ލަފާކުރި ވަރަށް ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް ނުލިބި، މީރާގެ މިދިޔަ މަހުގެ އާމްދަނީ އަންދާޒާއަށް ވުރެ ދަށަށް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ މަހަށް ލަފާކުރި އަދަދަށް، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް ނުލިބި، އެ އިދާރާގެ އާމްދަނީ އަންދާޒާއަށް ވުރެ ދަށްވެއްޖެއެވެ. މީރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ މަހު އެ އިދާރާއިން 4.45 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. އެއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 33.1 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް، މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4.6 ޕަސެންޓް ދަށް އަދަދެކެވެ. މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖަނަވަރީ 2025ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސްއާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީން ލިބިފައިވާ އާމްދަނީ އިތުރުވުމަކީވެސް އެ މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން ބުންޏެވެ. އެއީ، ޑިސެންބަރު 2024 އާ އަޅައިބަލާއިރު، ޑިސެންބަރު 2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 7.4 ޕަސެންޓަށް އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ ކުރިއެރުމެއް ކަމަށް މީރާއިން ބުނެފައިވެއެވެ. ފަތުރުވެރިންތަކެއް ރާއްޖެ އައުން: މި މަހު ތެރޭ ވެސް ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވޭ --- ފޮޓޯ/ އެމްއޭސީއެލް މީރާއިން ވަނީ، މިދިޔަ މަހު ޓީޖީއެސްޓީ ލިބުނު މިންވަރު އިތުރުވި ނަމަވެސް އެއީ އަންދާޒާއަށް ވުރެ ދަށް އަދަދެއްކަން ފާހަގަކޮށްފައެވެ. އަދި ޑިޕާޗާ ޓެކްސް ވެސް އަންދާޒާއަށް ވުރެ ދަށްކަން އެ އިދާރާއިން ފާހަގަކުރިއެވެ. ހަމައެއާއެކު، ވިޔަފާރި އާމްދަނީން ނަގާ ޓެކްސް ލިބުނު މިންވަރު މަދުވިކަން މީރާއިން ފާހަގަކުރިއެވެ. އެ އިދާރާގެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ވިޔަފާރިން ނެގި ޓެކުހަށް 842 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހު އެ އަދަދު ހުރީ 692 މިލިއަން ރުފިޔާގައެވެ. އެހެންކަމުން، ޖަނަވަރީ 2026އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ ލިބުނު އާމްދަނީ 4.9 ޕަސެންޓް ދަށްވެފައިވާ ކަމަށް މީރާއިން ބުންޏެވެ. އެ އިދާރާއިން ބުނީ، ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީގެ 7.6 ޕަސެންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ. އަދި އާމްދަނީގެ 25.9 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް މީރާއިން ބުންޏެވެ. ޖަނަވަރީ 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ވަނީ ޖުމްލަ 531.68 މިލިއަން ރުފިޔާ ހޯދައިފައި ކަމަށް އެ އިދާރާއިން ބުންޏެވެ. އޭގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 305.84 މިލިއަން ރުފިޔާ، އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 51.08 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން ފައިސާ ހޯދި ގޮތްތަކުގެ ތެރޭގައި: ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 7.92 މިލިއަން ރުފިޔާ ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 95.94 މިލިއަން ރުފިޔާ އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 70.91 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 40.4 ޕަސެންޓް ނުވަތަ 1.79 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 34.7 ޕަސެންޓް ނުވަތަ 1.54 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 271.44 މިލިއަން ރުފިޔާ (%6.1)، ގްރީން ޓެކުހުގެ ގޮތުގައި 221.80 މިލިއަން ރުފިޔާ (%5.0)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 188.85 މިލިއަން ރުފިޔާ (%4.3)، އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 180.79 މިލިއަން ރުފިޔާ (%4.1) ލިބިފައިވެއެވެ. ފިހާރައެއް ތެރޭ މީހުން: މީރާގެ އާމްދަނީ އަންދާޒާއަށް ވުރެ ދަށްވި ސަބަބުތަކުގެ ތެރޭގައި، ވިޔަފާރިން ލިބޭ އާމްދަނީ ދަށްވުން ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ މީރާއިން ވަނީ، ޖަނަވަރީ 2026ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 180.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަން ފާހަގަކޮށްފައެވެ. އަންދާޒާއަށް ވުރެ ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް ދަށްކަމަށް މީރާއިން ބުނެފައިވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދުވާލަކަށް އެންމެ ގިނައިން ފަތުރުވެރިން އައުމުގެ ރެކޯޑު، މި މަހު ތިން ފަހަރު ވަނީ ހަދައިފައެވެ. އެންމެ ފުރަތަމަ އެ ރެކޯޑު މުގުރާލީ، މިމަހު އެކެއްގައެވެ. އެ ދުވަހު އައި 10،253 ފަތުރުވެރިންގެ ރެކޯޑު އާކުރީ، އޭގެ ހަފުތާއެއް ފަހުން މި މަހު އަށެއްގައެވެ. އެ ދުވަހު ވަނީ، 10،462 ފަތުރުވެރިން އައިސްފައެވެ. އޭގެފަހުން، އިއްޔެ ވަނީ، ދުވާލަކަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑު މުގުރާލާފައެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އިއްޔެ އެކަނި 11،136 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، އެއާ އެއްވަރަށް އާމްދަނީ އިތުރުނުވުމަކީ މިހާރު އޮތް ކަންބޮޑުވުމެކެވެ. https://sun.mv/217956 އާމްދަނީ އިތުރު ކުރުމަށް، މި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހުގެ ދަށުން ގްރީން ޓެކްސްއާއި ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކުހުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ބޮޑުކުރިއެވެ. އޭގެ ތެރެއިން ޑިޕާޗާ ޓެކުހާއި އެއާޕޯޓް ފީ ބޮޑުކުރީ ޑިސެންބަރު 1، 2024ގައެވެ. އެގޮތުން އިކޮނޮމީ ކްލާހުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަތުން ޓެކްސް ނުނެގި ނަމަވެސް، ބިދޭސީންގެ އަތުން ނަގަމުން އައި ޓެކްސް 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރިއެވެ. އަދި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާ ފީ 120 ޑޮލަރަށް ބޮޑުކުރިއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240އަށް ބޮޑުކުރިއެވެ. އެއަށްފަހު، މިދިޔަ އަހަރު ގްރީން ޓެކްސް، ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރިއެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން، ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ