މެމްބަރު އާމިރަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުން، ފުލުހުން ބުނަނީ އަމުރަށް ނުކިޔަމަންތެރިވީކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު، އަހުމަދު އާމިރުއަށް ފުލުހުންތަކެއްގެ ފަރާތުން އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން މެމްބަރު އާމިރު ސައިކަލެއްގައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވާފައެވެ. މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަގޮތުގައި، އާމިރު ދުށްވަން އިން ސައިކަލުން އޭނާ ބޭލުމަށް، ފުލުހުން ވަނީ "ގަދަބާރުން" މަސައްކަތްކޮށްފައެވެ. އަނިޔާ ނުކުރުމަށް ތަކުރާރުކޮށް މެމްބަރު އާމިރު ގޮވާ އަޑު އެ ވީޑިއޯއިން އިވޭއިރު، ފުލުހުން މަސައްކަތްކުރަމުން ދިޔައީ އޭނާގެ އަތް ފަހަތަށް ލައި، އޭނާ ކޮންޓްރޯލް ކުރުމަށެވެ.
އެތަނުގައި ހުރި ފުލުހަކު މެމްބަރު އާމިރުއާ ދިމާލަށް، "މައިތިރިވެގެން ހުންނަން" ގޮވާ އަޑު އެ ވީޑިއޯއިން އިވެއެވެ.
މިކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށް ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތުދެއްވަމުން އާމިރު ވިދާޅުވީ، ރޭ 1:00 ޖެހިހާއިރު ފޭސް ދޭއްގައި ރަހުމަތްތެރިޔަކާއެކު ދުއްވާފައި ދަނިކޮށް މަގުމަތީގައި ޓްރެފިކް ހުއްޓުވަން ތިބި ދެ ފުލުހަކު ވަރަށް ބާރަށް ދުއްވާފައި އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުވި ކަމަށެވެ. އަދި އެއަށްފަހު އޭނާއަށް "ހަމަލާ" ދިނީކަމަށް އާމިރު ވިދާޅުވިއެވެ. އަތް ފުރަގަހަށްލާ ވަރަށް އަނިޔާކޮށް ފުލުސް އޮފީހަށް ގެންދިޔަ ކަަމަށްވެސް އާމިރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން "ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ 12:55 ހާއިރު، ވެހިކަލް ޗެކްޕޮއިންޓެއް (ވީސީޕީ) ޖަހައި ފުލުހުން އުޅަނދުތައް ޗެކު ކުރަމުންދަނިކޮށް، ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން އެ އަމުރަށް ކިޔަމަންތެރިނުވެ ފުލުހުންނާ ހަޑިހުތުރުބަހުން މުއާމަލާތުކޮށް، ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދިއުމުން ފުލުހުން ގޮސް އެ ސައިކަލު ދުއްވަން އިން މީހާ ހުއްޓުވާފައިވާނެ ކަމަށެވެ.
އެ ސައިކަލު ދުއްވަން އިން މީހާއާ ސުވާލުކުރުމުން، މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށާއި، އެހެންކަމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލާފައިވާނެކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އޭނާ ދުއްވަން އިން ސައުކަލު ފުލުހުން ޓޯ ކޮށްފައިވާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ ވީސީޕީއަށް މަޑުކުރަން އެންގުމުން މެމްބަރު އާމިރު އެ އަމުރަށް ނުކިޔަމަންތެރިވިކަމަށް ފުލުހުން ބުނާއިރު މެމްބަރު އާމިރު ވިދާޅުވީ، ފުލުހުން އޭނާ ހުއްޓުވައި، ހަމަލާ ދިނީ ކީއްވެގެންކަން ވެސް އެނގުނީ ފުލުސް އޮފީހަށް ގެންދިޔައީމަ ކަމަށެވެ.
އާމިރު ވިދާޅުވީ، މިއީ ވަރަށް ލާއިންސާނީކޮށް ފުލުހުން ކޮށްފައިވާ ކަމެއް ކަމަށާއި، މި މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ފުލުހުންގެ އިންޓަގްރިޓީ ކޮމިޝަނަށާއި، ކަމާއި ގުޅުންހުރި ހުރިހާ މުވައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ވީސީޕީއަކަށް މަޑުކުރަން އެންގުމުން މެމްބަރު އާމިރު އެ އަމުރަށް ނުކިޔަމަންތެރިވުމުން އޭނާ ހުއްޓުވައި، ފުލުސް އޮފީހަށް ގެންދަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވެފައިވާއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ވެސް، މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން "ރަހުމުކުޑަ" އަމަލުތަކެއް ފެންނަކަމަށް ގިނަބަޔަކު ބުނެއެވެ.
އަދި މި މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމަށް ގޮސްއުޅޭ ނޫސްވެރިންނަށް ވެސް ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ