ރާއްޖެއިން ބޭރުގައި ތިބި 103 ދިވެއްސަކު މާދަމާ ގެންނަނީ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އާދެވޭނެ މަގު ތަނަވަސްވެފައިނުވެ ތިބި 103 ދިވެއްސަކު މާދަމާ ރާއްޖެ ގެނައުމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
އެންއީއޯސީގައޮ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ބޭރުގެ ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަށްޓަކައި، ސަރުކާރުން އެކި ދުވަސްމަތިން ފްލައިޓްތައް ތާވަލުކުރަމުން އަންނަކަމަށެވެ.
އަދި ރާއްޖޭގައި ތިބި އެކި ޤައުމުތަކުގެ މީހުން، އެ މީހުންގެ ޤައުމަށް ފޮނުވުމުގެ ގޮތުން ސަރުކާރުން ފްލައިޓްތައް އެކި ދުވަސްދުވަހަށް ތާވަލް ކުރަމުން އަންނަކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މި ގޮތުން، މިއަދު އެކަނިވެސް 195 މީހަކު ފޮނުވާލެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އާދިއްތަ ދުވަހު ހެނދުނު ރާއްޖެއަށް އައުމަށް ތައްޔާރުވެފައިވާ ފްލައިޓްގައި 103 ދިވެއްސަކު ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މި އެންމެންނަކީ ވެސް 03 ޤައުމެއްގައި ތިބި މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ބެލަރޫސް މަގުން މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފްލައިޓް އަންނަނީ، އެ ޤައުމުގައި ތިބި 48 ދިވެހިން ގޮވައިގެންކަމަށާއި، އަދި އިނގިރޭސި ވިލާތުގައި ތިބި 23 ދިވެއްސަކު ގޮވައިގެން ލަންކާގައި ޖެއްސުމަށްފަހު، އެ ޤައުމުގައި ތިބި 32 ދިވެހިން ގޮވައިގެންކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން، އެކި ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނެސްފައިވާއިރު، ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވަނީ ފޮނުވައިލާފައެވެ. އޭގެތެރޭގައި އިންޑިއާ، ބަންގްލަދޭޝް، ޗައިނާ، ތައިލެންޑް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ