ޔުމްނުގެ ސާޖަރީއެއް ހަދަން ތައްޔާރުވަނީ

މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ސާޖަރީއެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔުމްނުއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ތަފްސީލް - ސީރިއަސް ޒަހަމުތަކަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންގޮސް ފަރުވާ ފަށާފައިވާއިރު، ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން ރޭ 'އެކްސް'ގައި ބުނީ ޔުމްނުގެ ފުރަތަމަ ސާޖަރީ ވީހާ ވެސް އަވަހަކަށް ކުރަން ޑޮކްޓަރުން ބޭނުންވާ ކަމަށެވެ.
"ދެ ދުވަސް ތެރޭ ވެސް ސާޖަރީއަށް ދާން ޑޮކްޓަރުން ބޭނުންވޭ. ފެންނަ ފެނުމަށް މާ ބޮޑު ކުރިއެރުމެއް [ޔުމްނުގެ ހާލަތަށް] ނައި ނަމަވެސް، ކޮންމެހެން ބޭނުންވާ އަރާމު މިހާރު އެބަ ލިބޭ،" އޭނާ ބުނެފައިވެ އެވެ.
މުއުމިން ބުނީ ޔުމްނުގެ ހާލު ބަލަން މެސެޖުކޮށް ހަދާ އެންމެންނަށް އަދި ހެޔޮ ދުއާ ފޮނުވާ އެންމެންނަށް އެ އާއިލާގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށެވެ.
އެނގުން މުހިއްމު - ޔުމްނު ވެއްޓުނު އިރު، ހ. ފެންޓެނޯއީގޭގައި ޔުމްނުއާ އެކު އުޅުނީ ރައުދު އަހުމަދު ޒިލާލް، 21، އެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ