ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް އިޖާބަދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން ބަލައިގެން ހަރަދުތައް ކުރުމަށް ކުންފުނިތަކުގެ ބަލަދުވެރިފަރާތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިލްތިމާސްކޮށްފިއެވެ.
ޕީސީބީން މިއަދު ވަނީ ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުން ހަރަދުތައް ކުޑަކުރުމަށް އެކުންފުނިތަކުން އަމަލުކުރަންޖެހޭ ގޮތުގެ ސާކިއުލާއެއް ނެރެފައެވެ. ޕީސީބީން ބުނީ ދިވެހި ރައްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަމަގަށް އެޅުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ހަރަދުތަް ކުޑަކުރުން މުހިއްމު ކަމަށެވެ.
ޕީބީސީން ވަނީ މިއަދުން ފެށިގެން ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަންވީ ބައެއް ފިޔަވަޅުތައް ބަޔާންކޮށްފައެވެ.
Advertisement
- ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހިއްޖެ ދަތުރެއް ނޫނީ ނުކުރުން
- ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް، ކުރަންޖެހޭ މުއާމަލާތްތައް އޮންލައިނުކޮށް ކުރިއަށްގެންދިއުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ފަސްޓްކްލާސް އަދި ބިޒްނަސް ކްލާހުން ދަތުރުނުކުރުން
- ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުންދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ޚަރަދު ވީހާވެސް ކުޑަކުރުން
- ފެރީގެ ހިދުމަތް ލިބޭ ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮސް ކުރުން
- އަތޮޅުތެރެއަސް ކުރާ ދަތުރުތަކުގައި ކެއުމާ ހުރުމުގެ ޚަރަދުތައް އެންމެ ކުޑަވާނެހެން އިންތިޒާމުކުރުން
- ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި، ފެއާތަކުގައި ނޫނީ ބައިވެރިނުވުން
ޕީސީބީން ވަނީ މީގެ އިތުރުން މުއައްޒަފުންގެ ހަރަދުތައް ކުޑަކުރުމަށްވެސް ބައެއް ފިޔަވަޅުތައް އެޅުމަށް ކުންފުނިތަކަށް އަންގާފައެވެ. މިގޮތުން އިތުރު މުއައްޒަފުން މަޤާމުތަކަށް ނުނެގުމާއި، މުސާރައާއި އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މެނުވީ ބަދަލުތައް ނުގެނައުމަށް ވަނީ އަންގާފައެވެ.
އަދި ދައުލަތުގެ ވިޔަފާރިތަންތަނަށް ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތްތައް ނުދިނުމާއި، ރަސްމީ ގަޑި ނިމުމުން އިތުރު ގަޑީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މެނުވީ ނުކުރުވުމަށްވެސް ޕީސީބީން ވަނީ ކުންފުނިތަކަށް އަންގާފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަށް ޕީސީބީން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ