ޑްރަގާއި، ގޭންގް ތަކާއި ބިދޭސީ ސިފައިންގެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމުގެ ވަޢުދާއިއެކު، އުމަރު ރިޔާސީ ރޭހަށް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ޢިއުލާން ކުރަށްވައި، ކެމްޕޭންގެ ނުރަސްމީ މަސައްކަތްތައް ފައްޓަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ.
އުމަރުގެ ރިޔާސީ ކެމްޕޭން ޕްލޭން ކުރުމުގެ ފުރަތަމަ ބައްދަލުވުން ބޭއްވިކަން ހާމަކުރައްވަމުން އެކަމަށް އިޝާރާތް ކުރަށްވަމުން އުމަރު ވިދާޅުވެފައި ވަނީ، ޑްރަގާއި، ގޭންގް ތަކާއި އަދި ބިދޭސީ ސިފައިންގެ ނުރައްކަލުން މި ޤައުމު ސަލާމަތް ކޮށް، މިރާއްޖެ މުޅިން އާމިސްރާބަކަށް ގެންދިއުމުގެ ދަތުރު ފެށިފައިވާ ކަމަށެވެ.
އުމަރު ރިޔާސީ ކެމްޕެއިންގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު، އޭނާގެ ވެރިކަމެއްގެ ބައެއް ސިޔާސަތުތައް ވެސް މީގެ ކުރީން ވެސް ވަނީ ހާމަކުރައްވާފައެވެ. މިގޮތުން އޭނާގެ ވެރިކަމެއްގައި ގޯތި ގެދޮރުގެ ވިސްނުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ހާމަކުރަށްވާފައިވާއިރު، އުމަރުގެ ގޯތި ގެދޮރުގެ ވިސްނުމުގެ ތެރޭގައި ބިން ހިއްކައިގެން މާލެ ސަރަހައްދުން 15 ހާސް ގޯތި ދިނުމަށް ވަނީ ހިމަނާފައެވެ. ތްރީޖީ ހައުސިން މަޝްރޫޢުއެއް ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢުގެ ތެރެއިން ބިން ހިއްކައިގެން ގޯތި ދޭނީ ގުޅިފަޅާއި، ގިރާވަރު ފަޅާއި އަދި ގަލު ފަޅުން ކަމަށް ބުނެފަވެއެވެ.
މީގެއިތުރުން ސަރުކާރުން ވިޔަފާރި އުސޫލުން ބިން ވިއްކުން ހުއްޓާލުމަކީ ވެސް އުމަރުގެ ވިސްނުމެކެވެ. މިގޮތުން މިހާރު ހުޅުމާލެ ބަލަހައްޓަމުން އަންނަ ކުންފުނި، އެޗްޑީސީ އުވާލައި، ހުޅުމާލޭ ޑިވްލޮޕްމެންޓް އޮތޯރިޓީ އުފެއްދުމަށް ވެސް އުމަރުގެ ވިސްނުމުގައި ވަނީ ހިމަނާފައެވެ. މި ވިސްނުމުގައި ކޮންމެ އާއިލާއަކަށް ވެސް ރާއްޖޭގެ ކޮންމެވެސް ސަރަހައްދަކުން ދެވަނަ ގެއެއް ދިނުމަށް ހިމަނާފައިވާއިރު، ބިދޭސީ މަސައްކަތްތެރީން ތިލަފުށީ "އިންޑަސްޓްރިއަލް ޓަވްން"އަށް ބަދަލު ކުރާނެ ކަމަށް ވެސް އެ ވިސްނުމުގައި ބުނެފަވެއެވެ.
މީގެ އިތުރުން އުމަރުގެ ވެރިކަމެއްގައި އިސްލާމް ދީނާއި، ވަތަނީ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ތަކުރާރުކޮށް ދެއްވާފައެވެ. މިގޮތުން މީހުން މެރުމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ޤިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ރިޔާސީ އިންތިޚާބުގެ މަސައްކަތް ފައްޓަވާފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ އެ ކޯލިޝަންގެ ޓިކެޓް ކުރީގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމަށް ދީފައެވެ. އަދި ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް ކުރުމާއި ހަމައަށް ކެމްޕޭން ހަރަކާތްތައް ވެސް ވަނީ ހިންގާފައެވެ. އެ ޙުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިފައިވާއިރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ޑިފެންސް މިނިސްޓަރު، މިހާރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކަމަށް ކަނޑައަޅާފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ވެސް އަންނަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 23 ގައި ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ