ބިދުޢަތަކުން ސަލާމަތްވެ ނުތިބެވޭނަމަ އެކަމުގެ ތެރެއަށް ވަދެވި ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޝަފާޢަތް ނުލިބޭނެ މީހުންގެ ތެރެއިން ހިމެނިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހިފައިވާ ކަމެކެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! މުހިންމު މަޢުލޫމާތު ތަކެއް ލިބިލައްވާނެއެވެ! އިން ޝާ ﷲ
ބިދުޢަތަކާ ގުޅުން ހުރި މައްސަލަތައް ދެނެގަތުމުގައި ބިދުޢައިގެ ލަފްޒީ މާނައާއި އިޞްތިލާޙީ މާނަ އެނގުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ ބިދުޢައާއި ގުޅުން ހުރި ބައެއް މައްސަލަތަކުގައި އުފެދިފައިވާ ޚިލާފުތައް ގުޅިފައިވަނީ ބިދުޢައިގެ އިޞްތިލާޙީ މާނަކުރާ ގޮތަށެވެ.
ބަހުގެ ގޮތުން ބިދުޢައިގެ ތަޢާރުފު
ބަހުގެ ބޮތުން ބިދުޢަ: البِدْعَة އަކީ الابتداع އިން ނެގިފައިވާ ނަމެކެވެ. [1]
ޢަރަބި ބަހުގައި ب – د – ع އެއްލަފްޒެއްގައި އައިސްފައިވާނަމަ އެއިން ދޭހަކޮށްދެނީ ކުރީގައި ނުވާ ގޮތަކަށް ކަމެއް ފެށުމެވެ. [2]
މީހަކު އާކަމެއް ކޮށްފިއްޔާ ابتدع އޭ ކިޔާ އުޅެއެވެ. [3]
ދުލުން ބޭރު ކުރާ ބަސްތަކަށާއި ގުނަވަންތަކުން ކުރާ ޢަމަލުތަކަށްވެސް ބިދުޢަ އޭ ބުނެ އުޅެއެވެ. [4]
އަދި މިވެނި މީހަކީ މިވެނި ކަމެއްގައި ފުރަތަމަ މީހާއޭ ބުނުމަށް بِدْع في هذا الأمر އޭ ބުނެ އުޅެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قُلْ مَا كُنتُ بِدْعًا مِّنَ الرُّسُلِ﴾ [5]
މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ރަސޫލުންގެ ތެރެއިން ފުރަތަމަ (ފޮނުއްވި) ރަސޫލަކުކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ.“
އެބަހީ: ރަސޫލުކަމާއިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ ތިމަންކަލޭގެފާނެއް ނޫނެވެ. [6]
މީހަކު އާކަމެއް ނުވަތަ ބިދުޢައެއް ފާޅުކޮށްފިނަމަ أَبْدَعَ – ابْتَدَعَ – تَبَدَّع އޭ ބުނެ އުޅެއެވެ. [7]
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَرَهْبَانِيَّةً ابْتَدَعُوهَا مَا كَتَبْنَاهَا عَلَيْهِمْ﴾ [8]
މާނައި: ”އަދި ދުނިޔެ އަޅާފައި (އަޅުކަމުގެ ނަމުގައި) ތިބުމަކީ، އެއުރެން އަމިއްލަޔަށް އުފެއްދި ކަމެކެވެ. އެކަމަކީ، ތިމަން އިލާހު އެއުރެންގެ މައްޗަށް ކަނޑައެޅުއްވި ކަމެއް ނޫނެވެ.“
ދީން ފުރިހަމަވުމަށް ފަހު ކުރާ އާ ކަންތައްތަކަށްވެސް ބިދުޢައޭ ކިޔާ އުޅެއެވެ. [9]
އަދި މީހަކަށް ބިދުޢައެއް ނިސްބަތްކޮށްފިނަމަ بَدَّعَهُ އޭ ބުނެ އުޅެއެވެ. [10]
އިޞްތިލާހީ ގޮތުން ބިދުޢައިގެ ތަޢާރުފު
އިޞްތިލާޙީ ގޮތުން އެކި ޢިލްމުވެރިން ބިދުޢަ ތަޢުރީފުކުރައްވާ ގޮތް ތަފާތެވެ. އެބޭފުޅުން ޛިކުރުކުރައްވާފައިވާ ބައެއް ތަޢުރީފުތަކުގެ ތެރޭގައި:
ފުރަތަމަ ތަޢުރީފު: ﷲ ގެ ރަސޫލާ صلى الله عليه وسلم އަވަހާރަވުމަށް ފަހު، އަލަށް އުފެދިގެން އައި ޢަމަލުތަކާ އަދި (މުސްލިމުންގެ ޖަމާޢަތާ ވަކިވެ) ހަވާނަފްސަށް ތަބާވުމުގެ ޢަމަލުތަކެވެ. [11]
ދެވަނަ ތަޢުރީފު: ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައި ކޮށްފައި ނުވާ ކަންތައްތަކެވެ. [12]
ތިންވަނަ ތަޢުރީފު: ދީނުގައިވާ ކަންތައްތަކާ ވައްތަރު ގޮތަކަށް އަލަށް އުފައްދާ ކަންތައްތަކެވެ. އެކަމުގެ ބޭނުމަކީ (ކަނޑަ އަޅުއްވާފައިވާ މިންވަރަށް ވުރެ) ބޮޑަށް ﷲ އަށް އަޅުކަންކުރުމެވެ. [13]
ހަތަރުވަނަ ތަޢުރީފު: ޝަރީޢަތުގައި ބިދުޢައޭ ކިޔަނީ އަލަށް އުފައްދާ ނޭދެވޭ ކަންތައްތަކަށެވެ. އަދި ރަނގަޅުކަމަކަށް ނިސްބަތްކުރާނަމަ އެކަން ބަޔާންވެފައި އޮންނާނެއެވެ. [14]
ފަސްވަނަ ތަޢުރީފު: އިޢުތިޤާދާއި ބަހާއި ޢަމަލުގައި ސުންނަތާ ޚިލާފުވުމެވެ. [15]
ހަވަނަ ތަޢުރީފު: ﷲ ޝަރުޢު ކުރައްވާފައި ނުވާ ކަމެއްގެ ޛަރީޢާއިން އެއިލާހަށް އަޅުކަންކުރުމެވެ. [16]
ހަތްވަނަ ތަޢުރީފު: ނަބިއްޔާ صلى الله عليه وسلم އާއި ޚުލަފާއުއްރާޝިދޫން ކުރައްވާފައި ނުވާކަމެއް އަޅުކަމެއްގެ ގޮތުގައި ކުރުމެވެ. [17]
މި ތަޢުރީފުތަކުގެ ތެރެއިން އެންމެ ރަނގަޅު ތަޢުރީފުކަމަށް ބުރަވެވެނީ ތިންވަނަ ތަޢުރީފެވެ. އެއީ ޝަރުޢީ ގޮތުން ބިދުޢައިގެ މާނަ ރަނގަޅަށް ދޭހަކޮށްދޭ ޖާމިޢު ތަޢުރީފެކެވެ. އަދި އެ ތަޢުރީފުގައި ބަހުގެ ގޮތުން ބިދުޢައިގެ މާނަ ހިމަނުއްވާފައިވެއެވެ. އަދި މީސްތަކުން ޢާންމު ގޮތެއްގައި ކޮށްއުޅޭ ކަންތައްތައް އެއްކިބާ ކޮށްފައިވެއެވެ. [18]
ހަތަރުވަނަ ތަޢުރީފުގައިވަނީ ބިދުޢައިގެ ތެރޭގައި ރަނގަޅު ބިދުޢައާއި ރަނގަޅު ނޫން ބިދުޢަވާކަމަށް ހިމަނާފައެވެ. އެހެނަސް އެފަދައިން ބިދުޢަތައް ދެ ބަޔަކަށް ބެހުމަކީ ރަނގަޅު ގޮތެއް ނޫންކަން ކުރިއަށް ހުރި ލިޔުންތަކުގައި އެނގިގެން ދާނެއެވެ. إن شاء الله.
ފަސްވަނަ ތަޢުރީފުގައިވާ ގޮތުން ބިދުޢައަކީ: ”އިޢުތިޤާދާއި ބަހާއި ޢަމަލުގައި ސުންނަތާ ޚިލާފުވުމެވެ.“ މިފަދައިން ބިދުޢައިގެ ތަޢުރީފުކޮށްފިނަމަ ބިދުޢައިގެ ތެރެއަށް ފާފަތައް ވަދެގެން ދާނެއެވެ. ކޮންމެ ފާފައަކީ ބިދުޢައެއް ނޫނެވެ.
ދެން ހުރި ތަޢުރީފުތަކުގައިވަނީ ބިދުޢައިގެ ބައެއް ޤަވާޢިދުތަކެވެ. [19]
ބަހުގެ ގޮތުން ބިދުޢައާއި އިޞްތިލާހީ ގޮތުން ބިދުޢައިގެ ތަފާތު
އަލަށް އުފައްދާ ކޮންމެ ކަމަކަށް ބަހުގެ ގޮތުން ބިދުޢަ ކިޔާ އުޅުނަސް، އިޞްތިލާޙީ ގޮތުން އެފަދަ ކޮންމެ ކަމަކަށް ބިދުޢައެކޭ ނުކިޔާނެއެވެ. މިސާލަކަށް އަލަށް އުފައްދާ ތަކެއްޗާއި ރަށްތަކަށް އިޞްތިލާޙީ ގޮތުން ބިދުޢައެކޭ ނުކިޔާނެއެވެ. [20]
އަދި މީސްތަކުން އާދަކާދައިގެ ގޮތުން ކުރާ ކަންތައްތަކަށްވެސް އެއީ ބިދުޢަކަމުގައި ނުކިޔާނެއެވެ. އެހެނަސް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަކާ ޚިލާފަށް، ﷲ އާ ކުއްތަންވުމުގެ ގޮތުން އާދަކާދައިގެ ނަމުގައިވިޔަސް ކުރާ ކަންތައްތައް ބިދުޢައިގެ ތެރޭގައި ހިމެނިގެން ދާނެއެވެ. [21]
އާ ކަންތައްތައް ނުކުރާން ކާރު ސައިކަލުފަދަ ތަކެތި ދޫކޮށްލާފައި ޖަމަލުގައި އުޅޭށޭ ބައެއް މީހުން ބުނާ ބުނުމަކީ ރަނގަޅު ބަހެއް ނޫންކަން މިކަމުން ހާމަވެގެން ދެއެވެ. އަދި ބަހުގެ ގޮތުން ބިދުޢައިގެ ގޮތުގައި އެފަދަ ކަންކަން ހިމެނިޔަސް ދީނުގެ ޢިލްމުވެރިންގެ އިޞްތިލާޙުގައި ބިދުޢައިގެ ނުބައި ވާހަކަ ދައްކާއިރު އެ ބުނާ ކަންތައްތައް ނުހިމެނެއެވެ.
[1] انظر: المصباح المنير للفيومي (1/38).
[2] انظر: مقاييس اللغة لابن فارس (1/209).
[3] انظر: جمهرة اللغة لابن دريد (1/298).
[4] انظر: مقاييس اللغة لابن فارس (1/209).
[5] سورة الأحقاف: ٩
[6] انظر: مقاييس اللغة لابن فارس (1/209) والمفردات للراغب (ص: 111).
[7] انظر: لسان العرب لابن منظور (8/6).
[8] سورة الحديد: ٢٧
[9] انظر: الصحاح للجوهري (3/1183).
[10] انظر: الصحاح للجوهري (3/1183).
[11] العين للخليل (2/55).
[12] قواعد الأحكام لعز بن عبد السلام (2/204).
[13] الإعتصام للشاطبي (1/50).
[14] انظر: المنثور للزركشي (1/217).
[15] بريقة محمودية للخادمي (1/86 -87).
[16] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (2/292).
[17] مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين (2/292).
[18] انظر: شرح الشاطبي لهذا الضابط في كتاب الإعتصام (1/51-52).
[19] انظر: قواعد معرفة البدع للجيزاني (ص: 123- 135).
[20] الاعتصام للشاطبي (1/50).
[21] انظر: تنبيه أولي الأبصار للسحيمي (ص: 106).
- ޖަމިއްޔަތުއްސަލަފް
ސަމާލުވެލައްވާ!: ރަސޫލް ޞޢޥ ގެ ޝަފާޢަތް ލިބެން އޮތީ ބިދުޢަތަކަށް ރައްކާތެރިވެވިގެން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ