މޫސުން ގޯސްވެ، ފަރަށް ލިބުނު ގެއްލުމުގެ ސާވޭ އެފްކޮންސްއަށް އަދިވެސް ނުފެށޭ

ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ބޭނުންކުރަމުން ދިޔަ ޕްލެޓްފޯމެއް ވިލިމާލޭގެ ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ރިޕޯޓެއް ހަދަން އެ މަސައްކަތް ކުރާ އެފްކޮންސްއިން އަމިއްލައަށް އެދިފައިވާއިރު މޫސުން ގޯސްވުމުގެ ސަބަބުން އެ ކުންފުންޏަށް އަދިވެސް ސާވޭ ހަދަން ނުފެށޭ ކަމަށް އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ. ވިލިމާލޭ ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ރިޕޯޓެއް އީޕީއޭ އިން ވެސް ވަނީ ހަދާފައެވެ. ނަމަވެސް އެފްކޮންސްއިން ސާވޭ ރިޕޯޓެއް ހަދަން އެދުނީ އީޕީއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގެއްލުމުގެ މިންވަރާ މެދު ހިތްހަމަނުޖެހިގެން ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ. "ސަން" އާ ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ސާވޭގެ މަސައްކަތް އެފްކޮންސް އަށް އަދިވެސް ނުފެށޭ ކަމަށެވެ. އަދި ފެށޭނެ ތާރީޚެއް ވެސް ބުނަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ. ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތާ ގުޅިގެން އިންޑިއާ ކުންފުންޏަކަށް ވާތީ އެފްކޮންސްއަށް ފިޔަވަޅު އަޅަން އީޕީއޭއަށް ނުކެރޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދުދެއްވައި ނައީމް ވިދާޅުވީ ވަކި ބަޔަކަށް ވީތީ ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. "އިންޑިއާއެއް އެމެރިކާއެއް ރަޝިޔާއެއް ނޯންނާނެ. އަދީބެއް ޔާމީނެއް، އިބްރާހިމް މުޙައްމަދު ޞާލިހެއް ނޯންނާނެ. ކޮންމެ ފަރާތަކުން ތިމާވެއްޓަށް ގެއްލުން ދިން ނަމަވެސް މައްސަލަ ބަލާނަން،" ނައީމް ވިދާޅުވިއެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ --- ފޮޓޯ/ އެފްކޮންސް އީޕީއޭއިން ކުރި ސާވޭގައި ބައިވެރިވުމުގެ ފުރުސަތު އެފްކޮންސްއަށް ދިން ނަމަވެސް އެ ކުންފުނީގެ ބަދަލުގައި ސާވޭގައި ބައިވެރިވީ ކުންފުނީގެ އިންޝުއަރެންސްގެ ބައެއް ކަމަށް ނައީމް ވިދާޅުވިއެވެ. "އެމީހުންގެ ފަރާތުން ބައިވެރިވާނަމޭ ކިޔާފަ ފަހުން އިންޝުއަރެންސުން ބައިވެރިވީ،" އޭނާ ވިދާޅުވިއެވެ. ނައީމް ވިދާޅުވީ ސާވޭ ރިޕޯޓު އަމިއްލައަށް ހެދުމަށް އެފްކޮންސްއިން އެދުނީ އެ ކުންފުންޏަށް ޖަވާބުދާރީވާން ދިން މުއްދަތުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އަލުން ސާވޭ ހެދުމަށްފަހު ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުންޏަށް އަންގާފައިވާނެކަމަށް ނައީމް ވިދާޅުވިއެވެ. ނަމަވެސް އެ މުއްދަތު ދިން ތާރީޚެއް އޭނާ ހާމަނުކުރައްވައެވެ. މީގެ ކުރިން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އެފްކޮންސްގެ ޕްރޮޖެކްޓްސް ޑިރެކްޓަރު އާރްވީއާރް ކިޝޯރް ވިދާޅުވީ ފަރަށް ލިބުނު ގެއްލުމާމެދު ކަންކުރުމުގައި އީޕީއޭއިން ދޭ ލަފަޔާ އެއްގޮތަށް އެ ކުންފުނިން ކަންކުރާނެ ކަމަށެވެ. "އީޕީއޭއާ ގުޅިގެން އަޅުގަނޑުމެން ކުރި އިންވެސްޓިގޭޝަނެއް ވަރަށް ފަހުން ނިމިއްޖެ. އަޅުގަނޑުމެން ޔަގީންކަން ދެން އީޕީއޭއާއި ސަރުކާރުގެ އެހެން މުއައްސަސާތަކާއެކު މިކަން ހައްލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން،" ކިޝޯރު ވިދާޅުވިއެވެ. ތިލަމާލެ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ/ ނާއިލް ހުސައިން ޕްލެޓްފޯމު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކެއް އީޕީއޭއިން ވަނީ އާއްމުކޮށްފައެވެ. އީޕީއޭއިން އާއްމުކުރި ފޮޓޯތަކުން ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ބާގަނޑު ފެނެއެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް އެ މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމެއް ފަރަށްއެރީ އޮގަސްޓް މަހުގެ 16ވަނަ ދުވަހުއެވެ. އަދި ހާދިސާ ހިނގިތާ 12 ދުވަސްފަހުން ޕްލެޓްފޯމް ފަރުމަތިން ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ