ބުނި ވަރަށްވުރެ ސިޔާސީ މުއައްޒަފުން އަދާޔާ ހިލާފަށް ގިނަ ނަމަ އެއީ މައްސަލައެއް: އަހުމަދު ދީދީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި މިންވަރާއި އަޅާބަލާއިރު އާދަޔާ ހިލާފަށް ސިޔާސީ މުއައްޒަފުން ގިނަވާނަމަ އެއީ މައްސަލައެއްކަމަށާއި ރައްޔިތުން ވޯޓުދީފައިވަނީ އެމަނިކުފާނުގެ މެނިފެސްޓޯއާއި ވައުދުތަކަށް ބަލައިގެންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ދީދީވަނީ ސަރުކާރުން މައުލޫމާތު ހާމަކުރުމުގެ މަސައްކަތްތައް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. މެމްބަރު ވިދާޅުވީ، އެހެނިހެން މައުލޫމާތުތަކެއް ހާމަކުރަމުންދިޔަނަމަވެސް ސިޔާސީ މުއައްޒަފުންގެ އަދަދުތައްފަދަ އެދެމުންދާ މައުލޫމާތުތައް ހާމަނުކުރުމަކީ ސިއްުރުކުރަމުންދިއުންކަމަށް ބެލުމުގެ ފުރުސަތު އޮންނަކަމަށެވެ.
މެމްބަރު ވިދާޅުވީ، ސިޔާސީ މުއައްޒަފުންގެ އަދަދަކީ ރައްޔިތުންގެ ތެރޭގައި އެކަމާއިމެދު ކަންބޮޑުވުންތައް އޮތްކަމެއް ކަމަށެވެ. މެމްބަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބައެއް މައުލޫމާތުތައް ހާމަކުރިނަމަވެސް އެކަމަކީ ރައްޔިތުންގެ ތެރޭގައި އެ ވާހަކަތައް ދެކެވި މީޑިއާތަކުގެ ސުރުހީތަކުންވެސް ފާހަގަކުރެވޭ މައްސަލައެއްކަމަށެވެ. އަދި ދައްކަމުންދަނީ ރަައީސް ކަނޑައަޅުއްވައިގެން ރައްޔިތުންގެ ފައިސާއިން މުސާރަ ދީގެން ނެރޭ މުއައްޒަފުންތަކެއްގެ އަދަދުގެ ވާހަކަކަމަށް އިޝާރާތްކުރެއްވިއެވެ.
ދީދީ ވިދާޅުވީ، އެ އަދަދުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ރައީސް ޑރ މުއިއްޒުވަނީ ވައުދުވެވަޑައިގެންފައިކަމަށާއި ނަމަވެސް އެކަމަށްޓަކައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކުރަމުންދަނީ ވައުދުވެވަޑައިގެންނެވި ވަރާއި އަޅާބަލާއިރު މާ ބޮޑު އަދަދަކުންކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ ތެރޭގައި އޮތްކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ވަޒީފާތައް ކަނޑައެޅި އަދަދަށްވުރެ ގިނައިން ދީފައިވާކަމުގެ ކަންބޮޑުވުންތައް އޮތްއިރު އެއްވެސް ޕްރޮޑަކްޓިވިޓީއެއް ނެތި ބަޔަކަށް ފައިސާތަކެއް ދިނުމުގެ މަގުސަދުގައި އައްޔަނުކޮށްފައިވުމުގެ ކަންބޮޑުވުންވެސް އޮތްކަމަށެވެ. އެހެންކަމުން އެ ކަންބޮޑުވުންތަކަށް ރައީސްގެ ފަރާތުން ޖަވާބެއް ލިބިގެންދިއުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ވައުދުވެފައިވާ މިންވަރާއި އަޅާބަލާއިރު އަދަޔާ ހިލާފަށް ސިޔާސީ މުއައްޒަފުންގެ އަދަދު އިތުރުވެގެންދިއުމަކި މައްސަލައެއްކަމަށެވެ. އެގޮތުން ރައްޔިތުން ވޯޓު ދިނުމުގައި ބަލާފައިވަނީ އެކުލަވާލައި އާންމުކުރި މެނިފެސްޓޯއަށް ރިއާޔަތްކޮށްގެންކަމަށާއި ރައްޔިތުންނަށް އެ މައުލޫމާތުތައް ހާމަކުރަނީ މެނިފެސްޓޯގައި ހުރި ކަންކަމަކީ ކުރެވޭނެ ކަންތައްތަކެއްކަން ކަށަވަރުކުރުމަށްފަހުގައިކަމަށެވެ.
އެހެންކަމުން އެ މެނިފެސްޓޯ ރައްޔިތުންނާއި ހިސާބަށް ތިލަކުރުމަށްފަހު ކަންކަން ކުރުމަށް ކުރީގެ ސަރުކާރުން ބޭނުންކުރި މިންވަރާއި ގާތްކުރާ އަދަދަކަށްވެސް ސިޔާސީ މުއައްޒަފުން އައްޔަނު ނުކުރާނެކަމުގެ އިތުރުން މަތިބަރުވެގެން ނުދާނެކަމަށް ބުނި ސަރުކާރެއްގެ އަމަލުތައް އިދިކޮޅަށް ހުރި މަންޒަރު ފެނުމުން އެއީ އޮޅުވާލުމެއްކަމަށް ބުނުމުގެ ފުރުސަތު އޮންނަކަމަށެވެ.
މެމްބަރު ވިދާޅުވީ، މެނިފެސްޓޯއަކީ ހަމަ ހުރެފައި ލިޔެލާ އެއްޗެއް ނޫންކަމަށާއި އެއީ ދިރާސާތަކެއް ކުރުމަށްފަހު އެކުލަވާލާ އެއްޗެއްކަމަށެވެ. ދީދީ ވިދާޅުވީ، ޕްލޭނަކާއިއެކު ވެރިކަމަށް އައުމަށްފަހު އިއްޔެ ބުނި އެތި މިއަދު ކެންސަލްކުރުމަށްޓަކައި ހުއްޖަތެއް ދައްކާނަމަ ބަލައިނުގަނެވޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ