ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގަވައިދުން އިނާޔަތް ޖަމާނުވާތީ މަޖިލީހަށް
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ބަރާބަރަށް ޖަމާވަމުން ނުދާތީ އެންސްޕާއާއި ސަރުކާރުުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އިއްޔެ މައްސަލައެއް ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އަށް ފޮނުއްވި ސިޓީއެއްގައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުން، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ދައުލަތުން މާލީ އެހީއެއް ނުވަތަ އިނާޔަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށް، ސިޓީގައިވެއެވެ. ނަމަވެސް އެންސްޕާ މެދުވެރިކޮށް ދޫކުރާ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީޚަށް ބަރާބަރަށް ޖަމާވަމުން ނުދާ ކަމަށް، އޭނާ ލިޔުއްވައިފައިވެއެވެ. ކުޑޫ ލިޔުއްވައިފައިވާ ގޮތުގައި، މި އިނާޔަތަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކެއްގެ ބޭސްފަރުވާއާއި ފަރުދީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށް ވާތީ، ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތައް އަންނަނީ ދަތިތަކާ ކުރިމަތިލަމުންނެވެ. އެ ސިޓީގައި ކުޑޫ ވަނީ ދެ ކަމަކަށް ގޮވައިލައްވައިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީއެއް މެދުވެރިކޮށް އެންސްޕާއާއި ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވުމަށާއި، ކޮންމެ މަހެއްގައިވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ސަރުކާރުން ކަށަވަރުކޮށްދިނުމަށް ބާރުއެޅުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ