ކްރިމިނަލް ކޯޓުން ތިން ވަނަ ފަހަރަށް ސީލައިފްގެ ވެރިޔާ ދޫކޮށްލައިފި

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ރާއްޖެއިން ފިލި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. މިއީ އެ ކޯޓުން އޭނާ ދޫކޮށްލާ ތިން ވަނަ ފަހަރެވެ.
މައްސަލައިގެ ފެށުން - ދެހާސް ސާދަ ވަނަ އަހަރު، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހުންގެ އަތުން އޭނާ ފައިސާ ނެގި އެވެ. އަދި މަޝްރޫއު ކުރިއަށް ނުދާ މައްސަލަ ތަހުގީގު ކުރަން ފެށުމުން އޭނާ ލަންކާއަށް ގޮސް ފިލި އެވެ. އެ މައްސަލާގައި:
ކޮންމެ މީހެއްގެ އަތުން އަހުމަދު މޫސާ 50،000ރ. ނެގި ކަމަށް ބުނޭ
ރެޑް ނޯޓިސް ނެރެގެން ރާއްޖެ ގެނެސް އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހު
ހިޔާނާތުގެ 42 ދައުވާއެއް އޭނާގެ މައްޗަށް އުފުލީ މިދިޔަ މެއި މަހު
ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި މިދިޔަ އަހަރު ޖޫން މަހު އޭނާ ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައިކޯޓުން އަނެއްކާ ވެސް އޭނާ ބަންދުކުރަން އަމުރު ނެރުނު
އޭގެ ފަހުން މިިދިޔަ އޮކްޓޯބަރު މަހު ކަފާލާތުގެ ދަށުން ޝަރުތުތަކަކާއެކު ދޫކޮށްލުމުން، އަނެއްކާވެސް ހައި ކޯޓުން އޭނާ ބަންދުކުރަން އަމުރު ނެރުނު
ވީ ކިހިނެއް؟ -  އަހުމަދު މޫސާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. އޭނާގެ ބަންދު މުރާޖާ ކުރުމަށް އޮތް އަޑުއެހުމުގައި ދައުލަތުން އެދުނީ، ބަންދަށް ބަދަލެއް ގެންނަޖެހޭ ސަބަބެއް ނެތް ކަމަށާއި އަދިވެސް އޭނާ އަކީ ފިލާފާނެ މީހެއް ކަމަށެވެ. 
އަހުމަދު މޫސާގެ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރެއްވި މަރިޔަމް ނިހާޔަތު ކޯޓުގައި އެދުނީ އޭނާގެ ހާލަތު ހުރި ގޮތުން ބަންދުން ދޫކޮށްލުމަށެވެ. އެގޮތުން ނިހާޔަތު ވިދާޅުވީ:
އަހުމަދު މޫސާގެ ސިއްހީ ހާލު ގޯސްވެ، އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އަދި އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށް
 އަހުމަދު މޫސާ ލައްކާއަށް ދިޔައީ ފިލައިގެން އުޅެން ނޫން ކަމަށާއި އެއީ އޭނާގެ އަންހެނުންނާއި އާއިލާ ގާތަށް ސްރީލަންކާގައި ގޮސްހުރި ދުވަސްވަރެއް ކަމަށް
އަހުމަދު މޫސާއާ މެދު ފެށުނީއްސުރެން ފެށިގެން ދައުލަތުން ތަފާތު އުސޫލަކުން އަމަލުކުރާކަން ފާހަގަކުރި
އޭނާގެ ޕާސްޕޯޓު މުއްދަތު ހަމަވެފައިވާ ކަމަށާއި އެހެން ކަމުން ދެން ފިލައިގެން ދެވޭނީ ކޮން ގޮތަކަށްތޯ ސުވާލު އުފެއްދެވި
ދައުލަތުން ބުނި ގޮތުގައި އޭނާގެ ސިއްހީ ސަބަބުތަކެއް ހުއްޓަސް، ގަވައިދުން ޑޮކްޓަރަށް ދައްކަމުން ދެ އެވެ. އަދި އޭނާގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށްވެސް އެދިފައިވާ ކަމަށް ދައުލަތުން ބުންޏެވެ. 
ދެ ފަރާތުގެ ވާހަކަތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ، ހަސަން ސައީދު ނިންމެވީ ޝަރުތުތަކާ އެކު މުހައްމަދު މުސާ ދޫކޮށްލުމަށެވެ. އަދި އެ ޝަރުތުތައް ދެ ފަރާތަށް އަންގަވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ