ހަރަދު ބޮޑުކަމުން އެންސިސްއިން މަސްވެރިންނަށް ހިލޭ އައިސް ދިނުން ހުއްޓާލައިފި

ތެލުގެ އަގު ބޮޑުވެ، އައިސް އުފެއްދުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން އެންސިސް ފިޝަރީޒްއިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އެ ކުންފުނިން އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ހަރަދު ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށް ވެފައިވާ ކަމަށެވެ
ތަފްސީލް - ނަމަވެސް ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ އެކު މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެންސިސްގެ ބަޔާނުގައި ބުނީ، މި މަހުގެ 1 އިން ފެށިގެން 16އާ ދެމެދު ތެލުގެ އަގު ދެ ފަހަރެއްގެ މަތިން ބޮޑުވެ ޖުމްލަ %111  ތެލުގެ އަގު އުފުލިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ:
 މަސް ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ވިޔަފާރީގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ތެލަށް
ތެލުގެ އަގު މިހާ ބޮޑަށް އުފުލުމުން ވިޔަފާރި ކުރިއަށް ގެންދަންޖެހެނީ ބޮޑު ގެއްލުމެއްގައި
"މި ހާލަތަށް ރިއާޔަތްކޮށް ބޮޑުކަންނެލީގެ މަސްވެރިންނަށް މީގެ ކުރިން މި ކުންފުނިން ހިލޭ ފޯރުކޮށްދެމުންދިޔަ އައިސް މި ހިނދުން ފެށިގެން ދޫކުރުން ހުއްޓާލުމަށް މިވަނީ މަޖުބޫރުވެފަ އެވެ،" އެންސިސް އިން ބުންޏެވެ.
މި ނިންމުމަކީ، އެ ކުންފުނިން ބުނި ގޮތުގައި، އައިސް އުފެއްދުމުގެ އޮޕަރޭޝަނަލް ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ކުންފުނީގެ ދެމިއޮތުމަށްޓަކައި މިވަގުތަށް އަޅަންޖެހުނު ކޮންމެހެން މުހިންމު ފިޔަވަޅެކެވެ.
"މި ނިންމުމުގެ ސަބަބުން މަސްވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނިން ނިހާޔަތަށް މައާފަށް އެދެމެވެ،" އެންސިސް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ، ތެލުގެ އަގަށް އަންނަ ބަދަލުތަކަށް ބަލާ، ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އަލުން ފޯރުކޮށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ