ސަރުކާރާ އެކު މަޝްވަރާކުރަން ތައްޔާރު: ގާސިމް

އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގޮވާލެއްވީތީ އެކަމަށް މަރުހަބާ ކިޔާ ކަމަށާއި ޖުމްހޫރީ ޕާޓީ އޮތީ މަޝްވަރާ އަށް ތައްޔާރަށް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިވަގުތު ތައިލެންޑުގައި ހުންނެވި ގާސިމް ކުރެެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ "ސަރުކާރާ އެކު މަޝްވަރާކުރަން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމުގައި ދަންނަވަން" ކަމަށެވެ. އަދި "ރާއްޖޭގެ ހަމަޖެހުމާއި ރައްޔިތުންގެ ފައިދާ އަށް" މަޝްވަރާ އަށް ގޮވާލެއްވީތީ މަރުހަބާ ވިދާޅުވެފައިވެ އެވެ.
ތައިލެންޑުގައި ހުންނަވައިގެން ގާސިމް ވަނީ އެއީ އޭނާގެ ޓްވީޓްތަކެއްކަން "އަވަސް" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. މީގެ ކުރިން ގާސިމްގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައި ވިޔަސް މިހާރު ވަނީ އަލުން އޭގެ ކޮންޓްރޯލް ހޯދައިފަ އެވެ.
ގާސިމް ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އޭނާ ވިދާޅުވެފައި ވަނީ މިވަގުތު ހުންނެވީ ތައިލެންޑުގެ ބެންކޮކްގައި ކަމަށާއި އެއީ އާގު ބޯޓެއް ޑޮކަށް ލާން ޖެހިގެން ކަމަށެވެ.
މިއަދު އެމްޑީޕީން ވެސް ވަނީ މަޝްވަރާ އަށް ތައްޔާރު ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މަޝްވަރާ ކުރާނީ ރައީސް ޔާމީނާ އެކުގައި ކަމަށާއި އެމްޑީޕީގެ ފަރާތުން ބައިވެރިވާނީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރި ޗެއާޕާސަން އަލީ ވަހީދު ކަމަށެވެ. އެމްޑީޕީން ބުނެފައި ވަނީ މަޝްވަރާ ކޮށްގެން ނޫނީ ކަންކަން ހައްލު ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ