ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ވެސް ނުބާއްވަން އެ މަޖިލީހުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ވެސް ނުބާއްވަ އެވެ. މިއަދު އަދި އިއްޔެ ވެސް ޖަލްސާއެއް ނުބާއްވަން ނިންމި ސަބަބެއް ރިޔާސަތުން އާންމެއް ނުކުރެ އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހޯމަ ދުވަހެވެ. އެ ދުވަހު ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ދުވަސް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް ޝެޑިއުލް ނުކުރި ނަމަވެސް އެ މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މަސައްކަތް ވަނީ މިއަދަށް ތާވަލުކޮށްފަ އެވެ. އިއްޔެ ވެސް ކޮމިޓީއެއްގެ މަސައްކަތް ކުރިއަށްގެންދިޔަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު އެންމެ ފަހުން ބޭއްވީ އޭގެ ކުރިން ރޯދަ މަހުގެ ފަހު 10 ގައި އެ މަޖިލިސް ޗުއްޓީގައި އޮތުމަށްފަހެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ޖަލްސާއެއް މަދުވެގެން ހަފުތާއެކު ތިން ދުވަހު ބާއްވަންޖެހެ އެވެ. އެހެންކަމުން ޖަލްސާ ބާއްވަންޖެހޭ ގާނޫނީ އަދަދު ދެން ހަމަ ކުރެވޭނީ އާންމުކޮށް ޖަލްސާ ނުބާއްވާ ދުވަހެއް ކަމަށްވާ ބުރާސްފަތި ދުވަސް އަދި ހުކުރު ނުވަތަ ހޮނިހިރު ދުވަހު ވެސް ޖަލްސާ ބާއްވައިގެންނެވެ.
މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް މަޖިލިސް ބައްދަލުވާނެ ދުވަސްތަކުގެ ކަލަންޑަރެއް އެ އަހަރެއްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަހު އާންމު ކުރަންޖެހެ އެވެ. ނަމަވެސް އެފަދަ ކަލެންޑަރެއް މަޖިލީހުން އާންމުކޮށްފައެއް ނުވެ އެވެ.
އާންމު އުސޫލުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ކުރިއަށްނުގެންދަން ނިންމިއިރު، މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 200 ބިލު މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
"އެފަދަ ބިލްތަކާއި މިފަދަ އެތަށް ކަމެއް ހިމެނޭ ގޮތަށް މުޅި މެނިފެސްޓޯގައި ހުރި މިހުރިހާ ވައުދެއް ފުއްދުމަށް 200 އަށް ވުރެ ގިނަ އިސްލާހާ، އާ ބިލުތައް ފާސްކުރުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ހަފުތާއަކު ތިން ދުވަހު ޖަލްސާ ބާއްވަންޖެހޭއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ވެސް ނުބާއްވާ ހަފުތާއަކު ތިން ދުވަހު ޖަލްސާ ބާއްވަންޖެހޭއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ވެސް ނުބާއްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ