އާޖެންޓީނާ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރަސްމީކޮށް ވަކިވެއްޖެ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަކިވާން އާޖެންޓީނާ ނިންމި ނިންމުން ފައިނަލްކޮށް، އެ ޖަމިއްޔާ އިން ރަސްމީކޮށް ވަކިވެއްޖެއެވެ. އާޖެންޓީނާގެ ޚާރިޖީ ވަޒީރު، ޕަބްލޯ ކުއިރްނޯ ވަނީ އިއްޔެ އެކަން ކަށަވަރުކޮށްދީފައެވެ. ޑަބްލިޔުއެޗްއޯ އިން ވަކިވާކަން އާޖެންޓީނާއިން އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ކުއިރްނޯ ވަނީ ކަނާތުފިޔައިގެ ރައީސް ހާވިއާ މިލޭގެ ސަރުކާރުން ޑަބްލިއުއެޗްއޯއަށް ރަސްމީކޮށް ނޯޓިސް ދީފައިވާ ކަމަށް ވިދާޅުވެފައެވެ. "މިއަދު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އާޖެންޓީނާ ވަކިވިކަން އިއުލާނުކޮށްފައިވާއިރު، އަޅުގަނޑުމެންގެ ގައުމުން ރަސްމީކޮށް އެކަން އެންގިތާ އެއް އަހަރު ފުރިއްޖެ." ކުއިރްނޯ އިއްޔެ އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ. "އާޖެންޓީނާގެ އިސްތިގުލާލާއި ސިއްހީ ސިޔާސަތުތަކާ ގުޅޭގޮތުން ނިންމުންތައް ނިންމުމުގެ ގާބިލްކަން ފުރިހަމައަށް ދަމަހައްޓައި، ބައިލެޓަރަލް އެއްބަސްވުންތަކާއި ސަރަހައްދީ ފޯރަމްތަކުގެ ތެރެއިން ސިއްހީ ދާއިރާގައި ބައިނަލްއަގްވާމީ އެއްބާރުލުން ކުރިއެރުވުން ކުރިއަށް ގެންދާނެ." އާޖެންޓީނާގެ ރައީސް މިލޭ ޑަބްލިޔުއެޗްއޯ އިން އާޖެންޓީނާ ވަކިކޮށްފައިވާއިރު، އެމަނިކުފާނުގެ ގާތް އެކުވެރި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ޑަބްލިޔުއެޗްއޯ އިން އެމެރިކާ ވަކިކޮށްފައެވެ. ދެ ލީޑަރުންވެސް ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ފާޑުވިދާޅުވެފައެވެ. ޑަބްލިޔުއެޗްއޯއިން ވަކިވާނެކަން އިއުލާނުކުރިއިރު، ނެރުނު ބަޔާނެއްގައި މިލޭ ވަނީ ކޯވިޑް-19 ގެ ދުވަސްވަރު އެ ޖަމިއްޔާއިން ދިން ސިއްހީ ލަފާތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށްވާ މާސްކް އެޅުމާއި ސޯޝަލް ޑިސްޓެންސިން އަދި ވެކްސިން ދިނުން ފަދަ ކަންކަމަަށް މިލޭ ވަނީ ފާޑުވިދާޅުވެފައެވެ. ޑަބްލިޔުއެޗްއޯ އަކީ ތާރީހުގައި ވެސް އިޖުތިމާއީ ކޮންޓްރޯލްގެ އެންމެ ބޮޑަށް ހިންގި "ނުބައި ޖަމިއްޔާއެއް" ކަމަށް މިލޭ ވަނީ ތުހުމަތު ކުރައްވާފައެވެ. އެމެރިކާއިން ޑަބްލިޔުއެޗްއޯ އިން ވަކިވާން ރަސްމީކޮށް ނިންމީ މިދިޔަ ޖެނުއަރީ މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ