ދަރަންޏާ މެދު ކަންބޮޑެއް ނުވޭ، ދަރަނިތައް ދެއްކުމަށް ފައިސާ ހޯދޭނެ ގޮތްތައް މިހާރުވެސް ފަހިވެއްޖެ: މުއިއްޒު

ދަރަންޏާ މެދު ކަންބޮޑުނުވާ ކަމަށާއި އެ ދަރަނިތައް ދެއްކުމަށް ފައިސާ ހޯދޭނެ ގޮތްތައް މިހާރުވެސް ފަހިވެފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އޮތް 9.4 ބިލިއަން ރުފިޔާ (1 ބިލިއަން ޑޮލަރު) ދައްކަން ޖެހެއެވެ. އެ މުއްދަތުގެ ކުރިން އެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް "ވަން"އަށް ދެއްވި އިންޓިވިއުއެއްގައި މީގެ ކުރިން ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހދ. ކުރިނބީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ އިގުތިސާދީ ސިޔާސަތުން އެކަންކަން ހަމައަކަށް އަޅުއްވާނެ ކަމަށާއި ފައިސާ ޗާޕުކުރުން ވެސް ނިމުމަކަށް ގެންނަވާނެ ކަމަށެވެ.
"ދައްކަން ހުރި ލޯނުތަކަށް ފައިސާ ދެއްކޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފައި. މިހާރުވެސް އަޅުގަނޑުމެންނަށް ގާތް ރަހުމަތްތެރި ބައެއް ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މިހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްގޮތް. އެހެންވީމާ އަޅުގަނޑުމެންނަށް ކަންބޮޑުވުމެއް ނެތް. ރާއްޖޭގެ އިގުތިސާދީ ސިޔާސަތު ހައްލުކުރުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް،" އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިލްމީ ނަޒަރިއްޔާތުން ބަލަން ޖެހޭ ކަންކަން ބަލާފައި ނޫނިއްޔާ އޭނާ ވައުދެއް ވެވަޑައިނުގަންނަވާނެ ކަމަށާއި އެހެންކަމުން ހުރިހާ ރަށަކަށް ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އަދި ރަށްރަށަށް ކޮށްދޭން ޖެހޭ ކަންކަން ކުރުމަށް ދައުލަތަށް ފައިސާ ވަންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ދައުލަތަށް ލިބޭ އާމްދަނީން ކުރެވޭ ކަންކަން މި ހުންނަނީ. މިވަރުގެ އާބާދީތަކަށް ކުރެވޭ ވަރުގެ ކަންކަން ކުރެވޭ ވަރަށް ހަގީގަތުގައި ވެސް ކޮންމެ މަހަކު އެބަ ވަދޭ ފައިސާ ދައުލަތަށް. އެހެންނަމަވެސް މި ސަރުކާރުން މިސްމެނޭޖް ކުރަނީ. މާނައަކީ ކުރަން ނުޖެހޭ ހަރަދުކުރަނީ، އިސްކަން ދޭންވާ ކަންތައްތަކަށް އިސްކަން ނުދެވެނީ. ފައިސާ ޗާޕު ވެސް ކުރަނީ، މުސާރަ ދިނުމަށްޓަކައި ލޯނު ނަގަނީ، މިހެން ގޮސް އެ ފުށް މިފުށަށް ޖެހިފައި މިއޮތީ މައިގަނޑު އިގުތިސާދު އަސާސްތައް. އެހެންވީމާ މި ހުންނަ ރަށްތަކުގައި ކަންކަން ނުވެފައި މި ހުންނަނީ،" އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު އެއްވަނަ ހޯއްދެވީ 101,494 ވޯޓާއެކުއެވެ. އެއީ 45.99 ޕަސަންޓެވެ. ދެވަނައަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،126 ވޯޓެވެ. އެއީ އިންތިހާބުގެ 39.02 ޕަސަންޓެވެ. އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒާއި ރައީސް ސޯލިހު ވާދަކުރައްވާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ