އާމިނަތުދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

އައްޑޫގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދުވަސްވީ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އާމިނަތުދިޔެ، 59، އެވެ. އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އެ އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނިންމީ އެއީ ހެއްކާއި ގަރީނާއަށް ބަލައި ރަނގަޅަށް ނިންމި ނިންމުމެއް ކަމަށެވެ.
އެނގުން މުހިންމު - ބަންދުގައި ބަހައްޓަން އެކަށީގެންވާ މިންވަރަށް ހެކި ހުރި ނަމަވެސް، އޭނާގެ މައްޗަށް ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށް ބުނެ، އޭޕްރީލް 21ގައި އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
ތަފްސީލް - އާމިނަތުދިޔެގެ ފަރާތުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކަށީގެންވާ ހެކި ހުރެގެން ކަމަށާއި، ހައި ކޯޓުން އެ އަމުރަށް ތާއީދުކުރީ ރަނގަޅަށް ކަމަށެވެ.
އެހެންކަމުން، ހައި ކޯޓުގެ ހުކުމަށް ބަދަލުގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލައިގެ ބެންޗުގައި ތިއްބެވީ:
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 
ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ފަނޑިޔާރު ހުސްނުއްސުއޫދު
އެ މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމުމުގައި ރިއާޔަތްކުރި ހެކިތައް:
ކުއްޖާގެ މަންމައަށް ކުއްޖާއާ މެދު ޖިންސީ އަނިޔާ ހިނގާފައިވާ ގޮތް ކިޔައިދީފައިވުން 
އަނިޔާ ލިބުނު ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓް 
ސުކޫލުގައި ކުއްޖާގެ ބެލުމާ ހަވާލުވެ ހުރި ފަރާތުގެ ބަޔާން
މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި އާމިނަތުދިޔެއާ އެކު މަސައްކަތްކުރާ މީހުން ތިބުން
އާމިނަތުދިޔެ ބަލަމުންދާ 18 އަހަރުން ދަށުގެ ތިން ކުދިން ތިބުމުން އެ ކުދިން ވެސް މިފަދަ އަމަލެއްގެ ޝިކާރައަކަށް ވެދާނެ ކަމަށް ފުލުހުން ބުނުން
އާމިނަތުދިޔެ އަކީ ކުޑަކުދިން ތައުލީމު ހާސިލުކުރަމުންދާ ސުކޫލެއްގައި ޒިންމާދާރު މަގާމެއްގައި ހުރި ފަރާތަކަށް ވުން
ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން ކުއްޖާގެ ކުރިމަތި ފަރާތުންނާއި ފުރަގަސް ފަރާތުން "ފްރެޝް އިންޖަރީސް" ފެންނަން ހުރި ކަމަށް ފުލުހުން ބުނުން 
އިތުރަށް ކިޔާލަން -
ދައުވާކުރާ ވަރަށް ހެކި ނެތިގެން އާމިނަތުދިޔެ ދޫކޮށްލައިފި
6 އަހަރުގެ ކުއްޖަކަށް 'ޖިންސީ ގޯނާކުރި' އަންހެނަކު ހައްޔަރުކޮށްފި
'ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ އަންހެން މީހާ ބަންދުކުރީ ރަނގަޅަށް'
ޖިންސީ ގޯނާގެ ތުހުމަތުކުރާ އަންހެން މީހާގެ މާމަ ދަރިންގެ ހާލަތު ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ