ސަރުކާރުގެ ޓެކްސީ ލައިނަށް 100 ކާރު ގެނެސް، ފުރަތަމަ އިންވެސްޓްމެންޓެއްގެ ގޮތުގައި 80 މިލިއަން ރުފިޔާ ހަރަދު ކުރަނީ ސަރުކާރުގެ ޓެކްސީ ލައިނަށް 100 ކާރު ގެނެސް، ފުރަތަމަ އިންވެސްޓްމެންޓެއްގެ ގޮތުގައި 80 މިލިއަން ރުފިޔާ ހަރަދު ކުރަނީ

ޓެކްސީ ހިދުމަތް ދިނުމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ލައިނެއް ތައާރަފް ކުރަން ނިންމާފައިވާއިރު، އެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 80 މިލިއަން ރުފިޔާ ހަރަދުކޮށް 100 ކާރު ގެންނަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
އަދަދު އިން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައި އެ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވާ އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ބުރުގައި 80 މިލިއަން ރުފިޔާ ހަރަދުކޮށް 100 ކާރު ގެންނަން ނިންމާފައިވީ ނަމަވެސް ކާރުތަކުގެ ފުރިހަމަ އަގު މިހާތަނަށް ޔަގީންނުވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ކާރުތަކުގެ ފުރިހަމަ އަގު ޔަގީންނުވުމުގެ އިތުރުން ކާރުގެ ބްރޭންޑާއި ކާރު ގަންނަން ހަމަޖެހިފައިވާ ކުންފުނި ވެސް އަދި ޔަގީންވެފައިނުވާ ކަމަށެވެ.
އެމްޓީސީސީއިން ބުނީ ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދޭނެ އަދަދު އަދި ހަމަޖައްސާފައިނުވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން މާލެ ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކުގައި ދުއްވާނެ ކާރުތަކުގެ އަދަދު ވެސް ހަމަޖައްސާފައިނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަ ކާރުތައް ޕާކު ކުރާނެ ސަރަހައްދު ސަރުކާރުން ކަނޑައަޅާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. ކާރުތައް ޕާކު ކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސަރުކާރުގެ ޓެކްސީ ލައިނުން ދަތުރުފަތުރުކުރުމުގެ ހިދުމަތް ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާ އަގެއްގައި ކަމަށް ވެސް އެމްޓީސީސީއިން ބުނެ އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައި ވަނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ޓެކްސީ ލައިނު ތައާރަފުކޮށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާމުން ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވި އެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިނުގައި ދުއްވާނީ ކަރަންޓު ބޭނުންކޮށްގެން ޗާޖު ކުރެވޭ ކާރު ކަމަށެވެ. ކަރަންޓު ބޭނުންކޮށްގެން ދުއްވާ ކާރު ޗާޖު ކުރެވޭނެ ވަސީލަތްތައް ވެސް އެއިރުން ގާއިމް ކުރަންޖެހޭނެ އެވެ.
ރަސްމީކޮށް ރަޖިސްޓްރީކޮށްގެން މާލޭގައި 1590 ޓެކްސީ ދުއްވަ އެވެ. އޭގެ އިތުރުން، މޯބައިލް އެޕްލިކޭޝަންތައް މެދުވެރިކޮށް ރަސްމީކޮށް ރަޖިސްޓްރީނުކޮށް ވެސް ވަރަށް ގިނަ ބަޔަކު ޓެކްސީ ހިދުމަތް ދެ އެވެ.
ޓެކްސީ ޑްރައިވަރުން ބުނަނީ ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފެށުމުން މިހާރު އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިނެއް ފެށުމާ ދެކޮޅަށް މާލޭގައި ޓެކްސީ ދުއްވާ މީހުން އިހުތިޖާޖެއް ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ