މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާ ގުޅިގެން ފިޔަވަޅުތައް އަޅާނެ ކަމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ޕްލޭން އެކަށައަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިއަދު އިސްވެ އީރާނަށް ދިން ހަމަލާތަކާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ. އެގޮތުން:
ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައި؛ ރާއްޖެ އަންނަ ގިނަ އެއާލައިންތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައި
އޭގެ އިތުުރުން، އެންމެ ގިނައިން ތެޔޮ ބޭރުކުރާ ހޮރްމޫޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައި
ބުނީ ކީކޭ؟ - ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް އެ މިނިސްޓްރީން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.
"މިކަމާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން، މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ވުޒާރާއިން މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ބަޔާނުގައިވެ އެވެ.
އެގޮތުން، ފިނޭންސް މިނިސްޓްރީން ބުނީ:
ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާ އެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާ ގުޅިގެން އެ މިނިސްޓްރީން ދާނީ ފިޔަވަޅުތަކެއް އަޅަމުން
ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާ އެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް އެ މިނިސްޓްރީން އަންނަނީ ވަރަށް ބޮޑަށް ދިރާސާކުރަމުން
"މި ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ވަނީ ރޭވިފަ އެވެ،" ބަޔާނުގައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަރުކަޒީ ބޭންކު، އެމްއެމްއޭން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވް މި ވަގުތު ހުރީ މީގެ ކުރިން ރިޒާވް މަތިނުވާ މިންވަރެއްގަ އެވެ.
"[އެހެންކަމުން] ބޭރު ދުނިޔެއިން ކުރިމަތިވާ އިގްތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ،" ބަޔާނުގައިވެ އެވެ.
"މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ އެވެ."
ގުޅުން ހުރި - މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން ސަޕްލައި ޗެއިންއަށް ދިމާވެދާނެ ގޮންޖެހުންތައް މޮނީޓާކޮށް، ހުއްޓުމެއްނެތި އަސަސާސީ ކާބޯތަކެތި ރާއްޖެއަށް ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިރޭ ބުނެފަ އެވެ.
މި ހަމަލާއާ ގުޅިގެން ދިމާވެދާނެ ދަތިތައް ހައްލު ކުރުމަށްޓަކައި ރައީސް މުހައްމަދު މުއިއްޒު ވަނީ، ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލައްވާފަ އެވެ.
މެދުނުކެނޑި ތެޔޮ ގެނެސް، މާލީ ސިޔާސަތުތައް ބަދަލުކުރުމުގެ ޕްލޭން އެބައޮތް: ފިނޭންސް މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ