އަބްދުﷲ ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފި، ޕޯސްޓްމޯޓަމްގެ ނަތީޖާ އަދި ހާމައެއް ނުކުރޭ

ފުލުހުންގެ އިހުމާލުން މަރުވިކަމުގެ ތުހުމަތުކުރެވޭ ގދ. ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސް މިއަދު ވަޅުލައިފިއެވެ. އަބްދުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާގެ ކަންކަން ކުރިއަށްގެންގޮސް ވަޅުލާފައިވަނީ އާސަހަރާގައެވެ. އޭނާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މަޣްރިބް ނަމާދަށްފަހުއެވެ. ޢަބްދުﷲ ގެ ޖަނާޒާއަށް ގިނަ އަދަދެއްގެ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އަބްދުﷲ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމުގެ ކުރިން, އޭނާގެ މޫނު ވަނީ އާއިލާއަށް ދައްކާ ފައެވެ. އަބްދުﷲ މަރުވީ އޭނާ ހައްޔަރު ކުރުމަށް ފަހު ހޯނޑެއްދުއިން އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާގެ މެންބަރުން ބުނެއެވެ. އަބްދުﷲ މަރުވީ މިދިޔަ މަހުގެ 25ވަނަ ދުވަހު ހޯނޑެއްދުއިން ފުލުހުން އޭނާ ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. އެއާއެކު އާއިލާއިން އަބްދުﷲގެ ހަށިގަނޑު ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅިއެވެ. ސިވިލް ކޯޓުން ވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވަން ޖެހޭނެ ތަނެއް ނެތް ކަމަށް ބުނެ އެ ކަން ކުރުމަށް ހުއްދަ ދީފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް ޕޯސްޓްމޯޓަމްގެ ނަތީޖާ އަދި ފުލުހުން ހާމައެއް ނުކުރެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ