ވަކި ވޯޓެއް ނުލާތީ ބަރަހަނާކުރުމުގެ ހައްގެއް ޒާހިދަކަށް ނޯންނާނެ!

ވޯޓުލުމާ ނުލުމަކީ ކޮންމެ މީހަކަށް އޮތް އެ މީހެއްގެ އަމިއްލަ ހައްގެކެވެ. އެހެން ކަމުން މިއަދު އެކުއެކުގައި އޮންނަ ތިން އިންތިހާބުގެ ވޯޓު ކަރުދާހުން ވަކި މީހަކަށް ވަކި ކަރުދާހެއް ނުދޭގޮތަށް ހެދުމަކީ އިންތިހާބީ ބޮޑު ކުށެކެވެ. ވަކި ކަރުދާހެއް ދޫކޮށްފައި އަނެއް ކަރުދާހެއް ދޫނުކުރާ ގޮތަށް ހެދުމަކީ އިންތިހާބީ ހައްގަކަށް އަރައިގަތުމެވެ. ވޯޓުލެވޭ ހުރިހާ ކަމަކަށް ފާހަގަ ޖަހަން އެހުމެއް ކެހުމެއްނެތި ވޯޓު ކަރުދާސް ކޮންމެ މީހަކަށް ލިބެންޖެހޭނެއެވެ.
ވޯޓުކަރުދާސް ދޫކުރުމުގެ ކުރިން ވޯޓުލާންދާ މީހާ ކުރެން ވޯޓުދޭނީ ކޮންކޮން ކަމަކަށްތޯ އަހާ ސުވާލުކުރުމަކީ ވޯޓުލުމުގެ ކަންތައް ބަލަހައްޓާ ފަރާތަށް ވިޔަސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ވޯޓު ނެގޭ ހުރިހާ ކަމަކަށް ވޯޓު ދިނުމާ ނުދިނުން އެއީ އޭނާގެ އަމިއްލަ ކަމެކެވެ. އިލެކްޝަނާ އަދި ޒާހިދާ ވެސް ބެހޭކަމެއް ނޫނެވެ. 
ވަކި މީހަކު ވަކި ކަމަކަށް ވޯޓުނުލާކަން އާއްމުކޮށް އެނގޭ ގޮތަށް ވޯޓުދޭ މަރުކަޒުގައިވިޔަސް ހާމަކުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލިގެން ދާނެކަމެކެވެ. އިންތިހާބީ ކުށެކެވެ. ވަކި މީހަކު ވަކި އިންތިހާބެއްގައި ވޯޓުނުދޭކަން އެނގޭގޮތަށް ވަކި ވޯޓެއްގެ ކަރުދާސް ވަކި މީހަކަށް ނުދޭކަން އެގޭނގޮތަށް އިލެކްޝަނުން އަމަލުކުރުމަކީ އެމީހެއްގެ ޒާތީ ހައްގަކަށް ރޭވިގެން އަރައިގަތުމެވެ. ވޯޓެއްގެ ސިއްރުކަން ގެއްލޭ ގޮތަށް އިދާރީ އިންތިޒާމެއް ކުރުމަކީ ގަސްދުގައި ރާވައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ. 
ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަނުން އަމަލުކުރަނީ ވޯޓު ގަޑުބަޑުކޮށް އޮޅުވާލުމުގެ ފުރުސަތު ހޯދުމަށެވެ. ވޯޓުލުމުގައި ބައިވެރިވެ ދޭވޯޓު ބާތިލުކުރުމާއި ސައްހަކުރުމަކީ ވޯޓުލާ މީހާއަށް އޮތް އިހުތިޔާރެކެވެ. އެހެނެއް ކަމަކު ވަކި ކަމަކަށް ވޯޓުނުލާ ކަމުގެ ލޭބަލް ވުމަކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ކޮންމެ ވޯޓަކީ ސިއްރެކެވެ. 
ވަކި ދާއިރާއެއްގައި ހުންނަ އެހެން ދާއިރާއެއްގެ އެންމެ މީހަކު ވޯޓުލާ ގޮތަކުން އެ މީހާގެ ވޯޓު ސިއްރު ނުވުމުގެ މައްސަލައަކީ މިހާތަނަށްވެސް އޮތް ހައްލުނުވާ މައްސަލައެކެވެ. އެގޮތަށް ދިމާވުމުން މީހަކު ވޯޓުލާ ގޮތް އެނގުމުން ދާއިމީ ބޮޑެތި ދެކޮޅުވެރިކަމާއި ފިތުނަތައް އުފެދިފައިވަނީވެސް މަދެއްކޮށް ނޫނެވެ. އެހެން އެކަން އޮއްވާ އަނެއްކާ އަނެއް ގޮތަކަށް ވޯޓުގެ ސިއްރުކަން ގެއްލުވާލަން ޒާހިދު ދިމާކުރި ކުރުން ވަގުތުން ހުއްޓާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ