ހުސްނީ ޖޭއެސްސީއަށް އައްޔަން ކުރެއްވުމުން, ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ސައްތާރު
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުންނެވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކުރަން ރުހުން ދިނުމުން، އެ ކޮމިޓީން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ކޮމިޓީއަށް އައު މުގައްރިރަކާއި ނައިބު މުގައްރިރެއް މިއަދު ހޮވައިފިއެވެ. ހުސްނީ މުބާރިކު ޖޭއެސްސީއަށް އައްޔަންކުރަން މަޖިލީހުން އިއްޔެ ރުހުން ދިނީ، ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރި ރިޒާ ހުކުރު ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް އަންގަވާފައިވެއެވެ. ނަމަވެސް ރިޒާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. https://sun.mv/213190 މުބާރިކް ޖޭއެސްސީއާށް އައްޔަންކުރަން ނިންމުމުން، އޭނާ ކޮމިޓީން އިސްތިއުފާ ދެއްވައިފައިވާ ކަމަށް ޖުޑީޝަރީ ކޮމިޓީގައި މިއަދު ވަނީ އިއުލާންކޮށްފައެވެ. އެއަށްފަހު ކޮމިޓީގެ މުގައްރިރަކަށް ދެން އައްޔަންކުރަންވީ މެންބަރެއްގެ ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލިއެވެ. އެ ފުރުސަތުގައި، މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން މުފީދު އަބްދުލްގާދިރު، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އަބްދުއްސައްތާރު މުހައްމަދުގެ ނަން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ތާއިދު ކުރެއްވިއެވެ. ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުން: އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ވަނީ ހޮވައިފައި -- ފޮޓޯ/ މަޖިލިސް އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ހާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ވަނީ ސައްތާރަށް ރުހުން ދީފައެވެ. މުގައްރިރު ކަމަށް ހޮވުމުން، އޭނާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. "އަޅުގަނޑު އިރާދަކުރެއްވިއްޔާ ކޮމިޓީ ކުރިއަށްގެންދާނީ ތިޔަ ހުރިހާ އިއްޒަތްތެރި މެންބަރުންގެ ޚިޔާލުފުޅާއި މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް އޮތް ތަނުގައި،" އަބްދުއްސައްތާރު ވިދާޅުވިއެވެ. އެއަށްފަހު ފުރުސަތު ހުޅުވާލީ ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވާނެ މެންބަރެއްގެ ނަން ހުށަހެޅުމަށެވެ. އެއާއެކު މުފީދު ހުށަހެޅުއްވީ މަމްދޫހުގެ ނަމެވެ. އަދި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ތާއިދުކުރެއްވިއެވެ. މަމްދޫހް ނައިބު މުގައްރިރަކަށް ހޮވީ ވެސް، ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ހުސްނީ މުބާރިކާއި ސައްތާރަކީ ވެސް ގާނޫނީ ވަކީލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ