ރާއްޖެ އެތެރެކުރަން އުޅުނު ވޭޕާ ގުޅުންހުރި 2،062 ތަކެތި އަތުލައިގެންފި

ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕާއި އެއާ ގުޅޭ ސާމާނު ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭ ގޮތަށް 2،062 ތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
ތަފްސީލް - މިތަކެތި އަތުލައިގަނެފައިވަނީ އިއްޔެ މެލޭޝިއާ އިން އައި 3 މީހެއްގެ އަތުންނެވެ. ނަމަވެސް، އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ ސާމާނު ފެނިފައިވަނީ އެ މީހުންގެ ލަގެޖުގައި ވޭޕާއި ވޭޕު ކުރަން ބޭނުން ކުރާ ސާމާނު ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް ސާމާނުގެ ތެރޭ ހިމެނެނީ:
1،714 ނެނޯ ސްޓިކް
200 ޓެރިއާ ސްޓިކް
96 ކެލިބާން ކާޓްރިޖު
50 ވީމޭޓު ކާޓްރިޖު
2 ފުޅި ވޭޕް ފްލޭވާޑް ލިޔުއިޑް
ކަސްޓަމްސް އިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފާހަގަ ކުރެވޭ - މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ވޭޕު އަތުލައިގަނެފަ އެވެ.
އެނގުން މުހިންމު - ދުންފަތް މަނާކުރުމުގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން އަދި އެ ބެހުން ފަދަ ކަންތައް ވަނީ މަނާކޮށްފަ އެވެ.
އެ ގާނޫނާ ހިލާފުވާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ހިމަނާފައިވެ އެވެ. އެގޮތުން:
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެ؛ ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ