ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.
ތޮލްހަތުގެ މައްޗަށް ހުކުމްކުރަން މިރޭ ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ފެންނަ ކަމަށް ސިފައިންގެ އިސްވެރިންނާ ބައްދަލުކޮށް، ތޮލްހަތު ވިދާޅުވި ކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެކަމުގައި ޒިންމާ ސިފައިން ނަގަން ނުޖެހޭނެ ކަމަށް ތޮލްހަތު ވިދާޅުވިކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ގާޒީ ދީދީ ވިދާޅުވި އެވެ.
މީގެ އިތުރުން އަބްދުﷲ ގާޒީ ގިރިފުށީގައި ހުރިއިރު އޭނާގެ ވެލްފެއާ ކަންކަން ބަލަހައްޓަން ދިޔަ ސިފައިންގެ ސައިކޭޓްރިސްޓް އައިޝަތު ޒީނާ އާއި ޑޮކްޓަރު އަލީ ޝާހިދު އެރަށަށް ދިޔައީ ވެސް ތޮލްހަތު އަންގައިގެން ކަމަށް އެ ދެ މީހުންގެ ބަހުން އެނގޭކަން ވެސް ގާޒީ ދީދީ ފާހަގަ ކުރެއްވި އެވެ.
އެކަންކަން ފާހަގަކޮށް ގާޒީ ދީދީ ހުކުމް އިއްވަވަމުން ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި މަޝްވަރާކޮށް، އެކަމުގައި ތޮލްހަތު ބައިވެރިވިކަން ތޮލްހަތުގެ ބަހުންނާއި ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ އެ ކުށުގެ އަދަބެއްގެ ގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ގާޒީ ދީދީ ވިދާޅުވި އެވެ.
ހުކުމްކުރި މަޖިލީހަށް ތޮލްހަތު ވަތްއިރު އޭނާގެ މޫނުމަތިން އުފާވެރިކަން ފާޅުވާން ހުރި ނަމަވެސް ހުކުމް ކުރުމާ އެކު ކޯޓުން ރޫމުން ނިކުތް ވަގުތު އޭނާގެ މޫނުމަތިން ކުރިން ފެނުނު އުފާވެރިކަން ފެންނާކަށް ނެތެވެ.
ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ އޮޕަރޭޝަންސް ޑައިރެކްޓާ ކާނަލް މުހައްމަދު ޒިޔާދާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއާ އިބްރާހިމް ދީދީގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.
މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ކުރާއިރު ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. މިހާރުގެ ޑިފެންސް މިނިސްޓަރު ޖަލީލުގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ