ފެކްޓު ޗެކް: ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ހުންނަނީ ތަކަންދޫއަކު ނޫން ފެކްޓު ޗެކް: ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ހުންނަނީ ތަކަންދޫއަކު ނޫން

ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ހއ. ތަކަންދޫގައިވާ "ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ގާ" ހިމެނޭ ސަހަރާ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ވަމުންދާ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ޝުޖާއު އެހެން ވިދާޅުވީ ގައުމިއްޔަތު ދިރުވައި އާލާ ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާޒީ ރަދުންގެ އާސާރުތައް އާސާރުތައް ދިރުވުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ބުނެ ގައުމިއްޔަތު މިނިސްޓްރީން ކުރި ޕޯސްޓެއް ރީޕޯސްޓު ކުރައްވަ އެވެ.
ޝުޖާއު އެހެން ވިދާޅުވެ ޕޯސްޓު ކުރެއްވުމުން ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން ވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހާނަގާ ހުންނަނީ ހއ. ތަކަންދޫގައި ކަމަށް ބުނެ އެ ހަބަރު ޝާއިއު ކޮށްފަ އެވެ.
އޭގެފަހުން ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓަރު، އާދަމް ނަސީރު ވެސް ވަނީ އެ ހަބަރު ރީ ޕޯސްޓު ކުރައްވައިފަ އެވެ.
އެހެންނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަގާ ކަމަށް ބެލެވޭ މަހާނަގާ ހުންނަނީ އައްޑޫ ހުޅުދޫމީދޫ ކޯގަންނު ގަބުރުސްތާނުގަ އެވެ. އެ ގަބުރުސްތާނަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ގަބުރުސްތާނެވެ.
ކޯގަންނު ގަބުރުސްތާނުގައި ހުންނަ ދެ މަހާނަގަލުގެ އުސްމިނުގައި 2.4 މީޓަރު (ހަތް ފޫޓު 10 އިންޗި) ހުރެ އެވެ.
ދިވެހި ތާރީހު ދިރާސާ ކުރައްވާ، ނާޖިހު ދީދީ ވިދާޅުވީ ޝުޖާއު ކުރެއްވި ޕޯސްޓުގައި ލިޔެފައިވާ އިބާރާތުން ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ހުރީ ހއ. ތަކަންދޫގަ ކަމަށް ދޭހަވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ނާޖިހު ވިދާޅުވި އެވެ.
"ތަކަންދޫގައި ހުރި ހިރިގަލު މަހާނަތަކުގެ އުސްމިނުގައި އާންމުކޮށް ހުންނަނީ ދެ ފޫޓު ވަރު، އެތަނުގައި ހުރި އެންމެ ބޮޑު ހިރިގަލު މަހާނަގަލުގައި ވެސް ހުންނަނީ ތިން ފޫޓުވަރު، އެކަމަކު ކޯގަންނުގައި ހުރި މަހާނަގަލުގައި އެބަހުރޭ ހަތް ފޫޓު 10 އިންޗި، އެއީ އަދި މިހައިތަނަށް ފެނިފައިވާ އެއް ހިރި ހުރިގޮތަށް ހުރި އެންމެ ބޮޑު ދެ މަހާނަގާ،" ނާޖިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެންޒޭނިއާ ފަދަ ގައުމުތަކުގައި ވެސް ވަރަށް އުސްކޮށް ހުންނަ ހިރިގަލު މަހާނަގާ އެބަހުރި ކަމަށެވެ. ނަމަވެސް އެ ގާތައް ހުންނަނީ ރާނާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ހަމަ ބޮޑު އެއް ހިރިން ހަދާފައި ހުރި މަހާނަގާތަކެއް، އެހެންވީމާ ބެލެވެނީ މިއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ހިރިގަލު މަހާނަގާ ކަމަށް، ހަމަ ޔަގީނުން ވެސް މިއީ ރާއްޖޭގައި ހުރި އެންމެ ބޮޑު ދެ މަހާނަގާ," ނާޖިހު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަގާ ހުންނަނީ ހއ. ތަކަންދޫގައި ކަމަށް ބުނެ ބަޔަކު ލިޔެފައިވާ ހަބަރެއް ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓަރު ޝެއާ ކުރެއްވުމުން ނާޖިހު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓަރު ނަސީރު އެ ހަބަރު ޝެއާ ކުރުމުން ދޭހަވަނީ އެބޭފުޅާއަށް ރަނގަޅު މައުލޫމާތު ލިބިފައި ނުވާކަން ނުވަތަ ގަސްދުގައި ހަގީގަތް އޮޅުވައިލަން މަސައްކަތް ކުރެއްވި ކަމަށް ކަމަށެވެ.
"ދިވެހި ބަހުގެ މިނިސްޓަރު، ދިވެހި ބަހުގެ އުސްތާޒެއް، އެއް ގޮތަކީ އެ ހަބަރުގައި އޮތް އެއްޗެއް ރަނގަޅަށް ނުބަލައި އެ ބޭފުޅާ އެ ހަބަރު ޝެއާ ކުރެއްވުން، އަނެއްގޮތަކީ މިކަމުގެ އަސްލު މައުލޫމާތު އެ ބޭފުޅާއަށް އެނގިވަޑައިގެންފައި ނެތީއޭ، ބަޔަކު ކޮށްފައި އޮތް ޕޯސްޓެއް ޝެއާ ކުރެއްވީއޭ، ނޫނީ ގަސްދުގައި ހަގީގަތް އޮޅުވައިލައްވަން ކުރެއްވި ކަމެކޭ،" ނާޖިހު ވިދާޅުވި އެވެ.
ނާޖިހު ވިދާޅުވީ އައްޑޫ މީދޫގައި ހުންނަ އެންމެ ބޮޑު ދެ މަހާނަ ގަލަކީ ދޮންބަންޑާރައިންގެ ދެ ދަރިކަލުން ކަމަށްވާ ކަޅު ބަންޑާރައިންނާއި ނޫރައްދީން ރަދުންގެ މައިދައިތަ މީދޫ ހަދީޖާ މަނިކުފާނުގެ މަހާނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ