ޑިވެެލޮޕްމެންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ބޯޑު މެންބަރުކަމުން އަހުމަދު އަލީ، މއ. ވޭސައިޑް 805 އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ޑީބީއެމްގެ ބޯޑު މެންބަރު ކަމުން އަހުމަދު އަލީ އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވީ އިއްޔެ ކަމަށެވެ.
އެހެންކަމުން އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށް ޕީސީބީ އިން ބުންޏެވެ. އަހުމަދު އަލީ ބޯޑު މެންބަރު ކަމުން އިސްތިއުފާ ދެއްވި ސަބަބެއް ޕީސީބީ އިން ހާމައެއް ނުކުރެ އެވެ.
އަހުމަދު އަލީ އަކީ ޑީބީއެމްގެ ބޯޑުގައި އިންނެވި ރާއްޖެ އަށް ނިސްބަތްވާ ހަމައެކަނި މެންބަރެވެ. އޭނާ ވަނީ މީގެ ކުރިން އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ތަފްސީލް - ޑިވެލޮޕްމެންޓު ބޭންކަކީ ތަރައްގީގެ މަޝްރޫއުތަކާއި އެފަދަ ކަންކަމަށް ލުއި ގޮތްތަކެއްގެ މަތިން ފައިސާ ދޭން އުފައްދާފަައިވާ ބޭންކެކެވެ.
ގުޅުން ހުރި - އެ ބޭންކުގެ ސީއީއޯ އަކަށް އައްޔަނު ކުރެއްވިނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޕެޓާސަން އާއި އަހުމަދު އަލީގެ އިތުރުން ދެން ޑީބީއެމްގެ ބޯޑަށް އައްޔަނު ކުރެއްވީ:
ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު، ސިންގަޕޫރު
ރޮބަޑް ޑެނިއަލް ކާންޓު، އިނގިރޭސިވިލާތް
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމް ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދު ފުއްދުމަށްޓަކައި މި ބޭންކް ހުޅުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެމްއެމްއޭއިން މި ބޭންކް އުފެއްދުމަށް ލައިސެންސް ދިނީ މިދިޔަ 16 އޮކްޓޯބަރުގަ އެވެ.
ޑީބީއެމް ގާއިމްކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް ހިންގާ އުމަރު އާކޭޑިއާ އިމާރާތުގަ އެވެ.
މި ބޭންކް ހުޅުވުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުރި މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގެ ބޭނުމުގަ އެވެ. އެގޮތުން:
މި ބޭންކުން ދިގު މުއްދަތުގެ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެ
ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންތައް ގެނައުމަށް މަސައްކަތް ކުރާނެ
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މިހާރު އެ ބޭންކުގެ މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީ އިން ކަމަށް
ޑީބީއެމްގެ ބޯޑު މެންބަރު އަހުމަދު އަލީ އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ