ގައުމީ ޓީމާ ހަވާލުވާން އުރްބާނީ ރާއްޖެ އަތުވެއްޖެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ތިންވަނަ ފަހަރަށް ހަވާލުވާން، އިސްތަވާން އުރްބާނީ މިއަދު ރާއްޖެ އަތުވެއްޖެ އެވެ. 
ރާއްޖޭގެ ފުޓްބޯޅަ އަށް ފަރިތަ ތަޖުރިބާކާރު ކޯޗު. މިފަހަރު އެނބުރި އައީ ކޯޗުކަމުގެ މަގާމުގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަމުގެ މަސްއޫލިއްޔަތާ ވެސް ހަވާލުވުމަށެވެ.
މާލެ އައުމުން އޭނާ އަށް މަރްހަބާކީ އެފްއޭއެމްގެ ނައިބު ރައީސް ހުސައިން ޝާފިއު އާއި އެކްސްކޯ މެންބަރު އަދި ކުރިން އުރްބާނީގެ ކޯޗުކަމުގެދަށުން ކުޅުނު ކީޕަރު އިމްރާން މުހައްމަދެވެ.
އުރުބާނީއާ އެކު އަދި ރަސްމީ އެއްބަސްވުމުގައި ސޮއެއް ނުކުރެ އެވެ. އޭނާގެ ކޯޗުކަމުގެދަށުން ރާއްޖޭން ފުރަތަމަ ކުޅޭ މެޗުގައި މާޗް މަހު 31 ގައި ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. މާލޭގައި ކުޅޭ އެ މެޗަކީ އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗެވެ. 
އުރުބާނީއާ އެކު މަސައްކަތް ކުރި ކުޅުންތެރިން ބުނާ ގޮތުގައި އޭނާއަކީ ރާއްޖޭގެ ފުޓްބޯޅަ ބަދަލުކުރަން މަސައްކަތް ކުރި ކޯޗެކެވެ. ދިވެހި ކުޅުންތެރިން ލައްވައި ރީތި ގޭމެއް ކުޅުވަން  އޭނާ މަސައްކަތް ކުރި އެވެ. އަދި ދަނޑުމަތީގައި ކުޅުންތެރިޔާ ކުރާ މަސައްކަތްތަކުގެ އިތުރުން ދަނޑުން ބޭރުގައި ވެސް ކުޅުންތެރިޔާ ގެންގުޅޭ އަހްލާގަށް ވެސް އޭނާ އިސްކަންދޭކަމަށް އޭނާގެ ކޯޗުކަމުގެދަށުން ކުޅުނު ކުޅުންތެރިން ބުންޏެވެ. 
އެފްއޭއެމްގެ މިހާރުގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވެސް ވަނީ އުރުބާނީގެ ކޯޗުކަމުގެދަށުން ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި އެކްސްކޯގެ އަނެއް މެންބަރު މުހައްމަދު އުމޭރު ވެސް އުރްބާނީގެ ކޯޗުކަމުގެދަށުން ކުޅުނެވެ.
ގައުމީ ޓީމުގެ ކޯޗުކަމުގެ ޒިންމާގެ އިތުރަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާ ވެސް އުރުބާނީ މިފަހަރު އުފުލާތީ އޭނާގެ މަސައްކަތް ބުރަ ވާނެ އެވެ.  އެމެރިކާގެ މޭޖާ ލީގުގެ ކެންސަސް ސިޓީގެ ކްލަބްގެ ޓެކްނިކަލް އިސް މަގާމުގައި މަސައްކަތް ކުރި ކޯޗަށް މިފަހަރު އޮތީ އަޑިގަނޑަކަށް ވެއްޓިފައިވާ ފުޓްބޯޅަ ކޮޅަށް ނެގުމުގެ މަސައްކަތެވެ.
މިފަހަރު ރާއްޖެ އައުމުގެ ކުރިން، "މިހާރު" އަށް އޭނާ ބުނީ ރާއްޖޭގައި އަލުން މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށެވެ. 
ރާއްޖޭގެ ކޯޗުކަމާ އުރްބާނީ އެންމެ ފުރަތަމަ ހަވާލުވީ 2009 ގަ އެވެ. ބަންގްލަދޭޝްގައި އެ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އޭނާގެ ކޯޗުކަމުގެދަށުން ރާއްޖެ ދަތުރު ކުރި އެވެ. ގުރޫޕް ސްޓޭޖުގައި އިންޑިއާގެ 23 އަހަރުންދަށުގެ ޓީމު ބަލި ކުރި އެވެ. ނަމަވެސް، ފައިނަލުގައި ރާއްޖެ އަށް ނާކާމިޔާބުވީ ޕެނަލްޓީ ޖަހައިގެން އިންޑިއާގެ އެ ޓީމު އަތުންނެވެ. 
އޭގެ ދެ އަހަރު ފަހުން އަނެއްކާ ވެސް ރާއްޖެ އައިސް މަސައްކަތް ފެށި އެވެ. އެފަހަރު އޭނާގެ ކޯޗުކަމުގެދަށުން ލަންކާގައި ބޭއްވި މަހިންދަރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމަށް ހޯދައި ދިނެވެ.  
ވިކްޓަރީގެ ކޯޗު ޖޯޖިއޯލީ ގެރީއަކީ އުރްބާނީގެ ގާތް އެކުވެރިއެކެވެ. ސްލޮވާކިއާގެ އިތުރުން ހަންގޭރީގެ ރައްޔިތުންކަން ވެސް އޮންނަ ގެރީ އަށް ވިކްޓަރީގެ ކޯޗުކަން ދިނީ އުރްބާނީގެ ލަފާގެމަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ