އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން: މައުމޫން

އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެއަށް ބޮޑު އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވުމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އެއްވެސް ސަބަބަކާއި ހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން. އަދި ޢާންމުންގެ ތާއީދު ހޯދުމަށްތިޔަ ވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން."
މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މަރުގެ އަދަބު ތަންފީޒުކުރުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ޑިސެމްބަރު 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވިދާޅުވުމާއި ގުޅިގެން ވެސް މައުމޫން ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމަށް ދެނެވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާއި މައުމޫން ދެކޮޅު ހައްދަވާފައިވާތީ އޭނާއަށް ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ނުރުހުންވެސް އަމާޒުވެފައެވެ. އެގޮތުން މަރުގެ އަދަބަކީ ކީރިތި ޤުރުއާނުގައި މާތް الله އަންގަވާފައިވާ ކަމެއް ކަމާއި އެކަމާ ދެކޮޅު ނުހެދޭނެ ކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ.
އެންމެ ފަހުން ރާއްޖޭގައި މަރުގެ އަދަބު ދިނީ 1953 ވަނަ އަހަރުއެވެ. އެއަށް ފަހު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތްތަކެއް ކޮށް، އެކަމަށް އުސޫލެއް ހަދައި، އިންޖެކްޝަން ދީގެން މަރުގެ ހުކުމް ދޭން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭރުވެސް ރާއްޖޭގައި މި ހުކުމް ތަންފީޒު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ނިމިގެންދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
މަރުގެ އަދަބު ނުދިން ނަމަވެސް މިހާރުވެސް ރާއްޖޭގައި މަރުގެ ހުކުމް އިއްވާފައިވާ 4 މީހަކު އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ