ދަރިވަރުގެ ޑިސިޕްލިން ރެކޯޑު އޮތް، އަޚްލާގީ ޕްރޮގްރާމެއް ފުރިހަމަކުރަންދެން ސަސްޕެންޑުކޮށްފި

އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކާއި ބިދޭސީ ޓީޗަރަކާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން، އެ ދަރިވަރު ވެސް މިހާރު ސަސްޕެންޑުކޮށްފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގީ އިއްޔެ މެންދުރުފަހު 12 ޖަހާކަން ހާއިރެވެ. ސޯޝަލް މީޑިއާގައި ދައުރުވި 47 ސިކުންތުގެ ވީޑިއޯއަކުން ފެންނަނީ ކުލާސްރޫމެއްގައި ފިރިހެން ދަރިވަރަކު ބިންމަތީ ވެއްޓި އޮއްވައި، ބިދޭސީ ޓީޗަރު އޮޅުލައިގަންނަ މަންޒަރެވެ. https://sun.mv/215117 އެއަށްފަހު، ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހަން މަސައްކަތްކުރުމުން ޓީޗަރު ދަރިވަރު ދުރަށް ޖައްސަން އުޅުނު މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އޭގެ ފަހުން ފިރިހެން ދަރިވަރު ޓީޗަރުގެ ގައިގައި ޖެހުމާއެކު، ރައްދުގައި ޓީޗަރު ކުއްޖާ ގައިގައި ބާރަށް އަތްލައެވެ. އަދި ދަރިވަރު ވެސް ފަހުން އަތްލައެވެ. އެ ވީޑިއޯގެ އިތުރުން އެ ދަރިވަރު އެހެން ބިދޭސީ ޓީޗަރަކަށް އުނދަގޫކުރާ ތަން ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ. https://sun.mv/215140 މިކަމާ ގުޅިގެން ވަރަށް ބޮޑު ބަހުސެއް ދިވެހި ސޯޝަލް މީޑިއާގައި ހިނގަމުން އަންނައިރު، ވަރަށް ގިނަ ބަޔަކު ވަނީ ދަރިވަރުގެ ފަރާތުން ފެނުނު އަމަލުތައް ކުށްވެރިކޮށް ޓީޗަރުގެ ދިފާއުކޮށްފައެވެ. އަދި ދަރިވަރަށް އެކަމުގައި ފިޔަވަޅު އަޅަންވާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ގްރޭޑް 12 އަށް ކިޔަވަން ފެށި އެ ދަރިވަރު މިހާރުވަނީ ސަސްޕެންޑުކޮށްފައެވެ. ސަސްޕެންޝަން އުވައިލާނީ އަޚްލާގީ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި އެ ދަރިވަރަކީ ގްރޭޑް ނުވައަކުން ފެށިގެން އަޚްލާގީ އެކި މައްސަލަތަކުގައި ޑިސިޕްލިން ރެކޯޑު ވެސް އޮތް ދަރިވަރެކެވެ. އަދި އެ ދަރިވަރުގެ ފަރާތުން ބިދޭސީ ޓީޗަރަށް، ބުލީކުރުމާއި ޖެއްސުންކުރުމުގެ އަމަލުތައް މީގެ ދެ ހަފުތާއެއްހައި ދުވަސްކުރިން ފެށިގެން ލިބެމުން އަންނަކަމަށް ވަނީ އެނގިފައެވެ. ދަރިވަރާއި ޓީޗަރާ ދެމެދު ހިނގި މި ހާދިސާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ފުލުހުންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ