ބައްޕަ ހިލޭ އަންހެނަކާއެކު އޮއްވާ ފެނުމުން 11 އަހަރުގެ ދަރިފުޅަށް ލިބުނު ނަފްސާނީ ގެއްލުންތަކާ ދަރިފުޅުގެ ބަސް! ކޮންމެ ދެމަފިރިއަކުވެސް ވިސްނާލުން މުހިންމު ޙާދިސާއެއް!

ބައްޕައާއި މަންމަގެ އެނދުގައި ބައްޕަ އެހެން އަންހެނަކާއިއެކު އޮއްވައި ފެނުނީ 11 އަހަރުގެ އަންހެން ދަރިފުޅަށެވެ. ބައްޕަ އެދުނީ އެކަން ސިއްރުކޮށްދިނުމަށެވެ. އެއަންހެން މީހާ އެކުއްޖާގެ އަތަށް ފައިސާ ދީފައި ބުނީ މިއީ އެއްވެސް މީހެއްގެ ގާތުގައި ނުބުނާމަތިން ދިން ހަދިޔާއެއްކަމަށެވެ. 
އެހެންކަމާއިއެކުވެސް ދަރިފުޅު މަންމަގެ ގާތުގައި އެވާހަކަތައް ކިޔައިދިނެވެ. އަނބިމީހާ ވަރަށް ދެރަވެގެން ހުރެ ފިރިމީހާއާއި ސުވާލުކުރުމުން ހެދީ ދޮގެވެ. އެއީ ކުއްޖާއަށް ވީވިގޮތެއް ކަމަށްބުންޏެވެ.  
އެހިސާބުން އެކުއްޖާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަބަދުހެން ވިސްނަން ހުންނަން ފެށިއެވެ. ވާހަކަދެއްކުން މަދުކުރިއެވެ. އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ ސްކޫލްގައެވެ. އެއީ ދުވަހަކުވެސް ނުކުރާ ކަމެއް ކުރީތީއެވެ. އަބަދުވެސް ކުދިންނާއި ގުޅިގެން މަޖާކޮށްއުޅޭ ކުއްޖާ އަންހެން ދަރިވަރެއްގެ ގައިގައި ޖެހީއެވެ.  
ކަންކަން އެހިސާބަށް ދިއުމުން ފިރިމީހާއަށް ސިއްރުން ގޭގެ ބޭރުގައި ކެމެރާ ހަރުކުރިއެވެ. ނަތީޖާޢަކަށްވީ ފިރިމީހާ ހިންގަމުން އައި ޖަރީމާ ފަޅާއެރުމެވެ. ކެމެރާގެ ފުޓޭޖް ދެއްކުމުންވެސް ފިރިޟމީހާ ހެދީ ދޮގެވެ.  
އެހިސާބުން އަނބިމީހާ ފިރިމީހާއަށް އެންގީ ގެއިން ނުކުމެގެން ދިއުމަށެވެ. ފިރިމިހާ ބުނީ އޭނާ އެގެއިންދާން ދަރިން ބޭނުންނުވާނެކަމަށެވެ. ދެދަރިން ގެނެސް ސުވާލުކުރުމުން 7 އަހަރުގެ އަންހެންދަރިފުޅު ބުނީ އުޅެން ބޭނުންވަނީ މަންމައާއި އަދި ބައްޕައާއިވެސް އެކުގައި ކަމަށެވެ. ނަމަވެސް 11 އަހަރުގެ އަންހެންދަރިފުޅުގެ ވާހަކަ ތަފާތެވެ. "މަންމާއެވެ! އަހަރެން ރުޅިގަދަވީ އަހުރެންގެ ވާހަކަ މަންމަ ޤަބޫލުނުކުރީތީއެވެ. އަހުރެން ހެދީ ދޮގެއް ނޫންކަން މިހާރު އެނގިއްޖެ ނޫން ހެއްޔެވެ؟ ކޮއްކޯއެވެ! އަހުރެމެންނަށް ފައިދާކުރާނީ މިގެއަށް "ޑެވިލް" ނުވަނީމައެވެ! ޑެވިލް ނުވަންނާނީ ބައްޕަ މިގެއިން ދިއައިމެވެ. ބައްޕަ ދިއަދޭށެވެ! އަހުރެމެންނަށް ރަނގަޅުވާނީ އެއިރުންނެވެ."  
ބުނާނެ އެއްޗެއްވެސް ބައްޕައަކަށް ނުވިސްނުނެވެ. އިޞްލާޙްވާން ބޭނުންކަމަށާއި އެކަމަށް ފުރުޞަތުދޭން އެދުމުން އަނބިމީހާ ބުނީ ކަލޭ އިޞްލާޙްކުރަން މަސައްކަތްކުރަން އުޅެފިނަމަ މިދަރިފުޅުގެ ދުވަސްދާނެކަމަށެވެ. މުހިންމީ ދަރިފުޅުކަމަށާއި ދެން ރަނގަޅުވާނީ ފިރިމީހޭ މިގެއިން ދިއުނަކަމަށެވެ.  
ފިރިމީހާއަށް ވިސްނުނެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވި ލޯބީގެ އަވާގައި ޖެހެވުމުން ތަނަވަސް އަނބިމިހާއާއި ތަނަވަސް ދިރިއުޅުން ގެއްލުނީއެވެ. ލޯބިވާ 2 ދަރިންވެސް ގެއްލުނީއެވެ. ހިތްދަތިކަމާއިއެކު ދަތިޙާލުގައި ދިރިއުޅެން ޖެހުނީއެވެ. އެކަންކަން ވިސްނުމުން ގެއިން ނުކުތީ ކަރުނަ އަޅަމުންނެވެ.  
މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންތައްތައް ހިނގައިދިއަގޮތެވެ. މިޙާދިސާއިން އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. މައިންބަފައިން އެބާވަތުގެ ނުބައި ޢަމަލުތައް ކުރުމުން ދަރިންނަށްކުރާ ނޭދެވޭ އަސަރު އިޙްޞާޞްކުރެވުމުންނެވެ. ކޮންމެ ކުއްޖެގެ ކިބައިން ފެންނާނީ އެއްބާވަތެއްގެ ކަންކަމެއް ނޫނެވެ. ނަމަވެސް މިބާވަތުގެ މައްސަލަތަކުގެ ސަބަބުން ކޮންމެ ކުއްޖަކަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަފްސާނީ މައްސަލަތަކުގެ ތެރެއަށް ދަރިން ވައްޓާލަން ނޫނީ މިބާވަތުގެ ނުބައި ކަންކަމެއް ނުކުރާނެއެވެ!
 
- މިއަދުނޫހުގެ ކިޔުންތެރިއެއް  
 
--ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ