އޮޑެގާޑް ރިސްކް ނުކުރަން އާޓެޓާ ނިންމައިފި އޮޑެގާޑް ރިސްކް ނުކުރަން އާޓެޓާ ނިންމައިފި

ލަންޑަން (އޮކްޓޫބަރު 14) - އާސެނަލްގެ ކެޕްޓަން ނޯވޭގެ މިޑްފީލްޑަރު، މާޓިން އޮޑެގާޑަށް ދިމާވެފައިވާ އަނިޔާގެ މައްސަލައިން އެއްކޮށް ރަނގަޅުވެގެން އަންނަންދެން ރިސްކެން ނުނަގަން އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ނިންމައިފި އެވެ.
އުމުރުން 26 އަހަރުގެ އާޓެޓާ ވަނީ މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ތިން މެޗެއްގެ ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލުކޮށްފަ އެވެ. މިއީ، ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް، ކުޅުންތެރިއަކަށް މި ފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރެވެ. އެ ގޮތުން، އޮޑެގާޑް ފުރަތަމަ ދެ މެޗުގައި ކޮނޑަށް އަނިޔާވެގެން ބަދަލުކުރިއިރު، އެންމެ ފަހުން ބަދަލުކުރަން ޖެހުނީ ކަކުލަށް އަނިޔާވެގެންނެވެ.
ރިޕޯޓްތައް ބުނާގޮތުން، ނޮވެމްބަރު މަހުގެ ނިޔަލަށް އާސެނަލްގެ މެޗުތަކުން އޮޑެގާޑް ފެނުމުގެ ފުރުސަތު ކުޑަ އެވެ.
ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އާސެނަލްގެ ކޯޗު އާޓެޓާ ވަނީ އޮޑެގާޑް އަނިޔާގަައި ހުރި މުއްދަތުގައި ގިނަ މެޗުތަކެއް ގެއްލޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އޮޑެގާޑް އަނިޔާގައި ހުންނާނެ ސީދާ މުއްދަތެއް އާޓެޓާ ބުނެފައިނުވެ އެވެ.
"އަހަރެމެން އެބަޖެހޭ މި އަނިޔާގެ ކަންކަން މިދާ ގޮތެއް ވަރަށް ރަނގަޅަށް ދެނެގަންނަން. އަހަރެމެން ހައްލުތަކެއް ހޯދާނަން. އޭނަ އަކީ އަހަރެމެންގެ ކެޕްޓަން، އަހަރެމެންނަށް އޭނަގެ ފަރާތުން މެޗުތަކުގައި ގިނަ ގޮތްގޮތުން ފަައިދާކުރޭ. އެކަމަކު، އޭނަ ފިޓްކޮށް ބަހައްޓައި ސީޒަންގެ މުހިންމު ހިސާބުތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ކަންކަން މެނޭޖްކުރަންޖެހޭ،" އާޓެޓާ ބުންޏެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް އާސެނަލަށް އޮޑެގާޑު ފުރަތަމަ ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރު ދާއިމީ އެއްބަސްވުމެއްގެ ދަށުން 30 މިލިއަން ޕައުންޑަށް (35 މިލިއަން ޑޮލަރަށް) އާސެނަލުން އޮޑެގާޑު ސޮއިކުރި އެވެ. މިދިޔަ ސީޒަނުގައި އޮޑެގާޑް ވަނީ އާސެނަލާ އެކު، ހަދާފައިވާ އެއްބަސްވުން، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ