ހުޅުމާލޭގެ ސަރުކާރު އޮފީސް އިމާރާތަށް އުމަރު ޒާހިރުގެ ނަންފުޅު

ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް އަލްމަރްހޫމް އުމަރު ޒާހިރުގެ ނަންފުޅުން ނަން ދީފި އެވެ.
ނީޝަން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލްމަރްހޫމް އަމަރު ޒާހިރަކީ ގައުމީ ހިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި ބޭފުޅެކެވެ.
އެމަނިކުފާނު ވަނީ އިޖުތިމާއީ، ގައުމީ އަދި އުމްރާނީ ތަރައްގީ ރާއްޖެއަށް ގެނައުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. މިގޮތުން މާލޭގެ މަގުތައް ހެދުމާއި މާލޭގެ އެއްގަމު ތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު، ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން ތިލަފުށި ހިއްކުން ފަދަ މަސައްކަތްތަކަކީ ސީދާ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.
އުމަރު ޒާހިރު ވަނީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަގާމެއް ފުރުއްވާފަ އެވެ. އެމނަިކުފާނު އަވަހާރަވީ ޑިސެމްބަރު 21، 2021 ގައެވެ.
ޕްލޭނިން މިނިސްޓްރީން އަންނަނީ އަންނަ މަހުގެ 15 ވަނަ ދުވަހު މި އޮފީސް އިމާރާތް ހުޅުވުމަށްޓަކައި މަސައްކަތް ކުރަމުންނެވެ.
މި އިމާރާތް ނިންމާފައިވަނީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން މައުލޫމާތު ދީފައިވެ އެެވެ.
ހުޅުމާލޭގެ އޮފީސް އިމާރާތް ބެހިފައިވާ ގޮތް:
ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އަށް ހާއްސަދެވަނަ ފަންގިފިލާ - ޖެންޑާ މިނިސްޓްރީތިންވަނަ ފަންގިފިލާ - ޓްރާންސްޕޯޓް މިނިސްޓްރީހަތަރުވަނަ ފަންގިފިލާ - އެމެރިކާ އެމްބަސީފަސްވަނަ ފަންގިފިލާ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީހަވަނަ ފަންގިފިލާ - މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް
ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަރު ނިންމެވުމާ ގުޅިގެންނެވެ.
މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގަން އަމިއްލަ އިމާރާތްތަކެއް ހޯދަންޖެހުނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ގެންދިޔަ ހުރަވީ ބިލްޑިން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ ފަންނީ ބޭފުޅުން ލަފާ ދިނުމާ ގުޅިގެން އެ އިމާރާތް ހުސްކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ