އަމީނަކީ ޓެރަރިސްޓެއް ކަމަށް މީޑިއާއިން ލޭބަލްކުރާތީ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތު ކުރާ މުހައްމަދު އަމީނަކީ ވަކި ކުށެއް ކޮށްފައި ހުރި މީހެއް ކަމަށް ލޭބަލްކޮށް، މީޑިއާއަކުން ހަދާފައިވާ ފޮޓޯއެއްގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި މުހައްމަދު އަމީންގެ ދިފާއީ ވަކީލް، އަހްމަދު ޔާމީން ވަނީ މީޑިއާގައި އަމީންގެ ހަބަރުތައް ގެނެސްދިނުމުގައި "އައިބު" ގޮތެއް ގެންގުޅޭ ކަމަށް ބުނެ އެކަން ބެންޗުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔަ އިރު ވެސް މުހައްމަދު އަމީންގެ ފަރާތުން ވަނީ، އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައި ނުވަނީސް، މީޑިއާތަކުން އޭނާއަކީ ކުށެއް ކޮށްފައިވާ މީހެއް ކަމަށް ދޭހަވާ ގޮތަށް ހަބަރު ގެނެސްދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 
ބުނީ ކީކޭ؟ - މިއަދުގެ އަޑުއެހުން ފެށުމާއެކު މުހައްމަދު އަމީންގެ ދިފާއީ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ މުހައްމަދު އަމީނަކީ އާއިލާއެއް ވެސް ހުރި މީހެއް ކަމަށާއި ދަރިން ވެސް އެބަ ތިބި ކަމަށެވެ. އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމުމަށް ފަހު ވެސް، އޭނާ އަކީ "ވަކި ބާވަތެއްގެ ކުށް ކޮށްފަ ހުރި މީހެއް ކަމަށް ލޭބަލް ވާގޮތަށް" މީޑިއާތަކުން ހަބަރު ގެނެސްދޭ ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.
އޭގެ އިތުރުން، އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގެ ހަބަރު ގެނެސްދިން އިރު، އޮންލައިން ނޫހަކުން މުހައްމަދު އަމީން ސުޕްރީމް ކޯޓުގައި ހުއްޓައި ސްކްރީންޝޮޓެއް ނަގައި، އައިއެސް ރަމްޒުކޮށްދޭ ބެކްޑްރޮޕެއްގައި އެ ފޮޓޯ ބޭނުންކުރި މައްސަލަ ދިފާއީ ވަކީލް ވަނީ ބެންޗުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭނުމަށް ލައިވް ކުރަމުން ދިޔަ ފީޑެއްގައި، މުހައްމަދު އަމީން ތުރުކުރައްވައިގެން ހުންނެވި ގަމީސް ކޮޅު ބެކްޑްރޮޕަށް، ޓެރަރިޒަމް ޖަމާއަތެއް ކަމަށް ބުނާ އައިއެސްއައިއެސްގެ ލޯގޯ ބެކްޑްރޮޕަށް ލައި، ކަތިވަޅިއަކާއި އޭކޭ 47 ހަތިޔާރު އޭނާގެ ފަހަތަށް ލައި އޭނާގެ ހައްގުތަކަށް އުނިކަން އަންނާނެ ގޮތަށް އަމަލުކުރައްވާފަ ވަނީ،" ވަކީލް ވިދާޅުވި އެވެ.
ތަފްސީލް - ދިފާއީ ވަކީލް ވަނީ އެކަމާ ގުޅިގެން ހެކި ވެސް ހުށަހަޅައިފަ އެވެ. ވަކީލް ވިދާޅުވީ އެއީ ސުޕްރީމް ކޯޓުގެ ކަރާމަތަށް ވެސް އުނިކަން އަންނަ ފަދަ ކަމެއް ކަމަށް މުހައްމަދު އަމީންގެ ފަރާތުން ގަބޫލުކުރާ ކަމަށެވެ.
އެހެންކަމުން މުހައްމަދު އަމީންގެ ހައްގުތައް ހިމާޔަތްކޮށްދީ މީޑިއާތަކުން އެގޮތަށް އަމަލުނުކުރުމަށް ސުޕްރީމް ކޯޓުން އަންގައިދިނުމަށް މުހައްްމަދު އަމީންގެ ފަރާތުން ވަނީ އެދިފަ އެވެ. ދިފާއީ ވަކީލު ވިދާޅުވީ މުހައްމަދު އަމީންގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އޭނާ އަކީ ކުށެއް ނުކުރާ މީހެއް ކަމަށް ބަލަންޖެހޭނެ ކަމަށެވެ.
ދިފާއީ ވަކީލްގެ ކަންބޮޑުވުމާ ގުޅިގެން ވާހަކަދެއްކުމަށް ރިޔާސަތުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފުރުސަތު ދެއްވައިފަ އެވެ. ނަމަވެސް ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ދައްކަވާނެ ވާހަކައެއް ނެތް ކަމަށެވެ.
ކޯޓުގެ ބަސް - މުހައްމަދު އަމީންގެ ފަރާތުން ހުށަހެޅި ހެކި ބެންޗުން ވަނީ ބަލައިގެންފަ އެވެ. އަދި އެކަމާ ގުޅިގެން ގޮތެއް ނިންމަން ޖެހޭނަމަ، އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް މައްސަލައިގެ ރިޔާސަތުގައި އިންނެވި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވި އެވެ.
އަމީންގެ ޝަރީއަތުގެ ވީޑިއޯ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ