ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދަނީ

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 01:15 އެހައިކަންހާއިރުކަމަށެވެ.
މި ޙާދިސާ ހިނގިއިރު އެ ލޯންޗުގައި 7 މީހުން ދަތުރުކުރަމުން ދިޔަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ޙާދިސާގައި އަނިޔާވި 3 މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ޙާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ވ. ކެޔޮދޫ ހުޅަނގު ދެކުނުން 2 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ލޯންޗަކުން 2 މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިންވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ