ފިތުނައިން ސަލާމަތްވެވޭނީ ހަމަބުއްދީގެ ބޭނުންކޮށްގެން!

ތެދެކެވެ. ދުނިޔެއަކީ އަޖުމަ ބެލުމުގެ މަންޒިލެކެވެ. މި މާއްދީ އިމްތިހާނުގެ މައިދާނުގައި އެއްވެސް މީހަކު އިސްތިސްނާވެގެން ނުވެ އެވެ. އެހެންކަމުން މި ދަތުރުގައި އެކަކު އަނެކަކުގެ ކިބައިން ސަމާލުވާންވީ ނުވަތަ ރައްކާތެރިވާންވީ އެއް ކަމަކީ "ފިތުނަ" އެވެ. ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ އިންސާނީ މުސީބާތެކެވެ. އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅިގެންދެ އެވެ. ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފަހި ކުރުވާ ޝައިތާނީ އަމަލެކެވެ. ފިތުނަތައް ފާޅުވުމަކީ ގިޔާމަތްވުމުގެ ކުދި އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ކަމަށް އިލްމުވެރިން ވެސް ވިދާޅުވެ އެވެ.ބަހުގެ ގޮތުން ބަލާއިރު ފިތުނައިގެ ތަފާތު މާނަތައް އޮވެ އެވެ. މި ހުރިހާ މާނަތަކުގެ ހުލާސާ އަކީ ފިތުނަ އަކީ، ހައްގުން އެއްކިބާ ކުރުވަނިވި، ނުވަތަ ބުއްދި އާއި މުދާވެރިކަން ފަދަ ކަންކަން ބީވެގެންދަނިވި ގޮތުގައި މެދުވެރިވާ ދިރިއުޅުމުގެ އިމްތިހާނުތަކެވެ. ކީރިތި ގުރުއާނުގައި ފިތުނައިގެ ލަފުޒު 45 ފަހަރު އައިސްފައިވާ އިރު އެ ހުރިހާ ތަނެއްގައި ވެސް އެކުލެވިގެންވާ މާނައިގެ ހުލާސާ އަކީ ފިތުނައަކީ، ދިރިއުޅުމުގެ އިމްތިހާނުގެ ދަނޑިވަޅުތަކުގައި ނާކާމިޔާބުވެ ކުށްތަކާއި ފާފަތަކަށް އަރައިގަތުން ނުވަތަ މަގުން ކައްސާލުމެވެ. އަދި މިކަމުގެ ނުބައި އަސަރު އެ މީހަކަށާއި އެހެން އެތައް ބަޔަކަށް ފެތުރިގެން ދިއުމެވެ. ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައިވާ ގިނަ ފިތުނަތައް ގުޅިފައި ވަނީ "ވިސްނުމާއި އަގީދާގެ އޭރިއާ އަށެވެ. މީގެ އިތުރުން މުދަލާއި ދަރިންގެ ފިތުނަ ހިމެނެ އެވެ. ޖާހާއި އާރާއި ބާރުގެ ފިތުނަ ހިމެނެ އެވެ. އަންހެނުންނާއި ފިރިހެނުންގެ ފިތުނަ ހިމެނެ އެވެ. ހިޔާލު ތަފާތުވުމުގެ ތެރެއިން އުފެދޭ ފިތުނަ ހިމެނެ އެވެ. އަހުލާގީ ފިތުނަ ހިމެނެ އެވެ. މި ލިޔުމުގައި ބޮޑަށް މި ބަލާލަނީ " ދީނީ ފިތުނަ" އަށެވެ.ދީނީ ފިތުނައެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲގެ އަޅުންނާއި އެ ކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނުކުރެވޭ ފިތުނަކަން މި ފަހުން އިއްވި ހުކުރު ހުތުބާއެއްގައި ވަނީ ހަނދާންކޮށްދީފަ އެވެ.ފިތުނައިން ރައްކާތެރިވުމުގެ މުހިންމުކަން ބަޔާންކޮށް ދީ ހިތުބާގައި ބުނީ ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑަކީ ދީނުގެ މެދުމިން ކަމަށާއި އެކަމުން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ހިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ. ފިތުނައިގެ ނުރައްކާ ބަޔާންކޮށްދިން ހުތުބާ ފެށުމުގެ ގޮތުން، އެކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ﷺގެ ހަދީސްފުޅެއް ގެނެސްފައިވެ އެވެ."ތިޔަބައިމީހުންނާ ފިތުނަތަކާ ކުރިމަތިވާނެ އެވެ. އެ ކަންތައްތަކުގައި ދެތުވެ ހުރި މީހާއަށް ވުރެ އިށީނދެ އިން މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނަވެރިކަމާ ގާތަށް] ހިނގާފައި ދާ މީހާއަށް ވުރެ، [ދުރުން އެކަން] ބަލަން ހުރި މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނައިގެ ތެރެއަށް ވަނުމަށް] ދުވާ މީހާއަށް ވުރެ، ހިނގާފައި ދާ މީހާގެ ހެޔޮކަން ބޮޑެވެ. ފިތުނައިގެ ތެރެއަށް ވަދެއްޖެ މީހާ، އެކަމުގައި ހަލާކުވެ ހިނގައިދާނެތެވެ. ފަހެ ފިތުނައިން ރެކި، ފިލަން ވަންނާނެ ތަނެއް ލިބުނު މީހާ، ފަހެ އެ ތަނަކަށް ވަދެ ރައްކާތެރިކަން ހޯދާފައި ހުށި ކަމެވެ." ފިތުނަޔާ ވީހާ ވެސް ދުރުވުމާއި ދުރުވި މިންވަރަކުން ހެޔޮކަން އިތުރުވެގެންވާކަން ބަޔާން ކުރައްވާފައިވާ ހަދީސްގެ މާނާގައިވެ އެވެ.ދީނީ އެކި ކަންކަމުގައި ހިޔާލު ތަފާތުވެ އެއްބަޔަކު އަނެއް ބަޔަކަށް ކުޑައިމީސްކޮށް ރައްދު ދިނުން އިތުރުވެފައިވާކަން ހަދާންކޮށްދެމުން ހުތުބާގައި ބުނީ ދުނިޔެ އަކީ އިމްތިހާނުގެ، އަޖުމަ ބެލުމުގެ ގޮވައްޗެއް ކަމަށާއި އިމްތިހާނުގެ މައިދާނުން އެއްވެސް މީހަކު އިސްތިސްނާ ވެގެން ނުވާ ކަމަށެވެ."މި އިމްތިހާނުގައި ފެއިލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެންދެ އެވެ." ހުތުބާގައިވެ އެވެ.ހުތުބާގައި ބުނި ގޮތުގައި، ފިތުނައާ ނުލައި މަރުގެންނެވުމަށް އެދިވަޑައިގެން "އަޅަމެންގެ ދީނުގައި އަޅަމެންނަށް މުސީބާތެއް ނުލައްވާންދޭ" ވިދާޅުވެ ރަސޫލާ ދުއާ ކުރެއްވި އެވެ.ފިތުނަ އަކީ ހިތާއި ސިކުނޑިއަށް ޖެހޭ މުސީބާތެއްގެ ގޮތުގައި ސިފަކޮށް ހުތުބާގައި ބުނީ އެކަމުގެ ސަބަބުން ކެތްތެރިން ވެސް އާވާރެ މަގު އޮޅިގެންދާ ކަމަށެވެ. އަދި ފިތުނަވެރިކަމަކީ ދެކޮޅުވެރިކަމާއި ބައިބައިވުން އުފެއްދުމަށް މަގު ފަހިކުރުވާ ޝައިތާއީ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ."ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅިއަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތެވެ،" ދޮގު ވާހަކަ ފެތުރުން ހުއްޓުވުމުގައި މީޑިއާގެ ދައުރު ފާހަގަކޮށް ހުތުބާގައި ބުނެފައިވެ އެވެ.ބަޔަކާއި ފިތުނަޔެއް ކުރިމަތިވެއްޖެނަމަ އެކަމެއް ވެގެންދާނީ ވަކި މީހަކު އިސްތިސްނާނުވެ އެންމެން އޮޔާދާ ސުނާމީއެއްގެ ގޮތުގައި ވެސް ހުތުބާގައި ވަނީ ސިފަކޮށްފަ އެވެ. ނުބައި އަދި ނުރައްކާތެރި ފިތުނައިން ސަލާމަތްވެވޭނީ ހަމަބުއްދީގެ ބޭނުންކޮށްގެން، ރަނގަޅު ގޮތް ދެނަގަނެ އެއަށް ތަބާވެގެން ކަމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވި އެވެ.މިނިވަންކަމުގެ އެއް ބާވަތަކީ ދީނީ މިނިވަންކަމެވެ. މީގެ މާނަ އަކީ އިސްލާމްދީން އެއްވެސް މީހަކަށް އިސްލާމްވާކަށް މަޖުބޫރެއް ނުކުރެ އެވެ. މާތް الله ގެ ވަހީބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެ އެވެ (އަލްބަޤަރާ 256).އެހެންވެ އިސްލާމް ދީނުގައި އޮންނަނީ މި އަލިމަގަށް އެބަހީ ހައްގަށް މީހުންނަށް ގޮވާލުމެވެ. ހައްގަށް ތަބާ ނުވިއަސް އިސްލާމީ ދައުލަތުގެ ތެރޭގައި އެ ތަނުގެ އަމަންއަމާންކަމާއި ނިޒާމު ހިފަހައްޓާ ނަމަ އެ މީހަކު ތަބާވާ މަގަކަށް ނުވަތަ ދީނަކަށް ތަބާވުމުގެ މިނިވަންކަން ދިނުމެވެ. ނަމަވެސް ހައްގަށް ތަބާވެ އިސްލާމް ވެއްޖެ ނަމަ އެ މީހެއްގެ މައްޗަށް އިސްލާމީ ހުކުމްތައް އަންނާނެ އެވެ.ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ދުނިޔެއަކީ އިމްތިހާނުގެ ދާރެއް ކަމެވެ. ހަގީގީ ކާމިޔާބު އޮތީ އުހުރަވީ ހަޔާތުގައި ކަމެވެ. އެހެންކަމުން ދުނިޔެއަކީ ފިތުނައިން ސަލާމަތްވާން ލިބޭ ފުރުސަތެކެވެ. އިސްލާމީ މުޖުތަމައުން މީޑިއާގެ ވަސީލަތްތަކާއި މިސްކިތްތަކާއި އިލްމުވެރިންނާއި މަދަނީ ޖަމްއިއްޔާތަކާއި ވިޔަފާރިވެރިންނާއި ދައުލަތުގެ މުއައްސަސާތަކުން ވެސް ރައްޔިތުން/އިންސާނާ ފިތުނަ އަށް ހުށަހެޅިދާނެ އެއްވެސް ކަމެއް ނުކުރުން މޮޅުއިތުރެވެ. އެންމެން ވެގެން މަސައްކަތް ކުރަން ޖެހޭނީ މުޅި މުޖްތަމައު ފިތުނަތަކުން ދުރުހެލިކޮށް ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމުގައި ގުރުބާން ވުމަށެވެ. މިކަމަކީ ފަސޭހަ ކަމަކަށް ނުވިއަސް މިއީ މުސްތަހީލު ކަމެއް ނޫނެވެ.ފިތުނަތަކުގެ މި ޒަމާނުގައި ގޮންޖެހުންތައް ކިތަންމެ ގިނަވިޔަސް "އިސްލާހަށް" ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އެއް ކަމަކީ، ﷲ ގެ އެއްކައުވަންތަކަމާއި އާހިރަތް ދުވަހުގެ ހަގީގަތާ މެދު ހިތްތަކުގައި ކަށަވަރުކަން ވަރުގަދަ ކުރުމެވެ. މިކަމަށް އޮތް މަގަކީ އިންސާނާ ﷲ އަށް ރުޖޫއަ ވުމެވެ. މުސީބާތެއް ނުވަތަ ފިތުނައެއް މެދުވެރިވާ ހިނދު ކެތްކުރަން ދަސްވެއްޖެ ނަމަ އެ މީހަކަށް ﷲ އަށް ރުޖޫއަވާން ފަސޭހަވާނެ އެވެ. ﷲ ބަޔާން ކުރައްވާފައި ވަނީ ކެތްތެރިންނަކީ އެ މީހުންނަށް މުސީބާތެއް މެދުވެރި ވުމުން إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ އޭ ކިޔާ މީހުން ކަމަށެވެ (އަލްބަގަރާ 156). މިއީ ﷲ އަށް ތިމާ ރުޖޫއަވާ ކަމުގެ އިއުތިރާފެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ