ލަންކާގެ ރައީސަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސްޑރ. މުހައްމަދު މުޢިއްޒުގެ ދައުވަތަކަށް އަވަށްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހަވީރު ރަސްމީކޮށް އެމަނިކުފާނަށް މަރުހަބާ ދަންނަވައިފި އެވެ.ޑިސަނާޔަކަ މިއަދު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއަށްފަހު މިއަދު މެންދުރު ޑިސާނަކަޔަ މާލެ ވަޑައިގަތުމުން ޖުމްހޫރީ މައިދާނުގައި 21 ބަޑީގެ ސަލާމަކާއެކު ގާޑް އޮފް އޮނާއެއް ވަނީ އަރުވައިފަ އެވެ.އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށް ގެންދާނެ އެވެ.ރައީސް މުއިއްޒުގެ ދައުވަތަކަށް ޑިސަނާޔަކަ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ