ލިސާން 40

އަމިއްލަ ނަފްސަށް ބޯ ޖަހައިލުމަށްފަހު، ރަނީމް އެ އުޅާ މޭޒުމަތީގައި ބާއްވަމުން ފިޔަވަޅެއް ފަހަތަށް އަޅައިލިއެވެ. އޭނާގެ ހަށިގަނޑަށް ކުރިން ވެސް އައި ފަދަ ބަދަލުތަކެއް އައެވެ. ބޮލަށްވެސް ގޮތްވެގެން ދިޔައެވެ. އެހެންނަމަވެސް، އެ އުޅާ އަލުން އަތުގައި އެޅުމަށް ސިކުނޑި ގޮވަމުން ދިޔަ ގޮވުމަށް އޭނާ އިޖާބައެއް ނުދިނެވެ. މޭޒުގެ އެހީ ހޯދައިލަމުން އޭނާއަށް އެހިނދު މަޖުބޫރުވެގެން ދިޔައެވެ. ދެން ފާއިތުވީ ވަގުތުތަކަށްފަހު، ހަމަހޭވެރިކަންވި ރަނީމްއަށް އަތުގައި އުޅާ އަޅައިލުމާއެކު، ގޮސް ލައްވެވުނީ ފާރުގައެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލައިގެން އެ އުޅާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެވަނަ ސިކުންތުގައި ރަނީމްއަށް ދުއްވައިގަނެވުނީ ކޮޓަރިއަށެވެ. އޭނަ ގޮސް ލައިޓް ދިއްލައިލުމާއެކު، ސަމްރާއަށް ބަލައިލިއެވެ. ސަމްރާ ނިދާފައި އޮތް ތަން ފެނުނު ނަމަވެސް، މިވަގުތު ހިތުގައި އުފެދުނު ސުވާލުތައް ކޮށްލުމުގެ ބޭނުމުގައި މަންމަ ހޭލައްވަން ރަނީމް ބޭނުންވިއެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލެވުނީ އެހެންވެގެންނެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. މަންމައަށް ގޮވާ ހޭލެއްވުމަކީ އެންމެ ރަނގަޅުގޮތަށް ވެދާނެބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެކަންތައް މަންމައަށް ކިޔައިދިނުމުން، މަންމައަށް ނުތަނަވަސްކަމެއް ލިބި އިތުރަށް ހާލު ދެރަވެދާނެތީ އޭނަ ކަންބޮޑުވެއެވެ. މާޔޫސްކަމާއެކު އިސްޖަހައިލެވުނީ ދެނެވެ. އޭރު ރަނީމްގެ ހިތް އިންތިހާ ބާރުމިނުގައި ތެޅެމުން ދިޔައެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ބާރު ބާރަށް ގޮސް ގެއިން ނުކުމެވުނު ގޮތްވެސް ނޭނގުނެވެ. ވަށައިގެން ބަލައިލުމާއެކު، ދުލުން އެންމެ ފުރަތަމަވެސް ބޭރުވީ ނާވީގެ ނަމެވެ. ދެން އޭނަ މިސްރާބުޖެހީ ރުއްފަލާ ދިމާލަށެވެ. ހިންދިރުވައިލެވެނީ ވެސް އުނދަގުލުންނެވެ. ނޭވާވެސް ހީވަނީ ތާށިވެފައިވާ ހެންނެވެ. މޭވެސް ފިތޭހެން ހީވާން ފެށިއެވެ. "ނާވީ... ނާވީ..." ރުއްފަލަށް ވަދެވުމާއެކު، ރަނީމް ގޮވައިލިއެވެ. ރުއްފަލުގެ އެކި ދިމަ ދިމާލަށް ހިނގަމުން އޭނާ ނާވީއަށް ގޮވިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ދެވޭނީ ހަމައެކަނި ނާވީއަށްކަން އޭނާއަށް އެނގެއެވެ. މިވަގުތު އެ ސުވާލުތަކުގެ ޖަވާބު ނުލިބިއްޖެނަމަ އޭނަ މޮޔަވެދާނެއެވެ. ނާވީ އެތަނުގައި ނުހުންނާނެކަން އެނގުނު ނަމަވެސް، އޭނާގެ އަޑު ނާވީއަށް އިވޭނެކަމުގެ އުންމީދު ރަނީމްގެ ހިތުގައި ވިއެވެ. ރަނީމްއަށް ފަހަތް ބަލައިލެވުނީ މީހަކު އޭނާގެ ފަހަތުގައި ހުރިހެން ހީވުމުންނެވެ. ކާކުތޯ ވެސް ބަލައިލުމެއްނެތި އޭނައަށް ވާހަކަ ދެއްކުނެވެ. "ނާވީ..." ރަނީމްގެ ދުލުން ބޭރުވީ ނާވީގެ ނަމެވެ. ކެތްތެރިކަން ކުޑަވެފައިވާ ފަދަ އަސަރެއް އޭރު އެ އަޑުން ފާޅުވަމުން ދިޔައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ލިބުނީ އިތުރު ޝޮކެކެވެ. އޭނާގެ ކުރިމަތީގައި ހުރީ ނާވީއެއް ނޫނެވެ. ކޮންމެވެސް އެހެން ޒުވާނެކެވެ. ނާވީއާ ޚިލާފަށް އެމީހެއްގެ އިސްތަށިގަނޑުގެ ކުލަ ހުރީ ފެހިކުލައެއްގައެވެ. ނާވީ އެންމެ ފުރަތަމަ އޭނައަށް ފެނުނު ގޮތެކޭ އެއްގޮތަށް އެމީހަކުވެސް ހުރީ ހުސްގަޔާއެވެ. އަނދިރިގަނޑެއްގައި ހުރެފައި، ދުރުގައި ހުރި ލައިޓުގެ އަލި އެޅޭނެހެން ކުރިއަށް ފިޔަވަޅެއް އަޅައިލުމާއެކު އެމީހެއްގެ ލޯވެސް ރަނީމްއަށް ފެނިއްޖެއެވެ. އެ ލޯ ހުރީ ފެހިކުލައިގައެވެ. ބަލާބެލުމަށް ފިރިހެންވަންތަ ރީތި ޒުވާނެއް ނަމަވެސް، އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ޒުވާނާ ހުރީ ސީދާ ރަނީމްއަށް ބަލަހައްޓައިގެންނެވެ. "އަހަރެން މީ ދައިސަމް..." ރަނީމްގެ ނުތަނަވަސްކަން ފަހުމްވި ދައިސަމް ވާހަކަ ދެއްކިއެވެ. ނާވީގެ ފަރާތުން ދައިސަމްގެ ބައެއް ވާހަކަތައް ރަނީމްއަށް އެނގިފައިވުމާއެކު، އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދައިސަމް އޭނައަށް ގެއްލުން ނުދޭނެކަމުގެ ޔަޤީންކަން ރަނީމްއަށް އޮތެވެ. "ނާވީ... ނާވީ ކޮބާ؟" ދެވަނަ ސިކުންތުގައި ރަނީމްއަށް ސުވާލުކޮށްލެވުނުއިރު ވެސް އޭނާގެ ނޭވާ ހުރީ އަވަސްވެފައެވެ. ދައިސަމް މަޑުކުރުމަށް ބުނުމަށްފަހު، އެތަނުން ގެއްލުމުން އޭނަ އެ ދިޔައީ ނާވީ ބަލާކަމުގައި ރަނީމްއަށް ޔަޤީންކުރެވުނެވެ. ހިންދިރުވައިލުމާއެކު، އަތުގައި އޮތް އުޅާއަށް އޭނާއަށް ބަލައިލެވުނެވެ. ވަށައިގެން ވީ މާހައުލަށް ބަލައިލުމާއެކު، ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެންމެގެ ހާދިސާ އޭނާގެ ހިތާ ސިކުނޑީގައިވަނީ ބިންވަޅު ނެގިފައެވެ. އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި އަދިވެސް ތުރުތުރު އެޅުމެއް އެބަ ހުއްޓެވެ. ނާވީ އަންނާނެ އިރަކަށް ކެތްތެރިކަމެއް ނެތި ރަނީމްއަށް އިންތިޒާރުކުރެވެމުން ދިޔައެވެ. ނަސީބަކުން އެ އިންތިޒާރުގެ ވަގުތުތައް މާ ދިގުދެމިގެނެއް ނުދިޔައެވެ. ފާއިތުވި މަދު ވަގުތުކޮޅުގެ ތެރޭގައި ނާވީ ހުރީ އޭނާގެ ކުރިމަތީގައެވެ. "ނާވީ..." ރަނީމްއަށް ވަގުތުން ގޮވައިލެވުނެވެ. އެ އަޑުގައިވަނީ ކަންބޮޑުވުމެވެ. "ރަނީމް..." ރަނީމްގެ ކެތްތެރިކަން ކުޑަވެފައިވާ އަސަރުތަކާ ފެންނަމުން ދިޔަ ބޭޤަރާރުކަމުގެ ސަބަބުން، ނާވީއަށް ރަނީމްއަށް ގޮވައިލެވުނެވެ. އޭނަ ކުރިއަށް ޖެހިލާފައި ރަނީމްގެ ދެ އަތުގައި ހިފައްޓައިލިއެވެ. އޭރު ރަނީމްގެ އަތުގައިވި ތުރުތުރު އެޅުން ނާވީއަށް ފާހަގަކުރެވިއްޖެއެވެ. "ކިހިނެއްވީ؟ މީހަކު ކަމެއްކުރީތަ؟" ވީގޮތެއް އެނގެން ބޭނުންވެފައިވާ ޙާލު ނާވީވެސް ހާސްވެއްޖެއެވެ. އޭނާއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނުއިރު، ރަނީމްއާ އިތުރަށް ގާތްވެވިއްޖެއެވެ. ނާވީ ރަނީމްއާ ހަތަރު ކަޅި ހަމަކޮށްލި ވަގުތު މީގެ ކުރިން ދުވަހަކުވެސް އޭނައަށް ނުފެންނަ ފަދަ އަސަރުތަކެއް ރަނީމްގެ ދެލޮލުގައިވީތަން ފެނުނެވެ. އެކަމުގެ ސަބަބުން ވީގޮތް އެނގުމުގެ ޝައުޤުވެރިކަން ހިތުގައި ބޮޑުވިއިރު، ރަނީމްއާ މެދު ކަންބޮޑުވެސް ވެއްޖެއެވެ. "ރަނީމް... ކިހިނެއްވީ؟" ނާވީއަށް ސުވާލުކޮށްލެވުނެވެ. ރަނީމް ނާވީއާ ދުރުވާކަށް ނޫޅުނެވެ. އޭނަ އަތުގައި އޮތް އުޅާ ނާވީއަށް ދައްކައިލާފައި ވާހަކަ ދެއްކިއެއެވެ. "މީގެ ބޭނުމަކީ ކޮބާ؟" ރަނީމް އެ ސުވާލު ނާވީއާ އަމާޒުކޮށްލިއިރު، އެ އަޑުގައިވި ތުރުތުރު އެޅުމާ، ބިރާ، ސިހުން ނާވީއަށް ފާހަގަކުރެވުނެވެ. "ނާވީ... ހެޔޮނުވާނެ ބުނެބަލަ... އެންމެން ކީއްވެތަ އަހަރެންގެ ހަށިގަނޑުން މި އުޅާ ވަކިނުކުރަން ބުނަނީ؟ އެރޭ އަހަރެންގެ ހަށިގަނޑާ މި ވަކިކޮށްލީމަ ވީގޮތް ނާވީއަށްވެސް އެނގެއެއްނު. ދެން ކީއްވެ އެއްވެސް ކަމެއް ކިޔައިނުދިނީ. މީގަ އިތުރު ހަޤީޤަތެއް ވާކަން އަހަންނަށް ޔަޤީންވެއްޖެ.......... ދޮގު ނުހަދައްޗޭ! ތެދަށް ޖަވާބު ދީ... މި އުޅާ އަހަރެންގެ ހަށިގަނޑާ އެކީ ވަކިކޮށްލުމުން އަހަންނަށް އަންނަ ބަދަލުތަކުގެ ސިއްރަކީ ކޮބާ؟" "ރަނީމް... ރަނީމް ތި އުޅާ ރަނީމްގެ އަތުން ނެގީ ކީއްވެ؟" ރަނީމް ދެއްކި ވާހަކަތަކަށްފަހު، ނާވީއަށް ހަމައެކަނި ކޮށްލެވުނު ސުވާލަކީ އެއީއެވެ. "ނާވީ ބޭނުންތަ އެނގެން؟" ރަނީމް އެ އުޅާ އަތުން ނަގަން އުޅުނު ވަގުތު، ނާވީ އެކަން މަނާކުރަމުން ރަނީމްގެ އަތުގައި ހިފައްޓައިލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަ ވަށައިގެން ބަލައިލިއެވެ. ދުރު ދުރަށް ދާންދެންވެސް އެ ދެމީހުން ނޫނީ އެހެން މީހެއްގެ ހިލަމެއް އެ ސަރަހައްދަކުން ނުވެއެވެ. "ކިހިނެއްވީ؟ ނާވީއަށް ހުރިހާކަމެއް އެނގެނީ ދޯ... ހުރިހާ އެންމެން ހުރިހާކަމެއް އަހަންނަށް ސިއްރުކުރަނީ ކީއްވެތަ؟" ރަނީމްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ދެންމެ ކުރިމަތިވި ހާދިސާގެ މަންޒަރުތައް އޭނާގެ ލޯމަތީން އަދިވެސް ސިފަވަމުން ދިޔައެވެ. އޭނަވަނީ އިންތިހާއަށް ބިރުގަތްފައެވެ. އޭނާއަށް އެ އަންނަ ބަދަލުތަކުންނެވެ. އެ ބަދަލުތައް އޭނަ ގުޅުވަންވީ ކާކާކަމާއި، ކިހިނެއްކަމެއްވެސް ރަނީމްއަކަށް ނޭނގެއެވެ. "ރަނީމް... ހަމަޖެހިބަލަ." ނާވީއަށް ބުނެވުނެވެ. އޭނަ ރަނީމްގެ ކޯތާފަތުގައި އަތް ޖައްސައިލުމުން ރަނީމް ނާވީގެ އަތް ދުރުކޮށްލާފައި ދުރަށް ޖެހިލިއެވެ. "ކިހިނެއްވީ؟ އަދިވެސް ހުރިހާކަމެއް ސިއްރުކުރަން ބޭނުންވަނީތަ؟" ރަނީމްއަށް ސުވާލުކޮށްލެވުނެވެ. ނާވީއަށް ހުރިހާކަމެއް އެނގޭ ޙާލު އޭނާއަށް ސިއްރުކުރަމުންދާތީ ރަނީމްގެ ހިތް ޝަކުވާކޮށްލިއެވެ. އޭނާ ހުރިހާކަމެއް އެނގެން ބޭނުމެވެ. "ނާވީއަށް އެނގޭތަ؟ މީތި އަހަރެންގެ ހަށިގަނޑާ ވަކިކޮށްލީމަ އަހަންނަށް ވީ ގޮތް... މުޅި މީހާއަށް އައި ބަދަލު.... އަހަރެން ބިރުގަނެ ދެލޯ ބޮޑުވި ވަގުތު، ކައިރީގައި ހަރަކާތްތެރިވާން ފެށި އަލިގުޅަތައް. ބޮލަށް އެނބުރުން އެރުމާއެކު ހަށިގަނޑަށް ވެރިވި ބާރުކަން.... އަހަރެންގެ ބުރަކައްޓަށް ވެރިވި ވާންކަން.... އަހަންނަކަށް ނޭނގެ ކިޔައިދޭކަށްވެސް... ނާވީ... ހެޔޮނުވާނެ. ދެން ބުނެދީ..." ރަނީމްއަށް ބުނެވުނެވެ. "ކީއްވެތަ ތި އުޅާ ނެގީ؟ އަހަރެން ބުނީމަވެސް އެގޮތަށް ކަންތައްކުރީ ކީއްވެ؟" ނާވީއަށް ވެސް ޝަކުވާކޮށްލެވުނެވެ. ރަނީމްއަށް ހުރިހާ ހަޤީޤަތެއް ކިޔައިދިނުމަކީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. އެ ހަޤީޤަތް ރަނީމްއަށް ކިޔައިދޭން ޖެހޭނީ ރައާބިލްއެވެ. ރަނީމްގެ ބައްޕައެވެ. އޭނައަށް ވުރެ ބޮޑަށް އެ ޙައްޤު ލިބިގެންވަނީ ރައާބިލްއަށެވެ. "ހެޔޮނުވާނެ ނާވީ... ބުނެބަލަ." ރަނީމްއަށް ހަމަ އާދޭސްކުރެވެނީއެވެ. "އަހަރެން ހުރިހާކަމެއް ވެސް ރަނީމްއަށް ކިޔައިދޭނަން..." ނާވީ ބުންޏެވެ. ރަނީމް ހުރީ، ތައްޔާރަށެވެ. އޭނަ ބޯ ޖަހައިލިއެވެ. އަދި ނާވީ ދައްކާނެ ވާހަކައަކަށް އިންތިޒާރުކުރިއެވެ. ނާވީ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު މަޑުކޮށްލުމަށް ބުންޏެވެ. އޭނަގެ އަޑު އިވޭ ހިސާބުގައި ދައިސަމް ހުރިކަން ނާވީއަށް އެނގުމާއެކު، އޭނަ ދައިސަމްއަށް ގޮވައިލިއެވެ. އަދި އެއަށްފަހު، ދައިސަމްއާ ވާހަކަތަކެއް ދެއްކިއެވެ. ބޯ ޖަހައިލުމަށްފަހު، ދައިސަމް ނާވީގެ އެދުން ފުރިހަމަކޮށްދިނުމަށް، އަވަސްވެގަތެވެ. ނާވީ ރަނީމްއަށް ބަލައިލިއެވެ. މިއީ ރަނީމްއަށް ހަޤީޤަތް ހާމަކުރަން އޭނާ ބޭނުންވި ގޮތެއް ނޫނެވެ. އަދި މިއީ ރައާބިލް ބޭނުންވާނެ ގޮތް ނޫންކަންވެސް އެނގެއެވެ. އެހެންނަމަވެސް އިތުރު ގޮތެއް އޭނައަކަށް ނެތެވެ. އިރުކޮޅެއްނުވެ ދައިސަމްއާއެކު ރައާބިލް އަތުވެއްޖެއެވެ. އޭރުވެސް ރަނީމް ދިޔައީ ކެނޑިނޭޅި، ނާވީއާ ސުވާލުކުރަމުންނެވެ. އޭނަ ހަޤީޤަތް ހޯދުމަށްޓަކައި ވަނީ ކެތްތެރިކަން ކުޑަވެފައެވެ. ނާވީ ހަޤީޤަތް ހާމަނުކޮށް ލަސްވާ ކޮންމެ ސިކުންތަކު ރަނީމްގެ ކެތްތެރިކަން ކޮޅުންލަމުންދިޔައެވެ. އެންމެފަހުން އޭނާގެ ގާތަށް ރުޅިވެސް އަންނަ ގޮތްވެއްޖެއެވެ. ދެރައާ ރުޅި އެކުވެގެން ރަނީމް ރޮވެން ވެސް ފަށައިފިއެވެ. އަތުގައި އޮތް އުޅާ ނެގުމާއެކު އެކީ ދެން ފެނުނީ ރަނީމް، ވެއްޓެން ދިޔަ ތަނެވެ. ރަނީމް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލި ނާވީއަށް، އެތަނުގައި ހުރި ރައާބިލް ފެނުނެވެ. އެއާއެކު އެއީ ރައާބިލްގެ ކަމެއްކަން ނާވީއަށް އެނގުނެވެ. އޭނަގެ އަތުތެރެއަށް ވެއްޓިފައި އޮތް ރަނީމްގެ އަތުގައި އުޅާ އަޅުވައިލުމަށްފަހު ނާވީ ރައާބިލްއަށް ބަލައިލިއެވެ. "ރަނީމްއަށް ހަޤީޤަތް ސިއްރުކޮށްގެން އަހަރެމެންނަކަށް އަބަދަކު ނޫޅެވޭނެ." މިއަދު ނޫނީ މާދަން، ކޮންމެވެސް ދުވަހަކުން ރަނީމްއަށް ހަޤީޤަތް ކިޔައިދޭން ޖެހޭނެކަން، އެމީހުން ޤަބޫލުކުރަން ޖެހެއެވެ. ކަންތައްތައް އޮޅުވާލައިގެން އަބަދަކު ނޫޅެވޭނެއެވެ. އެހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރިހަމަ ހައްޤު ރަނީމްއަށް ލިބިގެން ވެއެވެ. "އެނގޭ ތިކަން...." ރައާބިލް ފުންނޭވާއެއް ދޫކޮށްލިއެވެ. "ދެން ކީއްވެ؟ ރަނީމްއަށް ހަޤީޤަތް ކިޔައިދޭން މާ ލަސްވެސް ވެއްޖެ. ކީއްވެތަ ފަސްޖެހެނީ؟" ނާވީއަށް ބުނެވުނެވެ. ހަޤީޤަތް ހޯދުމަށްޓަކައި، ރަނީމް ދެންމެ އުޅުނު ގޮތް އޭނާގެ ހަނދާނަށް އަންނަނީއެވެ. ރަނީމް އެކަމަށްޓަކައި ބޭޤަރާރުވެފައިވާ މިންވަރު ސިފަވަނީއެވެ. "ރަނީމް ގޮވައިގެން ގެއަށް ހިނގާ..." ނާވީއަށް ބަލަހައްޓައިގެން ހުރި ރައާބިލް ބުނެލިއެވެ. އިތުރަށް ރައާބިލްއާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ނާވީ އެހިނދު ފަސްޖެހުނީ ރައާބިލްގެ މޫނުމަތީން ފެނުނު އަސަރުތަކުންނެވެ. ދައިސަމްއަށް ބަލައިލުމާއެކު ދައިސަމްވެސް ބޯ ޖަހައިލީ ހަމަޖެހޭށޭ ބުނުމުގެ ގޮތުންނެވެ. ނާވީ ރައާބިލްގެ ބަހަށް ކިޔަމަންވިއެވެ. ލަސްތަކެއްނުވެ އެ ތިން މީހުން އެތަނުން ގެއްލުނެވެ. ***** އުދަރެހުން އުދަވެލި އިރުގެ ރަން ދޯދިތައް ފަތިހުގެ ފަރުދާ ކަހާލައިފިއެވެ. ހޭލެވުނުއިރު، ރަނީމްގެ ބޮލުގައި ރިހުމެއް ހުއްޓެވެ. ތެދުވެ ފާރުގައި ލެނގިލެވުމާއެކު، ނިތުގައިވެސް އަތް ހިންގައިލެވުނެވެ. ވަށައިގެން ބަލައިލެވުނެވެ. އޭރު މަންމަ އޮތީ ހޭލައެވެ. ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ. ދެވަނަ ސިކުންތުގައި ފުންމައިގެން ރަނީމްއަށް ތެދުވެވުނެވެ. ފުރަތަމަވެސް ބަލައިލެވުނީ އަތުގައި އޮތް އުޅާއަށެވެ. އެއާއެކު ސުވާލުތަކުން ސިކުނޑި ފުނި ޖެހުނެވެ. އޭނާއަށް ފެނުނީ ހުވަފަނެއް ހެއްޔެވެ؟ ރޭގަ ވީ ކިހިނެއް ހެއްޔެވެ؟ ސިކުނޑީގެ ނާރުތަކަށް ކިތަންމެ ވަރަކަށް ވާންކުރިނަމަވެސް، ހީވަނީ ފާޑެއްގެ ފުސްކަމެއް އައިސް ސިކުނޑި ބައްދާލާފައި ހުރިހެންނެވެ. ހަނދާންވަނީ ވެސް ތަންތަންކޮޅެވެ. އެކީގައި ހަނދާންވާގޮތެއް ނުވެއެވެ. ވިސްނުމަކަށް ގެއްލިފައި ރަނީމްއަށް އިނދެވުނުއިރު، ހަމަހޭވެރިކަންވީ ސަމްރާ ގޮވައިލުމުންނެވެ. "މަންމާ...." ރަނީމް ގަޑިއަށް ބަލައިލިއެވެ. އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ހަށިގަނޑުގައި ހުރި ވާންކަމާއެކުވެސް އޭނަ ތެދުވިއެވެ. އަދި ކަމެއް ބޭނުންވަނީތޯ ސުވާލުކޮށްލީ ސަމްރާ އޭނާއަށް ބަލަހައްޓައިގެން އޮތް ގޮތުންނެވެ. ނޫނެކޭ ބުނުމަށްފަހު، ސަމްރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެއާއެކު ރަނީމް ގޮސް ފާޚާނާއަށް ވަދެލިއެވެ. ސަމްރާގެ ނަޒަރު ދެން ދަތުރުކޮށްލީ ކޮޓަރިން އެތެރެއަށް ވަތް ރައާބިލްއަށެވެ. ރައާބިލް ގޮސް ސަމްރާގެ ކައިރިއަށް ހުއްޓުނެވެ. އޭނާވަނީ ރޭގެ ހުރިހާކަމެއް ސަމްރާއަށް ކިޔައިދީފައެވެ. ރަނީމްއަށް ހަޤީޤަތް ކިޔައިދޭން ޖެހޭ ވަގުތު އަތުވެއްޖެކަމުގައި ރައާބިލް ބުންޏެވެ. އެކަމަށް ސަމްރާވެސް އެއްބަސްވިއެވެ. ކިތަންމެ ނުތަނަވަސްވެ ހިތް ބިރުގަތް ނަމަވެސް، އެއީ ކުރަން ޖެހޭނެކަމެއްކަމުގައި ދެމީހުންވެސް ޤަބޫލުކުރިއެވެ. އެމީހުން ނިންމީ އެރޭގެ ވަގުތުގައި ރަނީމްއަށް ހަޤީޤަތް ކިޔައިދޭށެވެ. ***** ގެސްޓް ހައުސްގެ ރެސްޓޯރެންޓުގައި، ސައިބޯންވެގެން ހާމިދު އިންދާ، އެތަނަށް ޝާރިފް އައެވެ. އޭނަ ގޮސް ހާމިދުގެ ކުރިމައްޗަށް ހުރި ގޮނޑި ދަމާލާފައި އިށީނެވެ. "ކޮން އިރަކުން މަސައްކަތް ފަށާނީ؟" ގޮނޑީގައި އިށީނުމާއެކު، ޝާރިފް ސުވާލުކޮށްލިއެވެ. އޭރު ރެސްޓޯރެންޓުގައި އެއްވެސް ދިވެއްސަކު ނެތެވެ. ތިބީ ހުސް ގެސްޓުންނެވެ. ހާމިދު އަނގަ ހުސްކޮށްލަމުން ފެންތަށިން އެތިފޮދެއް ބޮއިލުމާއެކު ޝާރިފްއަށް ބަލައިލިއެވެ. "ތިކަމާ ވާހަކަ ދައްކަން އަހަރެން ޝާރިފް މިގެނައީ ވެސް... އަހަރެން ބޭނުންވާ ބައެއް އެއްޗެހި އެބަހުރި. އެ އެއްޗެހި ހޯދައިދީ. ލިސްޓެއް އަހަރެން ފޮނުވާލަދޭނަން. އެކަމަކު އޭގެ ކުރިން ރަނގަޅު ތަނެއްވެސް ބަލަން ޖެހޭނެ." ހާމިދު ބުންޏެވެ. "ގެސްޓް ހައުސްގެ ކޮޓަރި އެހުރީނު. އިތުރު މީހަކު އެތަނަކަށް ނުވަންނާނެ. މިނިވަންކަމާއެކު ބޭނުން ކޮންމެ ކަމެއް ކުރެވޭނެ." ޝާރިފް ބުންޏެވެ. "ޝާރިފްމެންނަކަށް ނުވިސްނޭނެ. މިކަހަލަ ކަންކަމަކީ ހިތަށް އެރި ތަނަކު، ހިތަށް އެރި ވަގުތަކު، ހިތަށް އެރި ގޮތަކަށް ކުރެވޭނެ ކަންތައްތަކެއް ނޫނޭ... ވަކި ކަހަލަ މާހައުލެއް ބޭނުންވާނެ... ވަކި ވަގުތުތަކެއް ވެސް ހުންނާނެ." ހާމިދު ބުނެލިއެވެ. "ކޮންކަހަލަ ތަނެއް ބޭނުންވަނީ؟ ފަޅުގެއެއް ރަނގަޅުވާނެތަ؟" ވިސްނައިލަމުން ޝާރިފް ސުވާލުކޮށްލިއެވެ. "ފަޅުގެއެއް ދޯ. ބޮޑަށް ރަނގަޅީ ހާމައަށް އޮންނަކަހަލަ ތަނެއް. ވަލުތެރޭގައި މީހުން ގޮސް ނޫޅޭ ހިސާބެއް އެންމެ ރަނގަޅުވާނީ. ގަސްގިނަ ތަނެއް..." ހާމިދު ބުނެލިއެވެ. "މިރަށުގައި އެކަހަލަ ތަނެއް އޮވޭތަ؟" "މި ރަށުގައި ދޯ..." ޝާރިފް އަނެއްކާވެސް ވިސްނައިލިއެވެ. ހާމިދު އެބުނާ ކަހަލަ ތަނެއް އެ ރަށުގައި އޮންނާނެއެވެ. އާއެކެވެ. އެއީ ރުއްފަލާ ދިމާލުން ވަދެގެން ދެވެން އޮންނަ ފުނަގަސްތައް ތެރެއެވެ. ފުނަ ގަހުގެ އިތުރުން އެ ހިސާބަކީ ރުކާއި، ބިޔަ އެހެނިހެން ގަސްތައްވެސް ގިނަ ހިސާބެކެވެ. ނިކައާއި، ވަރުކަނދު ގަސްތައްވެސް ކޮންމެވެސް ވަރަކަށް ހުރެއެވެ. އެއީ ރަށުގެ މީހުން ނާމާންކަމަށް ބުނާ ހިސާބެކެވެ. އެ ހިސާބާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ރަށުގެ މީހުންވެސް އެ ގަސްތަކުގެ ތެރެއަށް ވަދެއެއް ނޫޅެއެވެ. އެންމެ ކުރިން ފެށިގެންވެސް އެ ހިސާބާ ބެހޭގޮތުން ނާމާން ވާހަކަތައް ނޫނީ އަޑު އިވިފައެއް ނުވެއެވެ. "އެކަހަލަ ތަނެއް އޮންނާނެ. އެކަމަކު... އެއީ ވަރަށް ނާމާން ހިސާބެކޭ މީހުން ކިޔާ..." ޝާރިފް ބުނެލިއެވެ. "ބަރާބަރު..." ހާމިދު މޭޒުމަތީގައި އަތުން ޖަހައިލިއެވެ. "އެހެންވީމަ އެތަން ބަލައިލަން ވާނެ ދާން. ދެން، ކޮންމެހެންވެސް މިރެއަށް އެ މަންޖެގެ ފޮޓޯ ގަނޑެއް އަހަންނަށް ހޯދަދޭތި! އޭނަގެ ޢާއިލާއާ ބެހޭ މައުލޫމާތުވެސް..." ހާމިދު ބުނެލުމާއެކު، ޝާރިފް ބޯ ޖަހައިލިއެވެ. "ކޮފީއެއް ވެސް ނުބޯނަންތަ؟" ހާމިދު ސުވާލުކޮށްލުމުން ޝާރިފް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. ހާމިދު ސައި ބޮއި ނިމުމުން އެބުނާ ހިސާބެއް ބަލާލަން ދާން ބޭނުންވެގެން އެވާހަކަ ބުނެލިއެވެ. ޝާރިފް ވެސް އޭނަ ގޮވައިގެން އެ ދިމާލަށް ދިޔައެވެ. ރުއްފާތެރެއިންލާފައި ދެމީހުން ދިޔައީ ސައިކަލުގައެވެ. ފުނަ ގަސްތަކާ ހިސާބަށް އާދެވުމުން ސައިކަލުން ދެމީހުންވެސް ފޭބިއެވެ. އެހިސާބުގައި ގަސްތައް ބޯކަމުން އެތެރެއަށް ސައިކަލުގައި ވަނުމަކީ ފަސޭހަކަމެއް ނޫނެވެ. ވާ ބޯވެފައި ގަސްތައް ގިނަކަމުން އެތެރެ ފެންނަނީވެސް ފުދޭވަރަކަށް އަނދިރިކޮށެވެ. "ގޮސް ބަލާލާފަ އަންނަންވީނު." ގަސްތަކުގެ ތެރެއަށް ވަދެގެން ދާންވެގެން ހާމިދު ހިނގައިގަތުމުން ޝާރިފް މަޑުކޮށްލިއެވެ. އެތެރެއަށް ވަދެގެން ދާން އޭނަ ޖެހިލުންވިއެވެ. އެހިސާބާ ބެހޭގޮތުން އިވިފައިވާ ވާހަކަތަކުގެ ސަބަބުން އޭނާގެ ހިތަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވެފައެވެ. ފަހަތުގައި އޮތް ރުއްފަލަށްވެސް ނަޒަރު ހިންގައިލެވުނެވެ. މުޅި އެހިސާބަކީވެސް މީހުން ވަރަށް މަދުން ނޫނީ އައިސް އުޅޭ ހިސާބެއް ނޫނެވެ. "ކިހިނެއްވީ؟ ބިރުގަތީތަ؟" ކުޑަކޮށް ހީނލަމުން ހާމިދު ޝާރިފްއަށް ބަލައިލިއެވެ. އޭނަ ބޯ ކަހައިލަމުން ނޫނެކޭ ބުނެލި ނަމަވެސް، ޝާރިފް ޖެހިލުންވާ ސަބަބު، ހާމިދަށް އެނގެއެވެ. "އަހަރެން ހުއްޓާ ހާސްވާން ޖެހޭ ސަބަބެއް އެބައޮތްތަ؟" ހާމިދު ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "ތިހާ ފިނޑިވެގެން މިކަހަލަ ކަންތައްތަކެއް ނުކުރެވޭނެ." އޭނަ އަނެއްކާވެސް ބުންޏެވެ. އެހާހިސާބުން ޝާރިފްއަށް މަޖުބޫރުވީ ހާމިދާއެކު، އެތެރެއަށް ވަދެގެން ދާށެވެ. "އެއެއްޗެހި ދެކެ އަހަރެމެން ބިރުގަންނަ ވަރަކަށް އެ އެއްޗެހި އަހަރެމެން ބިރުގަންނުވަން އުޅޭނެ." ހާމިދު ޝާރިފަށް ބަލައިލިއެވެ. ހާމިދުގެ ޖެހިލުން ކުޑަކަމުން ޝާރިފްއަށް ހިތްވަރެއް ލިބިގެން ދިޔައެވެ. ހާމިދަކީ ޖިންނި ޝައިތާނުންގެ ކިބައިން އޭނާގެ އަމިއްލަ ނަފްސު ސަލާމަތްކުރަން ދަންނަ މީހެކެވެ. ވީއިރު އޭނަ ހާސްވާން ނުޖެހޭނެކަމުގައި ޝާރިފް އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. އެހިސާބުގައި ހުރި ނިކަ ގަހެއްގައި ތިބި ދޫނިތަކެއް ރޮއިގަތްފައި، އުދުހިގަތުމާއެކު ޝާރިފަށް ލިބުނު ސިހުމާއެކު، ހާމިދާ ގާތަށް ޖެހިލެވުނެވެ. އޭރު އެތަނަށް ވަށައިގެން ބަލަމުން ދިޔަ ހާމިދުގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ