ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19.90ރ. އަށް އަރައިފި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19.90ރ. އަށް އަރައިފި

ހުއްޓުމެއް ނެތި ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 19.90ރ. އަށް އަރައިފި އެވެ.
އަދަދު ނޫހުން މިއަދު އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 19.90ރ. އަށެވެ. އޮންލައިންކޮށް ޑޮލަރުގެ މުއަމަލާތް ކުރުމަށް ބޭނުންކުރާ ވައިބާ ގްރޫޕްތަކުގައި ވެސް އަގުތައް ހުރީ މި ރޭޓުގަ އެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު މި ވަނީ 40 ލާރި މައްޗަށް ގޮސްފަ އެވެ. ޖޫން 16، ގައި ޑޮލަރުގެ އަގު ހުރީ 19.50ރ. އަށެވެ.
މި ނޫހާ ވާހަކަ ދެއްކި ޑޮލަރު ވިޔަފާރި ކުރާ ބައެއް މީހުން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު މިއަށްވުރެ ވެސް ބޮޑުވާނެ އެވެ. ޑޮޮލަރެއް ވިއްކާ އަގު 20ރ. އަށް އަރަން ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެ މީހުން ލަފާކުރެ އެވެ.
މިއީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ޑޮލަރުގެ އަގު އެންމެ މައްޗަށް އުފުލުނު ފަހަރެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ޓޫރިޒަމް ދާއިރާއިން ޑޮލަރު ވަނުން ހުއްޓިފައި އޮތް ދުވަސްވަރު ވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް އުފުލުނީ 19.50ރ. އަށެވެ.
ޑޮލަރުގެ އަގު ބޮޑުވެ، ޑޮލަރުގެ ތާށިކަން ބޮޑުވެފައިވީ ނަމަވެސް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ ހަފުތާ ވަނީ ވިޔަފާރިތަކުގެ ބޭނުމަށް ކުރާ ޓީޓީ މުއާމަލާތްތަކަށް ދޭ ސަޕޯޓު 30 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މީގެ ދެތިން މަސްކުރިން އެ ސަޕޯޓު ހުރީ ފަސް ޕަސެންޓުގަ އެވެ.
މީގެ އިތުރުން، ޖޫން 30، ގައި ބީއެމްއެލް އިން ވަނީ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ. ނަމަވެސް، ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާއިން ނެގޭ އަދަދު 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމް ޗާޖަށް 10 ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. މި ނިންމުންތަކާއެކު އެ ބޭންކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޑޮލަރުގެ އަގު އުފުލެން ފެށީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރި ހިސާބުންނެވެ. މި އުސޫލު ފެށިއިރު ބޭންކުތަކަށް މާރުކުރާ ފައިސާގެ 60 އިންސައްތަ އެމްއެމްއޭ އަށް ޖަމާކުރަން ޖެހެ އެވެ. އެ އަދަދު މިހާރު ވަނީ 90 އިންސައްތައަށް މަދިކޮށްފަ އެވެ.
ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ އެ ރޭޓަށްވުރެ 4.48ރ. ބޮޑުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ