ސަރުކާރުން ހުށަހަޅާ ގޮތް ގޯސް، މަޖިލިސް އިންތިހާބު އޮންނަންވީ ރިޔާސީ ދައުރުގެ މެދުތެރެއިން: ސޯލިހު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ސަރުކާރުން ހުށަހެޅި ގޮތް ގޯސް ކަމަށާއި ތާއީދުކުރާ ގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއަށް މަޖިލިސް އިންތިހާބު ޖެއްސުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބާއްވަން ޖެހޭ ގޮތަށް މަޖިލީހުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
މަޖިލީހުގެ ދައުރު ކުރުކުރަން ޖެހޭ ގޮތަށް އިސްލާހު ގެނައުމުން، މި އިސްލާހު ރައީސް މުހައްމަދު މުއިއްޒަށް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެ ކަމަށް އަގުލަބިއްޔަތު ލިބިއްޖެނަމަ އެވެ.
ސަރުކާރުން ނިންމާފައިވަނީ ކައުންސިލް އިންތިހާބާއެކު 4 އޭޕްރީލްގައި އެ ވޯޓު ނެގުމަށެވެ.
ބުނީ ކީކޭ؟ - ޅ. ކުރެންދޫ އެމްޑީޕީގެ ހަރުގެ ހުޅުވަން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތާއި މިހާރު އޮތް ގޮތް ވެސް އެއީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މިހާރު އޮންނަ ގޮތުން މަޖިލިސް އިންތިހާބު ބާއްވަނީ ރިޔާސީ އިންތިހާބަށް ހަތަރު މަހެއްހާ ދުވަސް ފަހުން ކަމަށްވާތީ، ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ޓެސްޓްނުކުރެވޭ ސަރުކާރަކަށް ބޮޑު އަގުލަބިއްޔަތެއް ލިބޭކަން ސޯލިހު ފާހަގަކުރެއްވި އެވެ.
"ރައީސް ޔާމީން އިންތިހާބުވެވަޑައިގެން ބޭއްވި މަޖިލިސް އިންތިހާބުގައި ބޮޑުކޮށް މަޖިލިސް ނެންގެވި. ދެން އައީ އަޅުގަނޑު، އަޅުގަނޑު ނެގިން ޔާމީނަށް ވުރެ ބޮޑުކޮށް މަޖިލިސް މެޖޯރިޓީ. ދެން މި އައީ ރައީސް މުއިއްޒު، ރައީސް މުއިއްޒު ނެންގެވީ އެއަށްވުރެ މާ ގިނައިން،" ސޯލިހް ވިދާޅުވި އެވެ.
"މިހާރު އޮންނަ ގޮތް ވެސް އަޅުގަނޑަކަށް ކަމަކު ނުދޭ."
ތަފްސީލް - ފަސް އަހަރަށް އިންތިހާބުކުރާ ސަރުކާރަކަށް ފަސް އަހަރުވުމުގެ ކުރިން ސަރުކާރަށް ގޮތް ކިޔޭނެ ގޮތެއް ހޯދުން ވެސް މުހިންމު ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެ ކަން ހާސިލްކުރުމަށް ޓަކައި އަދި މަޖިލީހަކީ ސަރުކާރު ޖަވާބުދާރީކުރެވޭނެ ތަނަކަށް ހެދުމަށް ޓަަކައި ދެ ގޮތެއް ސޯލިހް ފާހަގަކުރެއްވި އެވެ. އެއީ:
ރިޔާސީ ދައުރުގެ މެދުތެރެއިން، ރިޔާސީ އިންތިހާބަށް ދެ އަހަރާއި ބައިވުމުން މަޖިލިސް އިންތިހާބު ބޭއްވުން
ދެ އަހަރު ބަޔަށް މަޖިލީހުގެ ދައުރު ކުރުން؛ ރިޔާސީ އިންތިހާބާއެކު މަޖިލިސް އިންތިހާބު ބޭއްވުމަށްފަހު ރިޔާސީ ދައުރުގެ މެދުތެރެއިން ވެސް މަޖިލިސް އިންތިހާބު ބޭއްވުން
"ހަމަ ގައިމު ވެސް ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރު ދުވަހު ހުންނަވާއިރު ވަކި ހިސާބަކުން ރައީސުލްޖުމްހޫރިއްޔާ އެއަށް ޖަވާބުދާރީކުރެވޭނެ ގޮތެއް އެބަ ހަދަން ޖެހޭ،" ސޯލިހު ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ހުށަހަޅާ ގޮތަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - ސޯލިހު ހުށަހަޅުއްވާ ދެވަނަ ގޮތަކީ އެމެރިކާގައި ވެސް އެ ކަން ކުރާ ގޮތެވެ.
ރިޔާސީ ނިޒާމު އެންމެ ފުރިހަމައަށް އެކުލާވާލާފައި އޮންނަ އެމެރިކާގައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ދައުރެއް އޮންނަނީ ދެ އަހަރަށެވެ. ރިޔާސީ އިންތިހާބު އޮންނަ ދުވަހުގެ އިތުރުން ރިޔާސީ ދައުރުގެ މެދު ތެރެއިން ވެސް މަޖިލިސް އިންތިހާބު އޮވެ އެވެ.
އޭގެ ވެސް އެންމެ ބޮޑު ބޭނުމަކީ ހިނގަމުންދާ ސަރުކާރުގެ ސިޔާސަތުތަކާއި ނަތީޖާއަށް ބަލާފައި، މަޖިލިސް އަލުން އެކުލަވާލުމުގެ ފުރުސަތެއް ރައްޔިތުންނަށް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ