އީރާނުން އަނެއްކާވެސް ޔަހޫދީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފި

ތެހެރާން (8 ޖޫން 2026) : އީރާނުން އަނެއްކާ ވެސް ޔަހޫދީ އިސްރާއީލަށް ބަލިސްޓިކް މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ އީރާނުން ރޭ އިސްވެ އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދިން ރައްދަށްފަހު އީރާނުން ދެވަނަ ފަހަރަށް ދިން ހަމަލާތަކެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އަސްކަރީ ބައެއް ބޭސްތަކަށާއި ހައިފާގައި ހުންނަ އިސްރާއީލުގެ އެންމެ ބޮޑު ޕެޓްރޯކެމިކަލް ފެކްޓްރީއަށް ކަމަށް އީރާނުން ބުނެފައިވެއެވެ. އީރާނުން ރޭ ފުރަތަމަ ހަމަލާދިނީ އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށާއި ވެރިރަށް ޓެލްއަވީވަށެވެ. \އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށާއި ވެރިރަށް ޓެލްއަވީވުގެ 30 ތަނަކަށް 30 އަށް ވުރެގިނަ ބަލިސްޓިކް މިސައިލުން ހަމަލާދިންކަން އީރާނުންވަނީ ކަށަވަރުކޮށްދީފައެވެ. މި ހަމަލާތައް ދިނީ އިސްރާއީލުން ލުބްނާނުގެ ވެރިރަށް ބައިރޫތަށް ހަމަލާދިނުމުން އެކަމަށް ރައްދު ދީ ލުބްނާނުގެ ދިފާއުގައި ކަމަށް އީރާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނެއެވެ. ހަމަލާތައް މެދުކަނޑާލުމަށް މިދިޔަ އެޕްރީލްމަހު އެމެރިކާއާއި އިސްރާއީލު އަދި އީރާން އާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އިސްރާއީލުން ލުބްނާން އަށް ދޭ ހަމަލާތައް ހުއްޓާލުންވެސް ހިމެނެއެވެ. ނަމަވެސް ދެތިން ދުވަހަށް ހަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލުވަނީ ލުބްނާން އާ ދެކޮޅަށް އަލުން ހަމަލާތައް ފަށާފައެވެ. މިއާއެކު އީރާންވަނީ މިއީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ކަމެއްކަން ތަކުރާރުކޮށް ހަނދާން ކޮށްދީފައެވެ. އަދި ލުބްނާންގެ ވެރިރަށް ބައިރޫތަށް ހަމަލާދީފިނަމަ ސީދާ އިސްރާއީލަށް އިސްވެ ހަމަލާ ދޭނެކަމުގެ އިންޒާރުވެސް މީގެ ހައެއްކަ ދުވަސްކުރިން އީރާން ވަނީ އިސްރާއީލަށް ދީފައެވެ. އީރާނުން ރޭ އިސްރާއީލަށް ހަމަލާދިނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ލުބްނާންގެ ވެރިރަށް ބައިރޫތަށް ހަމަލާދީ ވަރަށް ވަރުގަދަ އުދުވާނެއް ހިންގަން ފެށުމުން އެކަން ހުއްޓުވުމަށެވެ. އީރާނުގެ ހަމަލާތަކަށްފަހު އިސްރާއީލުން ލުބްނާން އަށް ދޭ ހަމަލާތައްވަނީ މެދުކެނޑިފައެވެ. އީރާނުގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެހަމަލާތަކަށް ރައްދު ނުދިނުމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އަށް އަމުރު ކޮށްފައެވެ. ނަމަވެސް އީރާން ދިން ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން ރޭ ފަތިހުވަނީ އީރާނުގެ ބައެއް ތަންތަނަށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ. އީރާން ދެވަނަ ފަހަރަށް އިސްރާއީލަށް ހަމަލާދީފައި މިވަނީ އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންކަމަށް އީރާނުގެ ރަސްމީ މިޑިއާ ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކަށް އެމެރިކާގެ ތާއީދެއް މިވަގުތަކު ނެތެވެ. އެއީ އީރާން އާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމަށް ޓްރަމްޕް މިހާރު ބޭނުންވާތީއެވެ. އެހެންކަމުން އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތައް ދިފާއުކުރުމުގައި އެމެރިކާގެ މާބޮޑު ދައުރެއް ފެނިފައިނުވާކަމަށް ޚަބަރުތައް ބުނެއެވެ. އިސްރާއީލުގެ ރަސްމީ ރޭޑިއޯ ބުނާގޮތުންވެސް އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާގެ ބައިވެރިވުމެއް ނެތެވެ. އަދި އީރާނުގެ ހަމަލާތައް ދިފާއުކުރުމުގައިވެސް އެމެރިކާ މާބޮޑު ދައުރެއް އަދައެއް ނުކުރެއެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި ލުބްނާންގެ ވެރިރަށް ބައިރޫތަށާއި ލުބްނާންގެ ދެކުނަށް ހަމަލާ ދިނުމުގައި ނަތަންޔާހޫގެ ބޭނުމަކީ އީރާން އާއި އެމެރިކާ އާ ދެމެދު ދެކެވޭ ސުލްހައިގެ ވާހަކަތައް ނާކާމިޔާބު ކޮށްލުމެވެ. އެއީ އެމެރިކާ މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހު ނަތަންޔާހޫ އަޑީގައި ހުރެގެން އީރާނަށް ދިން ހަމަލާތައް ނާކާމިޔާބުވުމާއެކު އެހަމަލާތަކުގެ މަގްސަދު ހާސިލް ނުވާތީއެވެ. ޓްރަމްޕް ވަނީ ކޮޅެއްގައި ޖެހެންދެން އީރާން އާއެކު ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދާނެކަމާއި އިރާނާ އެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް އެމެރިކާ މަސައްކަތް ކުރަމުން އަންނަ މަސައްކަތް ގަބޫލުކުރުން ނޫން އެހެން އެއްވެސް ގޮތެއް އިސްރާއީލަށް މިހާރު ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނަތަންޔާހޫ ޖެހޭނީ އެމެރިކާ އީރާން އާއެކު ސޮއިކުރަން މަސައްކަތްކުރާ އެއްބަސްވުން ގަބޫލުކުރަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް ޔަހޫދީންގެ ޕްރެޝަރު ވަރުގަދަ ވެއްޖެނަމަ ޓްރަމްޕްގެ ޚިޔާލު ބަދަލުވުމަކީ ވަރަށް ގާތްކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ