ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އަތުން 3-1 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބުން ހަތަރު ވަނައިގައި ހަމަޖެހިލައިފި އެވެ.
މި ނަތީޖާއާ އެކު، ލީގުގެ ހަތަރެއްގައި އޮތް ބުރު އަށް ވަނީ 13 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަަބަށް ވަނީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މި ހަފްތާގައި ކުޅޭ ފަހު މެޗުގައި، ލީގުގެ ތިން ވަނައިގައި އޮތް ނިއު އިން ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭނެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބުރުން ލީޑުނެގީ 37 ވަނަ މިނިޓްގައި ހަޑްސަން ޑިއާޒް ޖެހި ގޯލުންނެވެ. މިއީ، ގްރީން ސްޓްރީޓްސްގެ ކީޕަރު ނައިޖީރިއާގެ އޯޖޯ ހެދި ގޯހަކުން ބުރުން ޖެހި ގޯލެކެވެ. އެ ގޮތުން، އޯޖޯ ފޮނުވާލި ބޯޅައެއް ބުރުގެ އަލީ ހަމްްދާން (އައްޔަ) ކޮންޓްރޯލް ކޮށްލާފައި ހަޑްސަން އަށް ދިނުމުން އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެެެވެ.
ބުރުން އެއް ގޯލުގެ ލީޑަކާ އެކު، ފުރަތަމަ ހާފު ނިންމާލައި، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ލަނޑެއް ޖަހައި، ލީޑުފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ނާއިމް އެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ނާއިމް މި ލަނޑު ޖެހީ، ގްރީން ސްޓްރީޓްސް އޭރިއާތެރެއިން ޑިފެންސްނުކުރެވި ދޫވީ ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ބުރުގެ ނާއިމް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ބަދަލަކަށް ކުޅެން އެރިތާ ތިން މިނިޓް ތެރޭ ބުރުގެ ތިން ވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓްގައި ޖެހީ، އަބްދުﷲ ޔާމީން (ޔާނު) އެވެ.
އަނިޔާއިން ރިކަވާވެގެން ގިނަ ދުވަސްތަކަކަށް ފަހު ކުޅެން ނުކުުތް މި މެޗުގައި، ޔާނު ލަނޑު ޖެހި ޕެނަލްޓީ އަކީ، ނާއިމް އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެކެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި، ގްރީން ސްޓްރީޓްސް އިން ވަނީ މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްފަ އެވެ. މިއީ، ގްރީން ސްޓްރީޓްސްގެ ފަހަތުން ކުޅުނު ދިގު ބޯޅައަކަށް، ބުރުގެ އޭރިއާތެރެއިން އަރައި، އެ ޓީމުގެ ކީޕަރު، ހަސަން އަލީފް އަށް ލިބުމުގެ ކުރިން މިސްރުގެ ޑިފެންޑަރު، އެލްސައީދު ބޮލުން ޖެހި ގޯލެކެވެ.
ކުޅުނު 13 މެޗުން ލިބުނު އަށް ޕޮއިންޓާ އެކު، ގްރީން ސްޓްރީޓްސް އޮތީ ލީގުގެ އަށް ވަނައިގަ އެވެ.
ބުރުން ގްރީން ސްޓްރީޓްސް ބަލިކޮށް ހަތަރެއްގައި ހަަމަޖެހިލައިފި ބުރުން ގްރީން ސްޓްރީޓްސް ބަލިކޮށް ހަތަރެއްގައި ހަަމަޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ