ދޮގު ވާހަކަ ފަތުރާތީ ފިޔަވަޅު އަޅަން ޗައިނާ އެމްބަސީއިން ސަރުކާރުގައި އެދިއްޖެ

ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަށް ހީނަރުކަން އަންނަ ގޮތަށް މީޑިއާތަކުން ދޮގު ހަބަރު ފެތުރުން ހުއްޓާލުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ގޮވާލައިފި އެވެ.
ޗައިނާ އެމްބަސީން މިއަދު ހެދުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖޭގެ ބައެއް މީޑިއާތަކުން ޗައިނާއަށް އަމާޒުކޮށް ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމަށް އަސަރުކުރާނެފަދަ ދޮގު ހަބަރުތަކެއް ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
"ޗައިނާއިން އަބަދުވެސް މަސައްކަތް ކުރަނީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމަށް، ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަކީ ހަމައެކަނި ރާއްޖޭގެ އިގްތިސޯދީ، އަދި އިޖުތިމާއީ ކުރިއެރުމަށް ކުރެވިފައިވާ މަސައްކަތްތަކެއް" ނޫސްބަޔާނުގައި ވެ އެވެ.
އަދި، ފެތުރެމުންދާ ދޮގު ހަބަރުތަކުގެ ސަބަބުން ދިވެހިންގެ މެދުގައި ޗައިނާއާ ދޭތެރޭ ނަފުރަތު ނުއުފެދޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އެމްބަސީން ބުނެފައިވެ އެވެ.
ޗައިނާގެ އެމްބަސީއިން މިފަދަ ބަޔާނެއް ނެރެފައިވަނީ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ބުނެ އެފަދަ ހަބަރު ފެތުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ޒިންމާދާރު ނޫސްވެރިކަމަށް ބާރު އަޅައިދިނުމަށް އިންޑިއާ ހައި ކޮމިޝަނުންވެސް ބަޔާނެއް ނެރެފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހު 30 ގައި އޮންނައިރު، އެމްޑީޕީގެ އިންޑިއާ ފަސްޓު ޕޮލިސީ އާއި ޕީޕީއެމްގެ ޗައިނާއާ ގާތް ގުޅުމާމެދު ގިނަ މީޑިއާތަކުން އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުންވެސް ދަނީ ގިނަ ހަބަރުތަކެއް ފަތުރަމުންނެވެ. އެގޮތުން އެ ރާއްޖޭގައި އެ ދެގައުމުގެ އަސްކަރީ ބާރު ގާއިމުކުރުމާ ގުޅޭ އަޑުތައްވެސް ހިމެނެ އެވެ.
ޗައިނާ އެމްބަސީއިން އިތުރަށް ބުނެފައިވަނީ ބަޔާނުގައި ފާހަގަކޮށްފައިވާ ފަދަ ހަބަރުތައް ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ އެކަން ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި އެ ގައުމުން މިހާރު އެދިފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ