާ ކަމެއް އެނގުމުން ދެން ބައްދަލުކުރަންވެސް ބޭނުން ނެތް ކަމަށެވެ. 
ދެން ދިމާވިކަމަކީ ވަޒީފާއިން ވަކިކުރުމެވެ. އޭނާ މަސައްކަތްކުރަމުންދިއަ ތަނުގެ ވެރިމީހާއަކީ މުވައްޒިފުންގެ ޢާއިލީ ދިރިއުޅުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހެކެވެ. އޭނާގެ ކަންކަން އެނގުމާއިއެކު އަނބިދަރިންނަށް ތެދުވެރިނޫން މީހަކު ވަޒީފާގައިވެސް ތެދުވެރިނުވާނެކަމަށްބުނެ ވަޒީފާއިންވެސް ވަކިކުރުމުން ދެން އުޅެންޖެހުނީ ވަރަށް ނިކަމެތި ޙާލުގައެވެ. 
މިއީ އަޅުގަނޑު ހަމަ މިފަދަ ޙާލުގައި ޖެހި ހިތްދަތިކަމުގައިހުރި ދުވަސްވަރު ވަރަށް ގާތް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. ޢިބްރަތްތެރި ވާހަކައެއްގެ ގޮތުގައި ލިޔެފައިވާ ވާހަކައެކެވެ. އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް ވެސް މިވާހަކައިން ޢިބްރަތްތަކެއް ޙާޞިލުކުރެވޭނެ ކަމަށެވެ. 
ރަނގަޅު ގޮތުގައި ކިޔަމަންތެރިކަމާއިއެކު އިންދައި ބޭވަފާތެރިވާ ފިރިންނަށް ދެވަނަ ފުރުޞަތު ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. ނިކަންވިސްނައިލަބަލާށެވެ. އަންތބަކު އިންދައި އަދި 4 ދަރިން ލިބިފައިވަނިކޮށް އެބުނީ އަންތބަކު ނުވެސް ނެތް ކަމަށެވެ. ވީމާ ލޯބިވެރިޔާވެސް ކަންތައް އެކުރީ ހަމަ ކަންތައްކުރަންވީ ގޮތަށެވެ.
 
- ޒީނިޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ