ކޮރަޕްޝަން ނުހުއްޓެނީ ގިނަ ރައްޔިތުން ކޮރަޕްޓް ފައިސާ ހޯދާ މީހުންގެ އަޅުވެތިކަމުގައި ތިބުމުން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ވިދާޅުވެއްޖެއެވެ.
އޮޑިޓްގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޑރ ޝަމްހީދު ވިދާޅުވީ، މި އިސްލާހަކީ ގާނޫނު އަސާސީގައި ލާޒިމްކޮށްފައި ހުރި ބައެއް ކަންތައްތައް ހާމަކުރުމަށް ހުރި ދަތިތަކެއް ހައްލުކުރުމަށް ހުށައަޅާފައިވާ އިސްލާހެއްކަމަށެވެ.
މި އިސްލާހުގެ ސަބަބުން މާލީ ބަޔާން ހުށައެޅުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ހަރުދަނާވެގެންދާނެކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ މިއީ ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެކަމެއްކަމަށާއި، މިކަން ވަށާޖެހޭ ގޮތެއްގައި ކުރެވޭނީ، ސީދާ މިކަމަށް ހާއްސަ ގާނޫނެއް އޮވެގެންކަމަށެވެ.
ބޭރުގެ ގައުމުތަކުގައި އޮންނަ، ދަ އެތިކްސް އިން ގަވަނެންސް އެކްޓްފަދަ ގާނޫނެއް ރާއްޖެއަށްވެސް މުހިންމުކަމަށާއި، އެނޫނީ މާލީ ބަޔާން ހުށައަޅާ ގޮތް ހަރުދަނާ ކުރުމަށް ވަރަށް ގިނަ ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭނެކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.
އަޅުގަނޑުމެން މި މައްސަލައާއި މި ގުޅުވަނީ ކޮރަޕްޝަނާ. އަޅުގަނޑު ގަބޫލެއް ނުކުރަން އެސެޓް ޑިކްލަރޭޝަންގެ ސަބަބުން މިއަދު މި ގައުމުގައި ކޮރަޕްޝަންގައި މި އޮތް ވަބާއަކަށް މާ ބޮޑު ހައްލެއް ލިބޭނެކަމަކަށް.
ޑރ ޝަމްހީދު ވިދާޅުވިއެވެ.
ޑރ ޝަމްހީދު ވިދާޅުވީ އެސެޓް ޑިކްލަރޭޝަންގެ ސަބަބުން ރާއްޖޭގައި އޮތް ކޮރަޕްޝަންގެ ވަބާއަށް މާ ބޮޑު ހައްލެއް ލިބޭނެކަމަށް ގަބޫލު ނުކުރައްވާކަމަށާއި، މިއީ މާ ބޮޑު ގުޅުމެއް އޮތްކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ކޮރަޕްޝަން ހުއްޓުވޭނީ ފަނޑީޔާރުގެ މިނިވަންވެ، އިންސާފުވެރި ހުކުމް އިއްވަން ފެށި ދުވަހަކުންކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވިދާޅުވީ، ހަމަހަމަކަމާއިއެކު އެއްވެސްކަމެއް ކުރިއަށް ނުދާކަމަށެވެ.
2013 ވަނަ އަހަރުންސުރެ ފެންމަތިވެފައި ހުރި އެކި މައްސަލަތައް ހުރިއިރު، އެއްވެސް ވަރަކަށް ތަހުގީގު ނުވަތަ ޝަރީއަތް ނުހިންގާ މައްސަލަތައް އެބަހުރިކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ. ކޮރަޕްޝަން ހިންގައިގެން ހޯދާ ފައިސާ ބޭޏުންކުރަން މިހާރު އެއްވެސް މީހަކު ފަސް ނުޖެހޭކަމަށް ފާހަގަކުރެއްވިއެވެ. ކޮރަޕްޝަނަށް މަގުފަހިވާ އަނެއް ސަބަބަކީ މިއީކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ އާދައިގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށް އަޅާ ފިޔަވަޅު، ބޮޑެތި ކޮރަޕްޝަން ހިންގާ މީހުންނަށް އަޅާ ފިޔަވަޅަށްވުރެ މާ ހަރުކަށިކަމަށް ފާހަގަކޮށް ޑރ ޝަމްހީދު ވަނީ އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކޮށްފައިވާ މީހުންގެ ވާހަކަތައް ފާހަގަކޮށްފައެވެ.
ކޮރަޕްޝަން ނުހުއްޓެނީ ގިނަ ރައްޔިތުންގެ ކޮރަޕްޓް ފައިސާ ހޯދާ މީހުންގެ އަޅުވެތިކަމުގައި ތިބީމަ: ޑރ ޝަމްހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ